ފަހަތުން އަރާ ޖެހި ތިން ގޯލާއެކު ފްރާންސްގެ ޕީއެސްޖީ ދަމަހައްޓަމުން އައި މޮޅުވުމުގެ ސިލްސިލާއަށް ނިމުމެއް ގެނެސް، މޮނާކޯ ތާވަލުގެ ދެވަނައަށް ޖެހިލައިފިއެވެ.

މޮނާކޯގެ ދަނޑުގައި ކުޅުނު މެޗު އެ ޓީމުން ކާމިޔާބުކުރީ 3-2 ގެ ނަތީޖާއަކުންނެވެ. މި މެޗުގެ ފުރަތަމަ ހާފުގައި ޕީއެސްޖީގެ އެމްބާޕޭ ވަނީ ދެ ގޯލު ޖަހާ ލީޑު ނަގާފައެވެ. މިއީ އަނިޔާއިން ރަނގަޅުވެ އެމްބާޕޭ ޕީއެސްޖީއަށް ކުޅެދިން ފުރަތަމަ މެޗެވެ.

ފުރަތަމަ ހާފުގައި އެމްބާޕޭ ފުރަތަމަ ލަނޑު ޖަހާފައިވަނީ މެޗުގެ 25 ވަނަ މިނެޓުގައެވެ. މި ލަނޑު އޭނާ ކާމިޔާބުކުރީ ޑިމާރިއާ ތަނަވަސްކޮށްދިން ފުރުސަތެެއްގައެވެ. އެ ޓީމުގެ ދެވަނަ ލަނޑު އެމްބާޕޭ ޖެހީ ލިބުނު ޕެނަލްޓީއަކުންނެވެ. މެޗުގެ 37 ވަނަ މިނެޓުގައި ކާމިޔާބުކުރި މި ޕެނަލްޓީއާއެކު ފުރަތަމަ ހާފު ނިންމާލީ މި ނަތީޖާގައި އޮވެގެންނެވެ. ނަމަވެސް މި ހާފު ނިމުމުގެ ކުރިން އެމްބާޕޭއަށް ވަނީ ހެޓްރިކް ހެދުމުގެ ފުރުސަތު ލިބފައެވެ. ފުރަތަމަ ހާފުގެ ފުރިހަމަ ވަގުތު ހަމަވެގެން ރެފްރީ ދެއްކި އެއް މިނެޓު ތެރޭގައި ލަނޑެއް ޖެހިނަމަވެސް އެއީ އޮފްސައިޑް ލަނޑެއް ކަމަށް ވީއޭއާރު ބެލުމަށްފަހު ރެފްރީ ވަނީ ނިންމާފައެވެ.

މެޗުގެ ފުރަތަމަ ހާފުގައި ޕީއެސްޖީން ބޯޅަ ހިފަހައްޓައިގެން މޮޅަށް ކުޅުނު ނަމަވެސް ދެވަނަ ހާފު ވަރުގަދަކޮށް ފެށީ މޮނާކޯއެވެ. އެގޮތުން ފޯވާޑް ގެބެލްސްގެ ބަދަލުގައި ތަޖުރިބާކާރު މިޑްފީލްޑަރ ސެސް ފެބްރިގަސް ކުޅެން ނުކުތްއިރު އެ ޓީމު މި ހާފުގައި ކުޅުނީ ފުރަތަމަ ހާފާއި ހިލާފަށް ތަފާތުކޮށެވެ. ނަތީޖާއެއްގެ ގޮތުން މެޗުގެ 52 ވަނަ މިނެޓުގައި ވޮލަންޑް ވަނީ މޮނާކޯއަށް ސުން ކަނޑުވާލަދީފައެވެ.

ދެވަނަ ހާފުގައި މޮނާކޯއިން ކުރާ ޕްރެޝަރު އިތުރުވާން ފެށުމާއެކު ޕީއެސްޖީން ޑިމާރިއާގެ ބަދަލުގައި ނޭމާ ކުޅެން އެރުވިއެވެ. ނަމަވެސް ނޭމާ ކުޅެން އެރިތާ ފަސް މިނެޓުފަހުން މެޗުގެ 65 ވަނަ މިނެޓުގައި އެ ޓީމުން ވަނީ ދެވަނަ ލަނޑެއް ޖަހާ ނަތީޖާ ހަމަހަމަކޮށްފައެވެ.

މެޗުން މޮނާކޯ މޮޅުވި ގޯލު ޖަހާފައިވަނީ 83 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުންނެވެ. މިއީ އޭރިއާ ތެރެއިން ޑިއަލޯ ކުރި ފައުލަކާއި ގުޅިގެން ލިބުނު ޕެނަލްޓީއެކެވެ. އެއާއެކު އޭނާއަށް ވަނީ ރަތްކާޑެއް ދައްކާފައެވެ. މެޗުން މޮނާކޯ މޮޅުވި ލަނޑު ޖަހާފައިވަނީ ފެބްރިގަސް އެވެ.

މި މެޗުގައި މޮނާކޯގެ ކެޕްޓަން ކޮވިޑަށް ފައްސިވުމާއެކު އެ ޓީމުން ކުޅުނީ އޭނާއާއި ބައްދަލުވި ބައެއް ފުރަތަމަ އެގާރައިގައި ހިމެނޭ ކުޅުންތެރިން ނުލައެވެ،. އެގޮތުން ފުރަތަމަ އެގާރައިގައިި ހިމަނާފައިވާ ޖުމްލަ 8 ކުޅުންތެރިންނަކީ ޒުވާން ކުޅުންތެރިންކަން ފާހަގަކޮށްލެވެއެވެ.