އެސްޓަން ވިލާއާއި ވާދަކޮށް 2-1 ގެ ނަތީޖާއަކުން ކުރިހޯދި މެޗާއިއެކު އިނގިރޭސި ޕްރިމިއަރ ލީގުގައި މެންޗެސްޓަރ ޔުނައިޓެޑުން އެންމެފަހުގެ ލީގު ޗެމްޕިއަން ލިވަޕޫލާއި ޕޮއިންޓުގެ ގޮތުން ހަމަހަމަކޮށްފި އެވެ.

މެޗުގައި ޔުނައިޓެޑުން ކުޅުނީ އެހެން މެޗުތަކާއި ހިލާފަށް ވަރުގަދަކޮށެވެ. އަދި ގިނަ ހަމަލާތަކެއް ވެސް އުފެއްދިތަން ފެނިގެންދިޔަ އެވެ. މެޗުގައި ފުރަތަމަ ލީޑުނެގީ ޔުނައިޓެޑުންނެވެ. ފުރަތަމަ ހާފުގެ ފަހުކޮޅު ލިބުނު ފުރުސަތަކުން މި ލަނޑު ކާމިޔާބުކުރީ އެންތަނީ މާޝިއަލް އެވެ. މި ލަނޑު އޭނާ ޖެހީ އާރޮން ވަން ބިސާކާ ނަގައިދިން ހުރަހަކުންނެވެ.

ފުރަތަމަ ހާފު އެއް ގޯލުގެ ލީޑެއްގައި އޮވެ ނިމިގެންދިޔަ ނަމަވެސް ދެވަނަ ހާފުގެ ފެށުން އެސްޓަންވިލާ އިން ވަރުގަދަކުރި އެވެ. ކުރިޔަށް ޖެހި އުފެއްދި ހަމަލާތަކުގެ ނަތީޖާއެއްގެ ގޮތުން މެޗުގެ 13 ވަނަ މިނެޓުގައި އެ ޓީމުން ނަތީޖާ ހަމަހަމަކުރި އެވެ. މެޗުގެ 13 ވަނަ މިނެޓުގައި ޖެކް ގްރީލިޝް ތަނަވަސްކޮށްދިން ފުރުސަތަކުން މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ޓްރައޯރޭ އެވެ.

ވިލާއިން ނަތީޖާ ހަމަހަމަކުރިތާ ތިން މިނެޓު ތެރޭ ޔުނައިޓެޑުން އަލުން ލީޑު ނެގިއެވެ. މި ލަނޑަކީ އޭރިއާ ތެރެއިން ޔުނައިޓެޑުގެ ޕައުލް ޕޮގްބާއަށް ވިލާގެ ޑަގްލަސް ލުއީޒް ކުރި ފައުލަކަށް ރެފުރީ ދިން ޕެނަލްޓީއަކުން ކާމިޔާބުކުރި ލަނޑެކެވެ. އޭގެފަހުން ވެސް ޔުނައިޓެޑަށް ރަނގަޅު ފުރުސަތުތަކެއް ލިބިގެންދިޔަ އެވެ. އަދި އެސްޓަންވިލާ އިންވެސް ލިބުނު ފުރުސަތުތަކުގައި ނުރައްކާކުރި އެވެ.

މި ނަތީޖާއާއެކު އެއްވަނައިގައި އޮތް ލިވަޕޫލާއި ދެވަނައިގައި އޮތް ޔުނައިޓެޑަށްވެސް ކުޅުނު 16 މެޗުން ވަނީ 33 ޕޮއިންޓް ލިބިފައެވެ.