ނޭޝަންސް ލީގުގެ "އޭ" ލީގުގެ ތިންވަނަ ގްރޫޕުގައި ދުނިޔޭގެ ޗެމްޕިއަން ފްރާންސް އާއި ޔޫރަޕުގެ ޗެމްޕިއަން ޕޯޗުގަލް އިން ވާދަވެރި ކުޅުމަކަށްފަހު މޮޅެއް ހޯދައިފިއެވެ.

ފްރާންސްގެ ދަނޑުގައި ފްރާންސާއި ސްވިޑަން ބައްދަލުކުރި މެޗު ނިމުނީ 2-4ގެ ނަތީޖާއަކުން ފްރާންސް މޮޅުވެގެންނެވެ. މެޗުގެ 4 ވަނަ މިނެޓުގައި ލަނޑެއްޖަހާ މެޗުގައި ފުރަތަމަ ލީޑުނެގީ ސްވިޑަންއެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ވިކްޓަރ ކްލެސޮންއެވެ.

ފްރާންސް އިން ނަތީޖާ ހަމަހަމަކުރި ލަނޑު އޭގެ ބާރަ މިނެޓު ފަހުން ކާމިޔާބުކޮށްދިނީ އޮލިވިއަރ ޖިރޫޑްއެވެ. ފުރަތަމަ ހާފު ނިމުމުގެ ކުރިން ފްރާންސްއިން ވަނީ އިތުރު ލަނޑެއް ކާމިޔާބުކޮށް ލީޑު ނަގާފައެވެ.

މިލަނޑު ފުރަތަމަ ހާފުގެ 36 ވަނަ މިނެޓުގައި އެޓީމަށް ކާމިޔާބުކޮށްދިނީ ބެންޖަމިން ޕަވާޑެވެ. މިއީ މާކަސް ތުރަމް ފޮނުވާލި ހަމަލާއެއް ބްލޮކްވެގެން ރިބައުންސްއަށް އައުމުން ޕާވާޑް ކާމިޔާބުކުރި ލަނޑެކެވެ.

ފްރާންސްގެ އަނެއް ދެލަނޑު ދެވަނަ ހާފުގައި ފެނިގެންދިޔައިރު އެޓީމުން ލީޑުފުޅާކުރި ލަނޑު ކާމިޔާބުކުރީ ފުރަތަމަ ލަނޑުވެސް ކާމިޔާބުކޮށްދިން ތަޖުރިބާކާރު ފޯވާޑް ޖިރޫޑެވެ.

މިހާފުގައި ސްވިޑަންއިންވެސް ވަނީ ލަނޑެއް ކާމިޔާބުކޮށް ފަރަގުކުޑަކޮށްފައެވެ. މިލަނޑު މެޗުގެ ފުރިހަމަ ވަގުތު ހަމަވާން ދެމިނެޓަށް ވެފައިވަނިކޮށް އެޓީމަށް ކާމިޔާބުކޮށްދިނީ ރޮބިން ކުއެއިސަން އެވެ. ފްރާންސްގެ ހަތަރުވަނަ ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ފުރިހަމަ ވަގުތު ހަމަވެ ދެއްކި އިތުރު ވަގުތުގެ ފަހުވަގުތުކޮޅުގައި ކިންގްސްލީ ކޯމާންއެވެ.

މިގުރޫޕްގައި ދެން ކުޅުނު މެޗުން ޕޯޗުގަލް ކުރިހޯދީ 2-3ގެ ނަތީޖާއަކުންނެވެ. މެޗުގައި ފުރަތަމަ ލަނޑުޖަހާ ލީޑުނެގީ ކްރޮއޭޝިއާ އިންނެވެ. މިލަނޑު ފުރަތަމަ ހާފުގެ 29 ވަނަ މިނެޓުގައި އެޓީމަށް ކާމިޔާބުކޮށްދިނީ އެޓީމުގެ ދެލަނޑުވެސް ކާމިޔާބުކުރި މަޓިއޯ ކޮވަސިޗްއެވެ. ކޮވަސިޗްގެ ދެވަނަ ލަނޑު އޭނާ ކާމިޔާބުކުރީ މެޗުގެ 65 ވަނަ މިނެޓުގައެވެ.

ޕޯޗުގަލްގެ ތިންލަނޑުގެ ތެރެއިން ދެލަނޑު ރުބެން ޑިއާސް ކާމިޔާބުކޮށްދިން އިތު އެޓީމުގެ އަނެއް ލަނޑުކާމިޔާބުކުރީ ޖޮއާއޮ ފީލިކްސްއެވެ.

މިމެޗާއި ކުރިމަތިލިއިރު ޕޯޗުގަލްއަށް އޮތީ މުބާރާތުގައި އިތުރަށް ކުރިއަށް ދިއުމުގެ ފުރުސަތު ގެއްލިފައެވެ. ފްރާންސްއަށް އެޓީމު ކުޅުނު މެޗު އެއްވަރުކޮށްލައިގެންވެސް ނޭޝަންސް ލީގުގެ ފައިނަލްސްގެ މެޗުތައް ކުޅުމުގެ ފުރުސަތު އޮތެވެ.