ޔުއެފާ ޗެމްޕިއަންސް ލީގުގައި ޕީއެސްޖީއިން މެންޗަސްޓަރ ޔުނައިޓެޑްގެ މައްޗަށް ކުރިހޯދި މެޗުގައި ޕީއެސްޖީގެ ތަރި ނޭމާގެ އަމަލުތައް ހުރިގޮތުގެ ސަބަބުން އޭނާއަށް ފާޑުކިޔުން އަމާޒުވެއްޖެއެވެ.

އާންމުގޮތެއްގައިވެސް އަހުލާގީ ގިނަ މައްސަލަތަކެއްގެ ސަބަބުން އެތައް ބައެއްގެ ނުރުހުން އަމާޒުވާ ނޭމާ ވަނީ ބުދަ ދުވަހުގެރޭ ކުޅުނު މެޗުގައި ޔުނައިޓެޑްގެ މިޑްފީލްޑަރ މިކް ޓޮމިނޭގެ ލަދުވެތި ގުނަވަނުގައި ހިފާފައެވެ.

މިއާއެކު ފުޓުބޯޅަ ބަލާ، ޓީމުތަކަށް ސަޕޯޓް ކުރާ ގިނަ ފަރާތްތަކެއްގެ އިތުރުން ފުޓުބޯޅައިގެ ތަޖުރިބާކާރުންގެ ފާޑުކިޔުންތައް އޭނާއަށް ވަނީ އަމާޒުވެފައެވެ.

އެގޮތުން ޔުނައިޓެޑްގެ ކޯޗް އޮލެގޮނަ ސޯލްޝެއާ ވަނީ ނޭމާއަށް ވަރަށް ބޮޑަށް ފާޑުކިޔާފައެވެ. މެޗަށްފަހު ވާހަކަދައްކަމުން ސޯލްޝެއާ ބުނީ ނޭމާގެ އަމަލު އެއީ ވަރަށް ދަށު ދަރަޖައިގެ އަމަލެއް ކަމަށާއި އެކަންތައް ނޫނަސް ދަނޑުމަތީގައި "އެކްޓް" ކުރުމާއި އަހުލާގީ ގޮތުން ގިނަ މައްސަލަތަކެއް ހުރި ކުޅުންތެރިއެއްގެ ގޮތުގައި އޭނާ ވަނީ ނޭމާ ސިފަކޮށްފައެވެ.

އަދި ނޭމާގެ އަމަލަށްފަހު މިކް ޓޮމިނޭ އެކަމަށް ރައްދުނުދިނުމުން ސޯލްޝެއާ ވަނީ ޓޮމިނޭއަށް ތައުރީފުކޮށްފައެވެ. މީޑިއާ ތަކާއި ވާހަކަދައްކަމުން ސޯލްޝެއާ ބުނީ ނޭމާގެ އަމަލު ކުއްވެރިކުރާ ކަމަށާއި އެއީ ފައުލެއްކަމުގައި ގަބޫލް ކުރާކަމަށެވެ. އެހެންނަމަވެސް އެކަން ބޮޑު ކަންތައް ގަނޑަކަށް ނުހަދާ ކުޅުން ކުރިއަށް ގެންދިއުމުން ޓޮމިނޭގެ ޕްރޮފެޝަނަލިޒަމް ފެނިގެންދިޔަ ކަމަށް އޭނާ ވަނީ ބުނެފައެވެ. އަދި ޓޮމިނޭ ބޭނުންވި ނަމަ ދަނޑުމައްޗަށް ވެއްޓި ފައުލަކަށް އެޕީލް ކުރެވުނިސް ކަމަށާއި އެހެން ނުހެދުމުން ޓޮމިނޭއަށް ޝުކުރު އަދާކުރާ ކަމަށް ސޯލްޝެއާ ވަނީ ބުނެފައެވެ.

ޗެމްޕިއަންސް ލީގުގައި މިސީޒަނުގައި މިދެޓީމުގެ ފުރަތަމަ ކުރިމަތިލުމުން 1-2 އިން ކުރިހޯދީ ޔުނައިޓެޑެވެ. އެހެންނަމެސް ގްރޫޕް ސްޓޭޖުގައި ދެވަނަ ފަހަރަށް ޔުނައިޓެޑް އާއި ބައްދަލުކުރި މެޗުގައި ޕީއެސްޖީއިން ވަނީ ބަދަލު ހިފާ 1-3 އިން ޔުނައިޓެޑްގެ މައްޗަށް ކުރިހޯދާފައެވެ.

މިމެޗުގައި ޕީއެސްޖީގެ ތިން ލަނޑުގެ ތެރެއިން ދެލަނޑު ކާމިޔާބުކޮށްފައިވަނީ ނޭމާއެވެ. އަދި އެޓީމުގެ ތިން ވަނަ ލަނޑު ލަނޑަކީ ޑިފެންޑަރު މާކީނިއޯސް ކާމިޔާބުކުރި ލަނޑެކެވެ. ޔުނައިޓެޑުން މެޗުގައި ޖެހި ހަމައެކަނި ލަނޑު ކާމިޔާބުކޮށްފައިވަނީ ޒުވާން ފޯވާޑް މާކަސް ރަޝްފޯޑެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ހުސޭނުބޭ

    ނޭމާ ހަމަ މާބޮޑަށް ސެންސިޓިވް މީހަކީ! ލަދުން ބޯހަލާކު

    12
    3
  2. ނޫސްކިޔާމީހާ

    އަސްލުވީގޮތަކީ ނޭމާގެ ފަޔަށް އެރިފާ އެހުރީ ވީތަދުން ކޮއްޕާލަށް އަތްނެގުނުގޮތުން ޕްއިންޓުވާޅާ ދިމާވެފާ އިންތިފާޤެއްދޯ ނޭމާގެ ހިތްނިޔަށް އެގޭނީ ހެއްދެވިފަރާތައް ގަސްތުގާ ކުރިކަމެއްނަމަ ވަރަށް ލަދުވެތި ކަމެއް ނޭމާ ތިޔަކުރީ