މިއަހަރު ބޭއްވުމަށް ހަމަޖެހިފައިވާ އޭޝިއާގެ ދެވަނަ ފަންތީގެ ކުލަބް ފުޓުބޯޅަ މުބާރާތް "އޭއެފްސީ ކަޕް 2021" ގެ މެޗުތައް ސެންޓްރަލައިޒް ކޮށްގެން ބާއްވަން އޭޝިއާގެ ފުޓުބޯޅައިގެ މައި އިދާރާ އޭއެފްސީން ނިންމައިފިއެވެ.

މި މުބާރާތުގެ ގްރޫޕް ސްޓޭޖުގެ މެޗުތައް ސެންޓްރަލައިޒްކޮށް ކުޅުމަށް އޭއެފްސީން ނިންމާފައިވަނީ ކޮވިޑް-19 ހާލަތުން އަދިވެސް އަރައިނުގަނެވޭތީ އެއް ގައުމުން އަނެއް ގައުމަށް ކުރާ ދަތުރުތައް މަދުކުރުމުގެ ގޮތުންނެވެ. ސެންޓްރަލައިޒް ކޮށް ކުޅޭނެ ދަނޑުތައް ކަނޑައަޅާނީ މިއަދު ބޭއްވުމަށް ހަމަޖެހިފައިވާ އޭއެފްސީ ކަޕުގެ ގުރުނެގުމުގެ ރަސްމިއްޔާތުގެ ތެރެއިންނެވެ.

އޭއެފްސީ ކަޕުގެ ދެކުނު އޭޝިއާ ގްރޫޕުގައި މިއަހަރު ރާއްޖޭގެ ދެ ޓީމު ވާދަކުރާނެއެވެ. މުބާރާތުގެ ގްރޫޕް ސްޓޭޖުން ޖާގަ ކަށަވަރުކޮށްފައިވަނީ އެންމެފަހުގެ ލީގު ޗެމްޕިއަން މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނެވެ. މާޒިޔާއާއެކު ދެކުނު އޭޝިއާ ގްރޫޕުގައި ވާދަކުރާނީ އިންޑިއާގެ މޯހަން ބަގާން އާއި ބަންގްލަދޭޝް ގެ ބަޝުންދަރާ ކިންގްސްއެވެ. މި ގްރޫޕުގައި ހިމެނޭ ހަތަރުވަނަ ޓީމެއް ޔަގީންވާނީ ކޮލިފައިން ކާމިޔާބުކުރާ ޓީމަކަށެވެ.

ރާއްޖެއިން ކޮލިފައިންގައި ވާދަކުރާނީ މިދިޔަ ސީޒަނުގެ ދިވެހި ޕްރިމިއާ ލީގުގެ ދެވަނަ ހޯދި ކުލަބު އީގަލްސްއެވެ. ދެން ކޮލިފައިންގައި ހިމެނެނީ އިންޑިއާގެ ބެންގަލޫރު އެފްސީ އާއި، ބަންގްލަދޭޝްގެ ޑާކާ އަބަހާނީ އާއި، ނޭޕާލުގެ އާމީ ކުލަބާއި، ސްރީލަންކާ ޕޮލިސް އަދި ބޫޓާންގެ ތިމްޕޫ ސިޓީ އެފްސީއެވެ.

އޭއެފްސީ ކަޕުގެ ޕްރިލިމިނަރީ ބުރާއި ޕްލޭއޮފް ބުރުގެ މެޗުތައް ކުޅުމަށް ހަމަޖެހިފައިވަނީ އޭޕްރީލް މަހުގެ ތެރޭގައެވެ. އެއަށްފަހު ގްރޫޕް ސްޓޭޖުގެ މެޗުތައް މެއި މަހުގެ 14 އިން 20 ގެ ނިޔަލަށް ކުޅުމަށް ހަމަޖެހިފައިވެއެވެ.

މިދިޔަ އަހަރުގެ އޭއެފްސީ ކަޕްގެ މެޗުތައް ކޮވިޑުގެ ހާލަތު ގޯސްވުމާއި ގުޅިގެން މާޗް މަހު ހުއްޓާލިއެވެ. ހުއްޓާލިއިރު މުބާރާތުގެ ގްރޫޕް ސްޓޭޖުގައި ބައެއް މެޗުތަކެއް ކުޅެފައިވެއެވެ. އެއަށްފަހު އޭއެފްސީން މި މުބާރާތް ސެންޓްރަލައިޒް ކޮށް ބޭއްވުމަށް މަސައްކަތްކުރި އެވެ. ރާއްޖެއިން ބިޑުވެސް ހުށައަޅައި އެ ބިޑު ކާމިޔާބުކުރި އެވެ. ނަމަވެސް އޭއެފްސީން ވަނީ މުބާރާތް ފެށުން ކުޑަތަންވެފައި ވަނިކޮށް މުބާރާތް ކެންސަލްކޮށްފައެވެ.