ތ.މަޑިފުށީ ވިޔަފާރިވެރިއަކު އިސްނަގައިގެން އެ ރަށުގެ އަންހެނުންގެ މެދުގައި ވޮލީ މުބާރާތެއް ފަށައިފިއެވެ.

މުބާރާތުގެ މީޑިއާ ކޯޑިނޭޓަރު އަލީ ހަސީން ވިދާޅުވީ މުބާރާތުގައި މުއައްސަސާތައް ބައިވެރިވި ނަމަވެސް މުބާރާތް ކުރިއަށް ދަނީ ރަށުގައި ވޮލީ ކުޅޭ ހުރިހާ އަންހެނުން މުއައްސަސާތަކަށް ބަހާލައިގެން ކަމަށެވެ.

މި މުބާރާތުގައި ވާދަކުރާ ކޮންމެ މުއައްސަސާއަކަށްވެސް ރަށުން ބޭރު އެއް ކުޅުންތެރިއަކު ޓީމުގައި ޖެހުމުގެ ފުރުސަތު ލިބިގެންދެއެވެ. އެގޮތުން ރާއްޖޭގެ ނަން މަޝްހޫރު އަންހެން ބައެއް ވޮލީ ކުޅުންތެރިންވެސް މި މުބާރާތުގައި ކުޅެއެވެ. އެގޮތުން ރާއްޖޭގެ ޖޫނިއަރ ގައުމީ ޓީމުގެ ކުޅުންތެރިއަކުވެސް މިމުބާރާތުގައި ކުޅޭކަމަށް އިންތިޒާމުކުރާ ފަރާތުން މައުލޫމާތުދެއެވެ.

"ޑޮސްލުނަސް ހިތްތިރި" ވޮލީބޯލް ޓޯނަމަންޓުގެ ނަމުގައި ކުރިއަށް ގެންދާ މި މުބާރާތް ފަށާފައިވަނީ މިމަހުގެ 15 ވަނަދުވަހުއެވެ. މުބާރާތުގައި މިހާތަނަށް ހަތަރު މެޗެއް ކުޅެފައިވެއެވެ.

ފުރަތަމަ މެޗުގެ މޮޅުކުޅުންތެރިޔާ މަހްފޫޒާ - ފޮޓޯ: އަހްމަދު މުނާޒް / މަޑިފުށި

މުބާރާތުގެ ފުރަތަމަ މެޗުގައި ބައްދަލުކުރީ މަޑިފުށި ސުކޫލާއި މަޑިފުށި ކައުންސިލެވެ. މިމެޗު ސީދާ ތިން ސެޓުން ކާމިޔާބުކޮށްފައިވަނީ މަޑިފުށީ ކައުންސިލްގެ ޓީމުންނެވެ. މެޗުގެ ކުއީން އޮފް ދަ މެޗަކަށް ހޮވިފައިވަނީ މަޑިފުށީ ކައުންސިލް ޓީމުގެ ޖާޒީ ނަންބަރު 11، އައިޝަތް މަހްފޫޒާއެވެ.

ދެ ވަނަ މެޗުގައި މަޑިފުށި ފެނަކަ ބްރާންޗްގެ ޓީމް ވަނީ މަޑިފުށީ ޕޮލިހުގެ ޓީމްގެ މައްޗަށް ކުރި ހޯދާފައެވެ. ފެނަކައިގެ ޓީމުން މި މެޗު ކާމިޔާބުކުރީ 1-3 ސެޓުންނެވެ. މިމެޗުގެ މޮޅުކުޅުންތެރިއަކަށް ހޮވިފައިވަނީ ފެނަކަ ޓީމުގެ ޖާޒީ ނަންބަރު 11، އައިމިނަތު ނާޝިދާއެވެ.

ތިންވަނަ މެޗުގެ މޮޅުކުޅުންތެރިޔާ މާޔާ ހުސެއިން ސޮލާހް - ފޮޓޯ: އަހްމަދު މުނާޒް/މަޑިފުށި

މުބާރާތުގައި މިދިޔަ އަންގާރަ ދުވަހު ވެސް ވެސް ވަނީ ދެމެޗެއް ކުޅެފައެވެ. ފުރަތަމަ މެޗުގައި ވާދަކޮށްފައިވަނީ އެރަށު ސުކޫލުގެ ޓީމާއި ރަށުގެ ހެލްތް ޓީމެވެ. މިމެޗު 3-2 ސެޓުން ކާމިޔާބުކުރީ ރަށު ސުކޫލުގެ ޓީމެވެ. މިމެޗުގައި މަޑިފުށީ ހެލްތްގެ ޓީމަށް ކުރީގެ އަންހެން ގައުމީ ޓީމުގެ ކުޅުންތެރިއާ މަރިއަމް އަޒީފާވެސް ވަނީ ކުޅެފައެވެ. މެޗުގެ މޮޅުކުޅުންތެރިއަކަށް ހޮވިފައިވަނީ މަޑިފުށީ ސްކޫލަށް ކުޅެމުންއަންނަ އެރަށު ސުކޫލުގެ ދަރިވަރު އުމުރުން 14 އަހަރުގެ މާޔާ ހުސެއިން ސޮލާހެވެ. މާޔާ އަކީ މަޑިފުށީގައި ފާހަގަކޮށްލެވޭ މޮޅު ވޮލީ ކުޅުންތެރިއެއްކަމަށް މުބާރާތް އިންތިޒާމް ކުރާފަރާތުން ވަނީ މައުލޫމާތު ދީފައެވެ.

އިއްޔެ ކުޅުނު ފަހު މެޗުގައި ރަށު ކައުންސިލްގެ ޓީމާއި ފެނަކަ ޓީމު ބައްދަލުކުރިއިރު މިމެޗު 2-3 ސެޓުން ކާމިޔާބުކޮށްފައިވަނީ ފެނަކަ ޓީމެވެ. މި މެޗުގެ މޮޅުކުޅުންތެރިއަކަށް ހޮވިފައިވަނީ ފެނަކަ ޓީމުގެ އައިޝަތް ސޮފާއެވެ.

ހަތަރުވަނަ މެޗުގެ މޮޅުކުޅުންތެރިޔާ އައިޝަތު ސޮފާ - ފޮޓޯ: އަހްމަދު މުނާޒް / މަޑިފުށި

މުބާރާތުގައި ހަތަރު މެޗު ކުޅެފައިވާއިރު މިވަގުތު ޕޮއިންޓް ތާވަލުގެ އެއްވަނައިގައި ކުޅުނު ދެމެޗުވެސް ކާމިޔާބުކޮށްގެން އޮތީ ފެނަކަ ޓީމެވެ.

މުބާރާތް އިންތިޒާމްކޮށްފައިވާ "ހިތްތިރި" ފިހާރައިގެ ވެރިޔާ މުހަންމަދު ރަޝީދަކީ އެރަށުގައި ރައްޔިތުންގެ މެދުގައި ގުޅުންބަދަހި ކުރުމަށް ގިނަ ހަރަކާތްތަކަކާއި މުބާރާތްތަކެއް ހިންގަމުންދާ ވިޔަފާރިވެރިއެކެވެ. އަދި ކައިރި މުސްތަގްބަލެއްގައި ފިރިހެނުންނަށް ހާއްސަ މުބާރާތެއްވެސް ބޭއްވުމަށް ނިންމާފައިވާކަން މުބާރާތް އިންތިޒާމުކުރާ ފަރާތުން ވަނީ މައުލޫމާތު ދީފައެވެ.