ޗެމްޕިއަންސް ލީގުގައި ރެއާލް މެޑްރިޑުން ޖަރުމަނުގެ ބޮރޫޝިއާ މޮންޗެންގްލަޑްބަކް އަތުން ރޭ މޮޅުވި މެޗަކީ މިސީޒަނުގައި ރެއާލް މެޑްރިޑުގެ އެންމެ ފުރިހަމަ މެޗުކަމަށް އެޓީމުގެ ކޯޗް ޒައިނުއްދީން ޒިދާން ބުނެފިއެވެ.

ރެއާލްގެ އަލްފްރެޑޯ ޑި ސްޓެފަނޯ ދަނޑުގައި ކުޅުނުު މިމެޗުގައި ރެއާލް މޮޅުވީ 0-2ގެ ނަތީޖާއަކުންނެވެ. މިމެޗުގައި ރެއާލް އިން ކާމިޔާބުކުރި ދެ ލަނޑުވެސް އެޓީމަށް ކާމިޔާބުކޮށްދިނީ އެޓީމުގެ އިތުބާރު ފޯވާޑް ކަރީމް ބެންޒީމާއެވެ.

މެޗުގައި ރެއާލްގެ މުޅި ޓީމުންވެސް ޓީމެއްގެ ގޮތުގައި ކުޅެ މޮޅުވާން މަސަައްކަތް ކުރަމުން ދިޔަ ތަން ފެނިގެންދިޔައެވެ. ހާއްސަކޮށް މެދު ތެރެއިން ރަނގަޅު ޕާސްތަކެއް ކޮށް އެޓޭކްތައް އުފެއްދުމަށް މެދުތެރެއަށް ކުޅެމުންދާ ކުޅުންތެރިން ވަރަށް ރަނގަޅަށް ވަނީ މަސައްކަތް ކޮށްފައެވެ.

މުބާރާތުގެ ރައުންޑް އޮފް 16 އަށް ދިޔުމަށް މޮޅުވުން މަޖުބޫރުކަން އެނގިހުރެ ރެއާލް ޓީމް މެޗާއި ކުރިމަތިލި އިރު މެޗުން އެ ޓީމު މޮޅުވުމުގައި ބެންޒީމާގެ އިތުރުން އެޓީމުގެ ކުރިން ލޫކަސް ވަސްކުއޭޒް އާއި މެދު ތެރެއިން ފުރުސަތު ތަނަވަސްކޮށްދިނުމަށް މޮޑްރިޗް އާއޮ ޓޮނީ ކްރޫޒް ދިޔައީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އަރި ކެޕްޓަން ރާމޮސްގެ ފަރާތުން ވެސް ރޭގެ މެޗުގައި ރަނގަޅު ހަމަލާތަކެއް މޮންޗެންގްލަޑްމަކުގެ ގޯލާއި އަމާޒުކޮށް ފޮނުވާލާފައިވެއެވެ.

މެޗަށްފަހު ވާހަކަދައްކަމުން ޒިދާން ބުނީ މި މެޗުގައި މެޗަށް ވަރަށް ބޮޑަށް ތައްޔާރުވެވުނި ކަމަށާއި ރެފްރީގެ ފުރަތަމަ ކަށިގަނޑުން ފެށިގެން އެންމެ ފަހު ކަށިގަނޑާއި ހަމައަށްވެސް ޓީމެއްގެ ގޮތުގައި ރެއާލްގެ ކުޅުންތެރިން ދެއްކީ އެކުޅުންތެރިއެއްގެ އެންމެ ފުރިހަމަ ކުޅުން ކަމަށެވެ. އަދި މިއީ ޓީމަށް މިސީޒަނުގައި އެންމެ ފުރިހަމަ ކުޅުމެއް ދެއްކުނު މެޗު ކަމަށްވެސް ޒިދާން ވަނީ ބުނެފައެވެ.

މެޗުން މޮޅުވުމުން ކުޅުނު ހަމެޗުން ލިބުނު 10 ޕޮއިންޓާއެކު ރެއާލް ވަނީ ގުރޫޕުގެ އެއްވަނަ ޓީމުގެ ގޮތުގައި ދެވަނަ ބުރަށް ދަތުރުކޮށްފައެވެ. އަށް ޕޮއިންޓާއެކު ދެވަނައިގައި މޮންޗެންގްލަޑްބަކް އޮތްއިރު ތިންވަނައިގައި އޮތީ ޝަހްތަރު ޑޮނެޓްސްކްއެވެ. އަދި މިގުރޫޕުގެ އެންމެ ފުލުގައި ހަ ޕޮއިންޓާއެކު އިންޓަ މިލާނެވެ.