ޗެލްސީގެ ކޯޗުކަމުގެ މަގާމުގައި ހުރި ދުވަސްވަރުގައި އޭނާއާ ކުރިމަތިލާން ޖެހުނު ޕްރެޝަރުގެ ކުޑަ މިންވަރެއް ވެސް މިހާރު އެޓީމުގެ ކޯޗް ކަމުގެ މަގާމާއި ހަވާލުވެގެން ހުރި ފްރޭންކް ލަމްޕާޑަށް ނެތްކަމަށް ޓޮޓެންހަމްގެ ކޯޗު ހޯސޭ މޮރީނިއޯ ބުނެފިއެވެ.

ކުޅުންތެރިއެއްގެ ގޮތުގައި އެތައް ސީޒަނެއް ޗެލްސީގައި ހޭދަކުރުމަށްފަހު އެޓީމުގެ ކޯޗުކަމާއި ލަމްޕާޑް ހަވާލްވެފައިވަނީ ފާއިތުވީ ސީޒަނުގައެވެ. އަދި އޭނާގެ ކޯޗުކަމުގެ ދަށުގައި ޗެލްސީއިން ކުޅުނު ފުރަތަމަ ސީޒަނުގައި އެޓީމަށް ލިބުނީ ޕްރިމިއަ ލީގުގެ ޕޮއިންޓް ތާވަލްގެ ހަތަރުވަނައެވެ.

މޮރީނިއޯއަކީ ދެ ފަހަރަށް ޗެލްސީގެ ކޯޗުކަމާއި ހަވާލުވެ ތިން ފަހަރަށް ޕްރިމިއަ ލީގް އެ ޓީމަށް ކާމިޔާބުކޮށްދީފައެވެ.

ލީގުގައި ލަމްޕާޑުގެ ޗެލްސީ އާއި މޮރީނިއޯގެ ޓޮޓެންހަމް ބައްދަލުކުރާ މެޗުގެ ކުރިން ނޫސްވެރިންނާ ވާހަކަދައްކަމުން މޮރީނިއޯ ބުނީ އޭނާ ޗެލްސީގެ ކޯޗުކަމުގެ މަގާމުގައި ހުރިއިރު އެކި ފަރާތްތަކުން ބޮޑެތި ޕްރެޝަރުތައް ކުރިމަތި ކުރުވާކަމަށާއި އެކަމުގެ ސަބަބުން ޓީމްގެ ކަންތައްތަކާއިވެގެން އުޅުމަށް ބޮޑެތި ގޮންޖެހުން ތަކަކާއި ކުރިމަތިލާން ޖެހުނުކަމަށެވެ.

ނަމަވެސް މިހާރު ޗެލްސީ އާއި ޔުނައިޓެޑް ފަދަ ލީގުގެ ބޮޑެތި ކްލަބްތަކުގެ ކޯޗުންނަށް މި ޕްރެޝަރުތަކާއި ކުރިމަތިވާލެއް ކުޑަ ކަމަށެވެ. އަދި އެކަމުގެ ސަބަބުން އެ ކޯޗުންނަށް މެޗުތަކުން އެދެވޭ ނަތީޖާ ނުނެރެވޭކަމަށް ވެސް މޮރީނިއޯ ވަނީ ބުނެފައެވެ.

ނަމަވެސް މޮރީނިއޯ ބުނީ މިއަދު އޭނާއަށް ޓޮޓެންހަމްގައި މިފަދަ ޕްރެޝަރުތަކެއް ނެތް ކަމަށާއި ލަމްޕާޑަށް މިއަދު އޭނާއަށް ވުރެ ބޮޑަށް ޕްރެޝަރު ބޮޑުވާނެ ކަމަށެވެ.

މޮރީނިއޯގެ ފަރާތުން ޗެލްސީގެ މެނޭޖްމަންޓަށް ނުރުހުމުގެ ފާޑުކިޔުންތަކެއް އަމާޒުވެފައިވާއިރު ޗެލްސީގެ ކެޕްޓަން ސެޒާ އަޒްޕިލިކުއެޓާ ވަނީ މި ދެޓީމުގެ ކުރިމަތިލުމުގައި ލަންޑަނުގެ އެއްވަނަ ޓީމަކީ ޗެލްސީކަން ޓޮޓެންހަމް އަށް ސާބިތުކޮށްދޭނެކަމަށް ބުނެފައެވެ.

އެންމެ ފަހުގެ ނަތީޖާތަކަށްބަލާއިރު މިވަގުތު ޕްރިމިއަ ލީގުގެ އެއްވަނައިގައި 20 ޕޮއިންޓާއެކު އޮތީ ޓޮޓެންހަމްއެވެ. ދެވަނައިގައި ލިވަޕޫލްވެސް ހަމަ މިއަދަދަށް ޕޮއިންޓް ހޯދައިގެން އޮތް ނަމަވެސް ޓޮޓެންހަމަށް ކުރި ލިބެނީ ގޯލްގެ ތަފާތުންނެވެ. ޗެލްސީ ތާވަލުގެ ތިންވަނައިގައި އޮތީ 18 ޕޮއިންޓާ އެކުގައެވެ.