"އޭއެފްސީ ބްރެކެޓް ޗެލެންޖް" ގެ ފައިނަލުގައި ހޮންގްކޮންގެ އެންމެ ކާމިޔާބު ކުޅުންތެރިޔާ ޗަން ސިއު ކީ އާއި ރާއްޖޭގެ އެންމެ ކާމިޔާބު ކުޅުންތެރިޔާ އަލީ އަޝްފާގު (ދަގަނޑޭ) އަށް ވޯޓުލުމުގެ ސުންގަޑި ހަމަވާން ބާކީ އެއް ދުވަހަށް ވިއިރުވެސް ދަގަނޑޭ އޮތީ ބޮޑު ލީޑެއްގައެވެ.

އާދީއްތަ ދުވަހުގެ މެންދުރުފަހު 13:00 އަށް ވޯޓުލުމުގެ ސުންގަޑި ހަމަވާއިރު، ހޮނިހިރު ދުވަހުގެ 11:05 އާއި ހަމައަށް ވޯޓުލާފައިވާ ނިސްބަތަށް ބަލާއިރު ދަގަނޑޭއާއި ހޮންކޮން ކުޅުންތެރިޔާއާއި ދެމެދު ބޮޑު ފަރަގެއް އެބައޮތެވެ. ދަގަނޑޭއަށް ލިބުނީ 88.44 އިންސައްތަ ވޯޓެވެ. ޗަން ސިއު ކީ އަށް ލިބުނީ 11.56 އިންސައްތައެވެ.

އަޝްފާގަށް ވޯޓުލުމަށް މި ލިންކަށް ފިއްތާލައްވާ!

މިދިޔަ ހަފުތާގެ ބުދަދުވަހު ވޯޓުލުމުގެ ފުރުސަތު ހުޅުވާލިއިރު މިއަދާއި ހަމައަށްވެސް އަޝްފާގު އޮތީ ބޮޑު ލީޑެއްގައިކަން ފާހަގަކޮށްލެވެއެވެ.

ރާއްޖޭގައި ބްރެކެޓް ޗެލެންގެ ފޯރިގަދަވެ ދަގަނޑޭއަށް ވޯޓު ހޯދައިދިނުމަށް މީސްމީޑިއާގައިވެސް އަދި އެހެނިހެން ގޮތްތަކުންވެސް އެންމެ ބޮޑަށް ކެމްޕޭނުކޮށްފައިވަނީ ކުއާޓާފައިނަލުން ފެށިގެންނެވެ. ފޭސްބުކާއި ޓްވިޓާގައި އަދި އާއިލީ ވައިބާ އާއި ވަޓްސްއެޕް ގުރޫޕުތަކުގައިވެސް ގިނަ އަދަދެއްގެ ރައްޔިތުން ވަނީ ދަގަނޑޭއަށް ވޯޓު ހޯދައިދިނުމަށް މަސައްކަތްކޮށްފައެވެ.

އެންމެފަހުން ނިމުނު މި ޗެލެންޖުގެ ކުއާޓާފައިނަލާއި ސެމީފައިނަލުގައި އަޝްފާގަށް ލައްކައިން ވޯޓު ލިބުނު ކަމަށް އޭއެފްސީން ވަނީ ހާމަކޮށްފައެވެ. އެހެންކަމުން ފައިނަލް ބުރުގައިވެސް ގިނަ ވޯޓުތަކެއް ލިބޭނެކަމަށް ބެލެވެއެވެ. އެއީ ގިނަ ބަޔަކު އަޝްފާގަށް ތާއީދުކޮށް ކެމްޕެއިން ކުރަމުންދާތީއެވެ.

ކުއާޓާފައިނަލާއި ސެމީފައިނަލުގައި ދަގަނޑޭ ވާދަކޮށްފައިވަނީ ވިއެޓްނާމްގެ ނަން މަޝްހޫރު ދެ ކުޅުންތެރިންނާއެވެ. މުބާރާތުގެ ފައިނަލަށް ދަގަނޑޭ ދަތުރުކޮށްފައިވަނީ ސެމީފައިނަލުގައި ވާދަވެރި ކުރިމަތިލުމަކަށް ފަހުއެވެ. މި ދެ ބުރު ފަހަނައަޅައި ދަގަނޑޭ މުބާރާތުގެ ފައިނަލަށް ދަތުރުކުރީ ދިވެހި ގިނަ އަދަދެއްގެ ސަޕޯޓަރުން އެއްބައިވެގެން ކުރި މަސައްކަތުންނެވެ. އެގޮތުން އަޝްފާގްއަށް ވޯޓު އިތުރުކުރުމަށް "ޓީމް އަޝްފާގު" ނަމުގައި ހިންގާ ކޮމިއުނިޓީ ވައިބާ ގްރޫޕް އެއް ވަނީ ހުޅުވާފައެވެ. މި ގްރޫޕުންވެސް ފައިނަލާއި ގުޅޭގޮތުން ސަޕޯޓަރުންނާއި ގުޅިގެން ކަންކަން ކުރުމަށް ވަނީ ރާވާފައެވެ.

އޭއެފްސީ ކަޕުގައި ޖަހާފައިވާ އެންމެ ރީތި ސޯލޯ ގޯލުތަކުގެ މެދުގައި ކުރިޔަށްދާ މި ޗެލެންްޖުގައި ދަގަނޑޭގެ ގޯލުތަކުގެ ތެރެއިން ހޮވާފައިވަނީ އޭއެފްސީ ކަޕުގައި 2013 ވަނަ އަހަރު ނިއުރޭޑިއަންޓް އިން އިންޑޮނޭޝިއާގެ ޕާސިބޯގެ މައްޗަށް 0-7 އިން ކުރިހޯދި މެޗުގައި ދަގަނޑޭ ޖަހަައިދިން ރީތި ހިތްގައުމު ސޯލޯ ގޯލެވެ. މިމެޗުގައި ދަގަނޑޭ ވަނީ 5 ލަނޑު ކާމިޔާބުކޮށްފައެވެ.

 

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ފަސާދަ

    އަދިވެސް މަސައްކަތް ކުރަންވީ %95 ޓާގެޓަކަށް ހަދައިގެން.
    މެލޭޝިޔާ ބުރޫނާއި ފަދަ އަޝްފާގުގެ ފެންވަރު އިނގޭ ގައުމުތަކަށް ޙާއްސަކޮށް ސޯޝަލް މީޑިއާ ކެމްޕެއިނެއްވެސް ހިންގަންވީ.

    14
    1
  2. ހަގީގަތް

    ތިކަން މާބޮޑު ކަމަކައް ހަދައަގެން އުޅެނީ ދިވެން އެކަނި އެކަނި ހެން ހީވަނީ..މަރުހަބާ އަޝްފާގް

    16
  3. ޙަސީބު

    ތި ވޯޓްގެ ވެލިޑިޓީ އެެއް ނެތް އަސްލު އެކަކަށް ސަތޭކަ ވޯޓު ލެވޭ...އަސްފާގު ހޮވުން އެދެނީ އެކަމަކު އޮޅުވާލުމެެއް ނެތި

    17