ދުނިޔޭގެ ފުޓުބޯޅައިގެ އެންމެ މަގުބޫލް އަދި އެންމެ ކާމިޔާބު އެއް ކުޅުންތެރިޔާ ކަމަށްވާ ޕޯޗުގަލް އަދި ޔުވެންޓަސްގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ، މީސްމީޑިއާ ޕްލެޓްފޯމެއް ކަމުގައިވާ އިންސްޓަގްރާމުގައި 250 މިލިއަން ފޮލޮވަރުން ހަމަކޮށްފިއެވެ.

250 މިލިއަން ފޮލޮވަރުން ހަމަވުމުން ރޮނާލްޑޯ ވަނީ މިހާހިސާބަށް ވާސިލްވުމަށް އޭނާއަށް ސަޕޯޓަރުން ކޮށްދީފައިވާ ބުރަ މަސައްކަތާއި ދެއްވި ތަރުހީބަށް ހިތުގެ އެންމެ ފުންމިނުން ޝުކުރު އަދާކުރާ ކަމަށް ބުނެފައެވެ.

ރޮނާލްޑޯ އިންސްޓަގްރާމުގައި ކުރި ޕޯސްޓް

ފުޓުބޯޅައިގެ އެތައް ރެކޯޑެއް މުގުރަމުން އަންނަ ރޮނާލްޑޯ އަކީ މިއަދަދަށް ފޮލޯވަރުން ހަމަކުރި ފުރަތަމަ ފަރާތެވެ. އަދި އޭނާ އަކީ އިންސްޓާ ގްރާމުގައި އެންމެ ގިނަ މީހުން ފޮލޯކުރާ ފަރާތްވެސް މެއެވެ. ރޮނާލްޑޯ އަށްވުރެ ގިނަ ފޮލޮވަރުން ތިބި ހަމައެކަނި އެކައުންޓަކީ އިންސްޓަގްރާމުގެ ރަސްމީ އެކައުންޓެވެ. އެ އެކައުންޓަށް ޖުމްލަ 382 މިލިއަން މީހުން ފޮލޯ ކުރެއެވެ.

ރޮނާލްއަށް ފަހު ދެން އެންމެ ގިނަ ބަޔަކު ފޮލޯ ކުރާ އެކައުންޓަކީ އެމެރިކާގެ މަޝްހޫރު ލަވަކިޔުންތެރިޔާ އެރިއާނާ ގްރާންޑޭ އެވެ. އޭނާއަށް ޖުމްލަ 214 މިލިއަން މީހުން ފޮލޯ ކުރެއެވެ. ތިންވަނައަށް އެންމެ ގިނަ ބަޔަކު އިންސްޓަގްރާމުގައި ފޮލޯ ކުރަނީ ކުރީގެ މަޝްހޫރު ރެސްލިންގް އެތްލީޓް އަދި މިހާރު ހޮލީވުޑްގެ މަޝްހޫރު އެކްޓަރު ޑްވޭން ޖޯންސަން (ރޮކް) އެވެ. ރޮކް އަށް 209 މިލިއަން މީހުން އިންސްޓަގްރާމުގައި ފޮލޯ ކުރެއެވެ.

މީގެ އިތުރުން ރޮނާލްޑޯ އަކީ އިންސްޓަގްރާމުން އެންމެ ބޮޑު އާމްދަނީއެއް ހޯދާ ފަރާތްވެސް މެއެވެ. ރިޕޯޓްތައް ބުނާގޮތުން އިންސްޓަގްރާމުގައި ރޮނާލްޑޯ ކުރާ ކޮންމެ ޕޯސްޓަކަށް 446000 އެމެރިކާ ޑޮލަރާއި 777000 އެމެރިކާ ޑޮލަރުގެ އާމްދަނީއެއް އޭނާ ހޯދައެވެ. ނިމިދިޔަ 2020 ވަނަ އަހަރު އިންސްޓަގްރާމުން ޖުމްލަ 47.8 މިލިއަން ޑޮލަރުގެ އާމްދަނީއެއް ރޮނާލްޑޯ ހޯދާފައިވާ ކަމަށް ރިޕޯޓްތަކުން ބުނެއެވެ.