މެންޗަސްޓަރ ސިޓީއަށް ނިސްބަތްވާ ފަސް ކުޅުންތެރިއަކު ކޮވިޑް-19 އަށް ފައްސިވެ (ޕޮޒިޓިވްވެ) އެޓީމުން ޕްރިމިއަރ ލީގުގައި އެވަޓަން އާއި ދެކޮޅަށް މިރޭ ކުޅެން އޮތް މެޗު ފަސްކޮށްފިއެވެ.

އެޓީމުގެ ފަސް ކުޅުންތެރިއަކު ކޮވިޑަށް ފައްސިވެފައި ވާއިރު އެންމެފަހުން އެޓީމުން ނިއުކާސަލްއާއި ދެކޮޅަށް ކުޅުނު މެޗުގައި އެޓީމުގެ މުހިންމު ދެ ކުޅުންތެރިއަކު ކަމުގައިވާ ކައިލް ވޯކަރ އާއި ގެބްރިއެލް ޖީސަސް ވެސް ވަނީ ކޮވިޑަށް ފައްސިވުމުގެ ސަބަބުން ނުކުޅެވިފައެވެ. ރިޕޯޓްތައް ބުނާގޮތުން އެޓީމުގެ މި އިހާ ފެށިފައިވަނީ މި ދެ ކުޅުންތެރިންނާއި ހިސާބުންނެވެ.

މިއާއެކު މިރޭގެ މެޗު ފަސްކުރުމުގެ އިތުރުން އަންނަ ހަފްތާ ބަންދުގައި އެޓީމުން ވާދަވެރި ޗެލްސީއާއި ދެކޮޅަށް ކުޅޭ މެޗުވެސް ފަސްކުރާނެ ކަމުގެ ފުރުސަތު އެބައޮތްކަމަށް ބޭރުގެ މީޑިއާތަކުގައި ރިޕޯޓްކޮށްފައި ވެއެވެ.

މިކަމާއި ގުޅިގެން ޕްރިމިއަރ ލީގުން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ސިޓީގެ މެނޭޖްމަންޓް އިން އެޓީމުގެ ކުޅުންތެރިންތަކެއް ކޮވިޑަށް ފައްސިވެފައި ވާކަން އަންގާފައިވާ ކަމަށާއި ރަސްމީ ކޮށް މެޗު ފަސްކޮށްދިނުމަށް އެދިފައިވާ ކަމަށެވެ. އަދި މި ނިންމުމަކީ ޕްރިމިއަރ ލީގުން ސިއްހީ މާހިރުންގެ ލަފާ ހޯދުމަށްފަހުގައި ކަމަށާއި ކަންބޮޑުވާން ޖެހޭ ކަންތައް ތަކެއް ހުރުމުން އެކަށީގެންވާ ސަލާމަތީ ފިޔަވަޅުތައް އެޅުމަށް ނިންމާފައިވާ ކަމަށް ވެސް މި ބަޔާނުގައި ބުނެފައި ވެއެވެ.

މީގެއިތުރުން އެ އިދާރާގެ އެންމެ ބޮޑު އިސްކަމެއް ދޭނީ ކުޅުންތެރިންނާއި ޓީމުތަކުގެ އޮފިޝަލުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށާއި ސިޓީގެ ކުޅުންތެރިންނާއި އޮފިޝަލުންނާއި ދިމާވެފައިވާ ފަރާތްތައް ހޯދާ ސުންކު ނެގުމުގެ މަސައްކަތް ކަމާ ބެހޭ އިދާރާ ތަކާއި ގުޅިގެން ކުރަމުން ދާނެކަމަށްވެސް ބަޔާނުގައި ބުނެފައި ވެއެވެ.

އެހެންނަމަވެސް އެޓީމުން ފައްސިވީ ކޮން ކުޅުންތެރިންތަކެއް ކަމެއް ސިޓީ އިންވެސް އަދި ޕްރިމިއަރ ލީގުންވެސް ހާމަ ކޮށްފައެއް ނުވެއެވެ. ސިޓީ އާއި އެވަޓަންގެ ކުރިމަތިލުމަށް ގިނަ ބަޔަކު އިންތިޒާރުކުރަމުން ދިޔައިރު މެޗުން މޮޅުވެގެން ޕްރިމިއަރ ލީގުގެ ޕޮއިންޓް ތާވަލުގެ އެއްވަނައިގައި އޮތް ލިވަޕޫލްއާއި ޕޮއިންޓްގެ ގޮތުން އެއްވަރުކުރުމުގެ ފުރުސަތު އެޓީމަށް އޮންނާނެއެވެ. މީގެ އިތުރުން ލިވަޕޫލަށް މެޗުން މޮޅުވެގެން އެވަޓަންއާއި ޕޮއިންޓްގެ ގޮތުން އެއްވަރުވުމުގެ ފުރުސަތުވެސް ލިބިގެންދާނެއެވެ.

މިމެޗު ފަސްކޮށްފައިވާއިރު ދެން މެޗު ކުޅޭނެ ދުވަހެއް އަދި ހާމަކޮށްފައެއް ނުވެއެވެ. ޕްރިމިއަރ ލީގުން ބުނެފައިވާ ގޮތުގައި މެޗު ދެން ކުޅޭނެ ތާރީހެއް ކަނޑައަޅާނީ ހާލަތަށް ބެލުމަށްފަހުގައި ކަމަށެވެ. އެހެންނަމަވެސް މިރޭ ޕްރިމިއަރ ލީގުގައި އިތުރު ދެ މެޗެއް ކުޅޭނެއެވެ. އެގޮތުން ފުރަތަމަ މެޗުގައި ކްރިސްޓަލް ޕެލަސް އިން ލެސްޓަރ ސިޓީ މޮޅުވިޔަނުދީ ހިފެހެއްޓީއިރު މިރޭ 23:00 ގައި ޗެލްސީ އިން އެސްޓަން ވިލާ އާއި ދެކޮޅަށް ނުކުންނާނެ އެވެ.