އިންޓަމިލާނަށް ކުޅެމުން އަންނަ ކްރޮއޭޝިއާގެ ތަޖުރިބާކާރު މިޑްފީލްޑަރު މާސެލޯ ބްރޮޒޮވިޗް ކޮވިޑް-19 އަށް ފައްސިވެއްޖެއެވެ.

އޭނާ ކޮވިޑް-19 އަށް ފައްސިވީ ކްރޮއޭޝިއާ އާއިއެކު ނޭޝަންސް ލީގަށް ކޭމްޕް ކުރަމުން ދަނިކޮށެވެ.

ކްރޮއޭޝިއާގެ ފުޓުބޯޅަ އިދާރާއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އެޓީމާއެކު ކޭމްޕް ކުރަމުންދާ މާސެލޯ ބްރޮޒޮވިޗް އާއިއެކު އަދި ކޯޗިންގް ސްޓާފެއްވެސް ކޮވިޑް-19 އަށް ފައްސިވެފައިވާކަމަށެވެ. އަދި ޓީމުގެ މިދެ މެމްބަރުން ކޮވިޑަށް ފައްސިވިކަން އެނގުނީ މިދިޔަ ބުދަދުވަހު އެޓީމުގެ ޑޮމަގޯޖް ވިޑާ ކޮވިޑަށް ފައްސިވުމާއި ގުޅިގެން މިރޭ އެޓީމުން ނޭޝަންސް ލީގުގައި ސްވިޑަން އާއި ދެކޮޅަށް ކުޅުމުގެ ކުރިން ހުކުރު ދުވަހު ހެދި ޓެސްޓުން ކަމަށެވެ. އަދި ބްރޮޒޮވިޗް އާއި ޓީމުގެ ސްޓާފްވެސް މިވަގުތު އެކަހެރިކޮށް އައިސޮލޭޝަންގެ މުއްދަތު ގުނަމުންދާކަމަށްވެސް މިބަޔާނުގައި ބުނެފައިވެއެވެ.

ކްރޮއޭޝިއާގެ ދެކުޅުންތެރިއަކާއި ސްޓާފެއް ކޮވިޑަށް ފައްސިވެފައިވާއިރު ރޭގެ ވަގުތެއްގައި ލިވަޕޫލް އަށް ކުޅޭ މިސްރުގެ ތަރި މުހަންމަދު ސަލާހުވެސް ކޮވިޑް-19 އަށް ފައްސިވެފައިވާކަމަށް މިސްރުގެ ފުޓުބޯޅަ އިދާރާއިން ވަނީ އަންގާފައެވެ. ސަލާހުވެސް ކޮވިޑަށް ފައްސިވީ މިސްރުގެ ގައުމީ ޓީމާއެކު ހުއްޓައެވެ. އެހެންނަމަވެސް އޭނާގެ ކިބައިން އެއްވެސް އަލާމާތެއް ފެންނަން ނެތް ކަމަށްވެސް އެއިދާރާއިން ވަނީ ބުނެފައެވެ.