ނައިޖީރިއާގެ ހުޅަނގު ދެކުނުގައި އޮންނަ ނައިޖާ ކޯރުން މީހުން ގޮވައިގެން ދަތުރު ކުރި ބޯޓެއް ބަންޑުން ޖަހާލައި 100 އަށް ވުރެ ގިނަ މީހުން މަރުވެ, ގިނަ ބަޔަކު ގެއްލިއްޖެއެވެ.

މި ބޯޓަކީ ކޯރެއް ހުރަސްކޮށް ނައިޖާ ސްޓޭޓުން އަވަށްޓެރި ކްވާރާ ސްޓޭޓަށް ދަތުރު ކުރަމުން ދިޔަ ލަކުޑި ބޯޓެކެވެ. މިދިޔަ ހޯމަ ދުވަހު ބަންޑުން ޖަހާލި މިބޯޓުގައި 300 ފަސިންޖަރުން ތިބި ކަމަށް ރިޕޯޓުތައް ބުނެއެވެ.

ކްވާރާ ސްޓޭޓްގެ ފުލުހުންނާ ހަވާލާދީ ރިޕޯޓުތައް ބުނާ ގޮތުން މިހާދިސާގައި 106 މީހުން މަރުވެފައިވާ އިރު، ކޯރުން 144 އެއްހާ މީހުން ވަނީ ސަލާމަތްކޮށްފައެވެ. އަދި މަރުވި މީހުންގެ ތެރެއިން އަންހެނުންނާއި ކުޑަކުދިންވެސް ހިމެނެއެވެ.

އެފްރިކާގެ އެންމެ ދިގު ދެ ކޯރު ކަމަށްވާ ނައިޖާ އާއި ބެނޫ ކޯރުގެ މެދުގައި އޮންނަ އެ ސަރަހައްދުގައި މީގެ ކުރިން ވެސް މިފަދަ ހާދިސާތައް ހިނގާފައިވެއެވެ.

މި ހާދިސާ އާ ގުޅިގެން ގެއްލުނު މީހުން ހޯދުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ. ބޯޓުގެ ކެޕްޓަނާ ހަވާލާދީ ރިޕޯޓުތައް ބުނާ ގޮތުގައި ބޯޑު އަޑިއަށް ދިޔައީ ދިޔަވެ ކޮންޓްރޯލުން ނައްޓައިގެން ދިއުމުންނެވެ.

މުހައްމަދު އަލްހަސަން ބީބީސީ އަށް ބުނީ ގިނަ އަންހެނުން މަރުވެފައި ވަނީ އެމީހުންގެ ދަރިން ސަލާމަތް ކުރުމުގެ ތެރޭގައި ކަމަށެވެ. އަދި އޭނާގެ ދައްތަ ސަލާމަތްވި އިރު، އުމުރުން ހަތް އަހަރުގެ ފިރިހެން ދަރިފުޅު ގެނބިގެން މަރުވެފައިވާ ކަމަށް ވެސް އޭނާ ބުންޏެވެ.

ނައިޖީރިއާގެ ބޯޓެއް ބަންޑުން ޖަހާލައި ސަތޭކައަށްވުރެ ގިނަ މީހުން މަރުވެފައިވާއިރު، މިދިޔަ އަހަރު ނައިޖީރިއާގެ ދެކުނުއިރުމަތީ ސްޓޭޓެއް ކަމަށްވާ އަނަމްބްރާގައި ހިނގި ލޯންޗެއް އެކްސިޑެންޓުގައި 76 މީހުން ވަނީ މަރުވެފައެވެ.