އިޓަލީގެ އިންޓަރ މިލާނަށް ކުޅެމުން އަންނަ ޑެންމާކުގެ މިޑްފީލްޑަރު ކްރިސްޓިއަން އެރިކްސަން ކުރަމުންދިޔަ ޝަކުވާތަކަކީ އެއްވެސް ބަރުދަނެއް ނެތް ޝަކުވާތަކެއް ކަމަށް ބުނެ އެޓީމުގެ ކޯޗް ކޮންޓޭ އޭނާއަށް ބީރު ކަންފަތެއް ދީފިއެވެ.

މެޗުތައް ކުޅުމަށް ލިބޭ ފުރުސަތުތައް މަދުވެ ކޮންޓޭ ގާތުގައިވެސް އަދި މީޑިއާތަކުގައި ވާހަކަދައްކަމުންވެސް އެރިކްސަން ވަނީ ޝަކުވާކޮށްފައެވެ. އެހެންނަމަވެސް ކޮންޓޭ ބުނީ އެރިކްސަންގެ ޝަކުވާތަކަކީ އެއްވެސް ބަރުދަނެއް ނެތް ޝަކުވާތަކެއް ކަމަށާއި ޓީމަށް ކުޅުންތެރިން ނަގާނީ ކޯޗުކަމަށާއި ކޯޗު ނިންމާ ނިންމުމަކީ ޓީމަށް އެންމެ ފައިދާހުރި ނިންމުން ކަމަށެވެ.

ޕްރިމިއަރ ލީގުގައި ޓޮޓެންހަމްއަށް ކުޅެމުންއައި އެރިކްސަން އިންޓަރ މިލާނަށް ބަދަލުވީވެސް ޓޮޓެންހަމްއިން އޭނާއަށް ކުޅުމަށް ލިބޭ ފުރުސަތުތައް މަދުވުމުގެ ސަބަބުންނެވެ. އެހެންނަމަވެސް އިންޓަރ މިލާނަށް ބަދަލުވުމަށްފަހުވެސް އޭނާއަށް ކުޅުމުގެ ފުރުސަތު ގިނަ މެޗުތަކުގައި ލިބެނީ ބަދަލުކުޅުންތެރިއެއްގެ ގޮތުގައެވެ.

މިދިޔަހަފްތާގައި ބޭރުގެ މީޑިއާއަކާއި ވާހަކަދައްކަމުން އެރިކްސަން ބުނީ މިއީ އުންމީދުކުރި ގޮތްނޫން ކަމަށެވެ. ކޮންމެ ކުޅުންތެރިއަކުވެސް ބޭނުންވާނީ ކޮންމެ މެޗެއްގެވެސް ފުރިހަމަ ވަގުތުކުޅެން ކަމަށެވެ. އަދި ޓީމުގެ ސަޕޯޓަރުންވެސް އަދި ހުދު އޭނާވެސް ބޭނުންވަނީ ގިނަވަގުތު ކުޅުމަށްކަމަށް އޭނާ ބުނެފައިވެއެވެ. އެހެންނަމަވެސް ކޯޗުގެ ޕްލޭންގައި އޭނާއަށް އެފުރުސަތުނެތް ކަމަށް ގަބޫލުކުރާ ކަމަށާއި ކޯޗުގެ ނިންމުމަށް އިހްތިރާމްކުރާނެ ކަމަށްވެސް އޭނަވަނީ ބުނެފައެވެ.

އެރިކްސަންގެ ޝަކުވާތަކާއި ގުޅިގެން ކޮންޓޭއާއި ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބުދެމުން އޭނާބުނީ އޭނާގެ ނިންމުންތަކަކީ ވަކި ކުޅުންތެރިއަކަށް ފައިދާވާނެގޮތަށް ނިންމާ ނިންމުންތަކެއް ނޫންކަމަށާއި ކޮންމެ ނިންމުމެއްވެސް ނިންމަނީ ޓީމަށް އެންމެ ފައިދާ ބޮޑުވާނެ ގޮތަށް ވިސްނާފައިކަމަށެވެ. އަދި ޓީމާއި ވަކިވެގެންދާއިރު ދާނީ ޓީމާއި ހަވާލުވިއިރު ޓީމުއޮތް ހާލަތައްވުރެ އެތައް ގުނައަކުން ޓީމު ކުރިއަރުވާދީފައި ކަމަށްވެސް އޭނާ ބުނެފައިވެއެވެ.

މިސީޒަނުގައި އިންޓަރ މިލާން އޮތީ އިޓާލިއަން ލީގުގެ ޕޮއިންޓް ތާވަލުގެ ހަތްވަނައިގައި ކުޅުނު ހަތްމެޗުން 12 ޕޮއިންޓް ހޯދައިގެނެވެ. އަދި ޗެމްޕިއަންސް ލީގުގެ ގްރޫޕް ބީގައި އެޓީމު އޮތީ ޕޮއިންޓް ތާވަލުގެ ފުލުގައެވެ.