މެންޗަސްޓަ ޔުނައިޓެޑުގެ ކޯޗުކަމުގެ މަގާމުން އޭނާ ވަކިކުރީ މާ އަވަހަށް ކަމަށް އެޓީމުގެ ކުރީގެ ކޯޗް އަދި އެޓީމާ ވާދަވެރި ޓޮޓެންހަމްގެ ކޯޗުގެ މަގާމުގައި މިހާރު ހުރި ހޯސޭ މޮރީނިއޯ ބުނެފިއެވެ.

މޮރީނިއޯ މިހެން ބުނެފައިވަނީ ލީގުގެ އެއްވަނަ މަގާމަށް ވާދަކުރުމަށް މިރޭ ލިވަޕޫލްއާ ދެކޮޅަށް ކުޅޭ މެޗުގެ ކުރިން ބޭއްވި ޕްރެސް ކޮންފަރެންސްގައި ވާހަކަ ދައްކަމުންނެވެ.

ޔޫރަޕުގެ ބޮޑެތި ކުލަބު ތަކާއެކު ކުރު މުއްދަތެއްގައި ބޮޑެތި ކާމިޔާބީތަކެއް ހޯދާފައިވާ ކޯޗް ބުނީ މެންޗަސްޓަ ޔުނައިޓެޑަކީ ވަރަށް ވިސްނުންތެރި ކަމާއެކު "ލޯންގް ޓާމް" ޕްލޭނެއްގެ ދަށުން އަލުން ގަދަ ބާރަކަށް ހަދަން ބޭނުންވި ކުލަބެއް ކަމަށާއި ނަމަވެސް އޭނާއަށް އިތުބާރު ނުކޮށް ޔުނައިޓެޑުން އޭނާ ދޫކޮށްލީ މާ އަވަހަށް ކަމަށެވެ.

"ފުޓުބޯޅައިގެ ގަދަ ބާރެއްގެ ގޮތުގައި އޮތް ޓީމަކަށް އިރުޝާދު ދިނުމުގެ ފުރުސަތު ލިބުން. އެކަމަކު އެ ޓީމާ ހަވާލުވި އިރު އެ ޓީމު އޮތީ ދަށް ހާލަތެއްގައި. ވަރަށް ވިސްނުންތެރި ކަމާއެކު ލޯންްގް ޓާމް ޕްލޭނެއްގެ ދަށުން އެޓީމު ކުރިއަރުވާ އަލުން ފުޓުބޯޅައިގެ ގަދަ ބާރަކަށް ހެދުމުގެ ވިސްނުން ގެންގުޅުނީ. އެކަމަކު އެ ކުލަބުން އަހަންނަށް އެ ފުރުސަތު ނުދީ މާ އަވަހަށް އަހަރެން ދޫކޮށްލީ. ޔުނައިޓެޑަކީ އަހަރެން އެންމެ ފުރަތަމަ ވަގުތު ބޭނުންވެގެން ކުރިއަރުވަން ބޭނުންވި ޓީމު،" މޮރީނިއޯ ބުންޏެވެ.

މޮރީނިއޯ ޔުނައިޓެޑްގެ ކޯޗުކަމާ ހަވާލުވީ 2016 ވަނަ އަހަރުގައެވެ. އޭނާ ވަނީ އެ ޓީމާއެކު ދެ ލީގު ކަޕާއި 2017 ވަނަ އަހަރުގެ ޔޫރަޕާ ލީގު އަދި ކޮމިއުނިޓީ ޝީލްޑް ކާމިޔާބު ކޮށްފައެވެ. އޭނާ ޓޮޓެންހަމާއި ގުޅުނީ 2018 ވަނަ އަހަރު ޔުނައިޓެޑުން އޭނާ ކޯޗުގެ މަގާމުން ވަކިކުރިތާ 11 މަސް ފަހުން 2019 ވަނަ އަހަރު އެޓީމުގެ ކޯޗު މައުރީސިއޯ ޕޮޗެޓީނޯ ވަކިކުރުމުންނެވެ.