ތ. މަޑުފުށީގައި ވޭސްޓް އެންޑްރިސޯސް މެނޭޖްމެންޓް ސެންޓަރެއް އަޅައިދޭނެ ބަޔަކު ހޯދަން އެންވަޔަރަމެންޓް މިނިސްޓްރީން އިއުލާނުކޮށްފި އެވެ.

އެންވަޔަރަމެންޓް މިނިސްޓްރީން ގެޒެޓްގައި ކޮށްފައިވާ އިއުލާނުގައި ބުނެފައިވަނީ ދިވެހި ސަރުކާރުގެ ފަރާތުން އެ މިނިސްޓްރީއިން އިންޓަނޭޝަނަލް ޑިވެލޮޕްމަންޓް އޮސޯސިއޭޝަން - ވޯލްޑް ބންކުގެ ހިލޭ އެހީގައި ހިންގަމުންދާ މޯލްޑިވްސް ކްލީން އެންވަޔަރަންމަންޓްގެ ދަށުން ތ. މަޑުފުށީގައި ވޭސްޓް އެންޑްރިސޯސް މެނޭޖްމެންޓް ސެންޓަރު އިމާރާތް ކުރުމަށް ޝައުގުވެރިވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ.

އެކަމަށް ޝައުގުވެރިވާ ފަރާތްތައް މަސައްކަތް ކުރުމުގެ ގާބިލްކަން ސާބިތުކޮށް ދިނުމުގެ ގޮތުން އެޓޭޗްކޮށްފައިވާ ބީލަން ފޮތުގައި ބަޔާންކޮށްފައިވާ މައުލޫމާތު ހުށަހަޅަންވާނެ ކަމަށް އިއުލާނުގައި ބުނެފައި ވެއެވެ.

މިނިސްޓްރީން ބުނީ އެ މަސައްކަތް ކުރާނެ ފަރާތްތައް ހޮވާނީ ނެޝަނަލް ކޮމްޕެޓިޓިވް ބިޑިން އުސޫލުން، ވޯލްޑް ބޭންކް ގައިޑްލައިންސްގެ އުސޫލުތަކާއި އެއްގޮތްވާ ގޮތުގެ މަތިން ކަމަށެވެ.

ބީލަން ހުށަހެޅުމަށް ޝައުގުވެރިވާ ފަރާތްތަކުން އެންވަޔަރަމެންޓް މިނިސްޓްރީގައި ރެޖިސްޓަރީ ކުރަންވާނެ ކަމަށާއި މިއަދުން ފެށިގެން 2022 އޭޕްރީލް 26 ވާ އަންގާރަ ދުވަހުގެ ނިޔަލަށް ކަމަށެވެ.

އިއުލާނުގައި ބުނެފައިވަނީ މަޝްރޫއުގެ ބިޑް ސެކިއުރިޓީގެ ގޮތުގައި 19,000 ދިވެހި ރުފިޔާ ހުށަހަޅަން ޖެހޭނެ ކަމަށެވެ.

އެ މަސައްކަތައް ޝައުގުވެރިވާ ފަރާތްތަކުން މެއި މަހުގެ 15 ވަނަ ދުވަގެ ހެނދުނު 11:00 އިގެ ކުރިން ބީލަށް ހުށަހެލުމަށް މިނިސްޓްރީގެ އިއުލާނުގައި ބުނެފައި ވެއެވެ. ބީލަން ހުށަހަޅަން ޖެހޭނީ އެންވަޔަރަމެންޓް މިނިސްޓްރީގެ މެއިލަށެވެ.