ޖާމަން ބުންޑަސްލީގާ ގައި ރޭ މެއިންޒް އިން ދެލަނޑު ޖަހާފައި ވަނިކޮށް ފަހަތުން އަރާ 5 ލަނޑު ކާމިޔާބު ކޮށްގެން ބަޔާން މެޗުން މޮޅު ވެއްޖެއެވެ.

ބަޔާންގެ ދަނޑުގައި ކުޅުނު މިމެޗު 2-5 އިން ބަޔާން ކާމިޔާބު ކުރި އިރު އެޓީމުގެ ތަރި ލެވަންޑޮސްކީ ވަނީ ދެލަނޑު ކާމިޔާބުކޮށް އިތުރު ލަނޑެއް ޖެހުމަށް އެސިސްޓް ކޮށްދީފައެވެ.

މެއިންޒްގެ ދެލަނޑުވެސް ފުރަތަމަ ހާފުގައި ފެނިގެންދިޔަ އިރު މިހާފުގެ 32 ވަނަ މިނެޓުގައި އެޓީމުގެ ފުރަތަމަ ލަނޑު ކާމިޔާބު ކޮށްދިނީ ބާކާޓް އެވެ. އަދި އޭގެ 12 މިނެޓު ފަހުން އެލެކްސަންޑަރ ހެކް ވަނީ އިތުރު ލަނޑެއް އިތުރު ލަނޑެއް ކާމިޔާބު ކޮށް ލީޑު ފުޅާ ކޮށްދީފައެވެ.

ބަޔާން އިން ފަސް ލަނޑުވެސް ކާމިޔާބު ކޮށްފައި ވަނީ ދެވަނަ ހާފުގައެވެ. އެގޮތުން މެޗުގެ 50 ވަނަ މިނެޓުގައި ލެވަންޑޮސްކީ ދިން ޕާހަކުން ޖޯޝުއާ ކިމިޗް ކާމިޔާބު ކޮށްދިން އިރު ނަތީޖާ ހަމަހަމަ ކުރި ލަނޑު ކާމިޔާބު ކޮށްދިނީ ލިރޯއި ސާނޭ އެވެ. އަދި އެޓީމުގެ ތިންވަނަ ލަނޑު ނިކްލަސް ސޫލޭ ކާމިޔާބު ކޮށްދިން އިރު ލިބުނު ޕެނަލްޓީ އަކުން މެޗުގެ 76 ވަނަ މިނެޓުގައި ބަޔާންގެ ލީޑު ފުޅާ ކޮށްދިނީ ލެވަންޑޮސްކީ އެވެ. އަދި އެޓީމުގެ ފަހު ލަނޑު ލެވަންޑޮސްކީ ކާމިޔާބު ކުރީ 83 ވަނަ މިނެޓުގައެވެ.

މިނަތީޖާ އާއިއެކު ބަޔާން ތާވަލްގެ އެއްވަނައިގައި އޮތީ ކުޅުނު 14 މެޗުން 33 ޕޮއިންޓް ހޯދައިގެންނެވެ. މެއިންޒް ތާވަލުގެ 17 ވަނައިގައި އޮތީ ކުޅުނު ސާދަ މެޗުން 6 ޕޮއިންޓް ހޯދައިގެންނެވެ.