މި މަހު ރަޝިޔާގައި ފަށާ ވޯލްޑް ކަޕްގައި ނައިޖީރިއާ އިން ބޭނުންކުރާ ޖާޒީ އިއްޔެ ބާޒާރަށް ނެރުމާއެކު ބޮޑު ތަރުހީބެއް ލިބިއްޖެއެވެ.

ނައިކީ އިން ޑިޒައިންކޮށްފައިވާ މި ޖާޒީ ފުރަތަމަ ދައްކާލުމާއެކު ވެސް ގާތްގަނޑަކަށް ތިން މިލިއަން މީހުން ވަނީ ޖާޒީ ގަތުމަށް ޕްރީ އޯޑަރ ކޮށްފައެވެ. އަދި އިއްޔެ ހެނދުނު މި ޖާޒީ ބާޒާރަށް ނެރުމާއެކު މަދުވަގުތުކޮޅެއްގެ ތެރޭގައި ނައިކީގެ ވެބްސައިޓުން ވަނީ މި ޖާޒީ ވިކި ހުސްވެފައެވެ.

ނައިޖީރިއާ ޓީމުގެ ހޯމް އަދި އަވޭ ޖާޒީ ވިއްކަމުން އަންނަނީ 64.95 ޕައުންޑެވެ. މި ޖާޒީ އަކީ މިފަހަރު ވޯލްޑް ކަޕްގައި ޓީމަކުން ބޭނުންކުރާނެ އެންމެ ރީތި އެއް ޖާޒީ ކަމަށް ގިނަ ބަޔަކު އަންނަނީ ބުނަމުންނެވެ.

އެކުވެރިކަމުގެ މެޗެއްގައި މިރޭ އިންގްލޭންޑާއި ދެކޮޅަށް ނައިޖީރިއާ އިން ކުޅޭ މެޗުގައި މި ޖާޒީ ބޭނުންކުރާނެ ކަމަށް ރިޕޯޓުތައް ބުނެއެވެ.

ވޯލްޑް ކަޕްގައި ޓީމުތަކުން ބޭނުންކުރާނެ ޖާޒީތައް ވިއްކަން ފަށާފައިވާއިރު ނައިޖީރިއާގެ ޖާޒީ އަކީ ވިއްކަން އެންމެފަހުން ފެށި ޖާޒީއެވެ. މި ޖާޒީ ވިއްކަން އެހާ ފަހުން ފެށީ "ފޭކް" ޖާޒީތައް ހެދުމުގެ ފުރުސަތު ނުދިނުމުގެ ގޮތުން ކަމަށް ނައިޖީރިއާގެ ފުޓްބޯޅަ އިދާރާ އިން ހާމަކުރެއެވެ.

މިފަހަރުގެ ވޯލްޑް ކަޕްގައި ނައިޖީރިއާ ލައްވާލާފައިވަނީ ގްރޫޕް ޑީގައެވެ. މި ގްރޫޕްގައި ދެން ހިމެނެނީ އާޖެންޓީނާ އާއި ކްރޮއޭޝިއާގެ އިތުރުން އައިސްލޭންޑެވެ.

މުބާރާތުގެ ފުރަތަމަ މެޗުގައި މި މަހުގެ 17 ވަނަ ދުވަހު ނައިޖީރިއާ ބައްދަލުކުރާނީ ކްރޮއޭޝިއާ އާއި ދެކޮޅަށެވެ.