މޯލްޑިވްސް ބާސްކެޓްބޯލް އެސޯސިއޭޝަން (އެމްބީއޭ) ގެ އިންތިޚާބު ޑިސެމްބަރ 12 ގައި ބޭއްވުމަށް ނިންމައިފިއެވެ.

އެމްބީއޭއިން ނެރުނު ބަޔާނެއްގައި ބުނީ އެ އެސޯސިއޭޝަނުގެ ކުރިއަށް އޮތް ދައުރުގެ ހިންގާ ކޮމިޓީ އިންތިޚާބުކުރުމަށްޓަކައި އާންމު ޖަލްސާއެއް ޑިސެމްބަރު މަހުގެ 12 ވާ ހޮނިހިރު ދުވަހުގެ ހަވީރު 05:00 ގައި ސޮލައިޓް ރެސްޓޯރަންޓުގެ ނުވަވަނަ ފަންގިފިލާގެ އިންޑޯ ހޯލުގައި ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށެވެ.

އެހެންކަމުން އިންތިޚާބުގައި ވޯޓުދިނުމުގެ ހައްގުލިބިފައިވާ ފުރިހަމަ މެންބަރު ކުލަބު/ޖަމުޢިއްޔާތައް ތަމްސީލުކުރާ މަންދޫބުން ރަޖިސްޓާ ކުރުމަށް ހުށަހަޅާ ޕްރޮކްސީ ފޯމާއި، އިންތިޚާބުގައި ހޮވާ މަގާމުތަކަށް ކުރިމަތިލުމަށް ހުށަހަޅާ ފޯމު ޑިސެމްބަރު މަހުގެ އެކަކުން ފެށިގެން 10 ވަނަ ދުވަހުގެ ނިޔަލަށް ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 9:00 ން 12:00 ށް އެ އެސޯސިއޭޝަނުން ލިބެން ހުންނާނެ ކަމަށްވެސް ވަނީ ބުނެފައެވެ.

އެމްބީއޭގެ އިންތިޚާބުގައި ވޯޓުލުމުގެ ހައްގު 23 ކުލަބަކަށް ލިބެއެވެ. އަންނަ މަހު ދައުރު ހަމަވުމުން އިތުރު ދައުރަކަށް ކުރިމަތިނުލަން ނިިންމަވާ، އިންތިޙާބުގައި ވާދަނުކުރައްވަން މޯލްޑިވްސް ބާސްކެޓްބޯލް އެސޯސިއޭޝަން (އެމްބީއޭ) ގެ ރައީސް އަހުމަދު މަމްދޫހު (މަންޑޭ) ވަނީ ނިންމަވާފައެވެ.

މަންޑޭގެ ދައުރު ހަމަވާނީ އަންނަ މަހުގައެވެ. އަންނަ މަހުގެ 12 ވަނަ ދުވަހު އެމްބީއޭގެ އަހަރީ އާންމު ޖަލްސާ ބޭއްވުމަށް ވަނީ ތާވަލުކޮށްފައެވެ.

ވަޓްސްއެޕްގައި ހިއްސާކުރެއްވި މެސެޖެއްގައި މަމްދޫހު ވިދާޅުވީ އޭނާގެ ދައުރުގައި ކަނޑައެޅި ގިނަ ކަންކަން ހާސިލްކުރެވިފައިވާ ކަމަށެވެ.

އެހެންކަމުން ހިންގާ ކޮމިޓީގައި މަސައްކަތްކުރެއްވި މެމްބަރުންނަށް ޝުކުރުއަދާކުރާ ކަމަށާއި ކުރިއަށްއޮތް އެމްބީއޭގެ އިންތިޚާބުގައި ވާދަނުކުރަން ނިންމި ބޭނުމަކީ ދެން އޮތް ޖީލަށްވެސް އެ ފުރުސަތު ދިނުން ކަމަށް ވަޓްސްއެޕް ގްރޫޕުގައި މައުލޫމާތު ހިއްސާކުރައްވަމުން މަންޑޭ ވިދާޅުވިއެވެ.

އެންމެ ފަހުން އެމްބީއޭގެ އިންތިޚާބު ބޭއްވީ 2016 ވަނަ އަހަރުއެވެ. އެ އަހަރުގެ އޮކްޓޯބަރު މަހުގެ 20 ވަނަ ދުވަހުގެރޭ ފުރަތަމަ ބޭއްވި އިންތިޚާބުގައި މަމްދޫހު ބަލިކުރައްވާ އެމްބީއޭގެ ރައީސްގެ މަގާމަށް އިންތިޚާބުވީ ކުރީގެ މަޖިލިސް މެންބަރު އަބްދުﷲ ސިނާނެވެ. އެކަމަކު ސިނާން ވަނީ އެމްބީއޭގެ ރައީސްގެ މަގާމަށް އިންތިޚާބުވެވަޑައިގެންނެވިތާ ކުޑައިރުކޮޅެއްގެ ތެރޭގައި އިސްތިއުފާ ދެއްވާފައެވެ.

އެއާއެކު އެއަހަރުގެ ޑިސެމްބަރު މަހުގެ 17 ވަނަ ދުވަހު އިންތިޚާބު ދެވަނަ ފަހަރަށް ވަނީ ބާއްވާފައެވެ. ވިޝާމް ރަޝީދާއި ވާދަކުރައްވާ މަންޑޭ މި އިންތިހާބު ކާމިޔާބުކުރެއްވީ ވޯޓުލި 18 ކުލަބުގެ ތެރެއިން 17 ކުލަބުގެ ވޯޓާއެކުގައެވެ.