ނައިޖީރިއާގެ އުތުރުގެ އަވަށެއްގެެ ފައްޅިއަކަށް އަޅުކަން ކުރަންދިޔަ މީހުން ހިމެނޭހެން 40 މީހުން ވަގަށް ނަގާފައިވާ ކަމަށް ރިޕޯޓްތައް ބުނެފިއެވެ.

ކްރިސްޓިއަން މީހުން އަޅުކަން ކުރަން ފައްޅިއަށް ދިޔުމުން ބައެއް މީހުން ގެއްލޭ މައްސަލަ ނައިޖީރިޔާގައި ވަނީ ބޮޑުވެފައެވެ. ހަތިޔާރު އެޅި ގްރޫޕުތަކުން އެ ގައުމުގެ ހުޅަނގު އުތުރުގެ ސަރަހައްދުތަކުގައި މީހުން ވަގަށް ނަގަމުންދާ ކަމަށާއި ވަގަށް ނެގުމުގެ ހާދިސާތައް ގިނައިން ހިނގަމުން ދަނީ އަވަށްތަކާއި ސްކޫލްތަކާއި މަގުމަތީގައި ކަމަށް ރިޕޯޓްތައް ބުނެއެވެ.

އެ ސަރަހައްދުތަކަކީ ސަރުކާރުގެ މާ ބޮޑު ސެކިއުރިޓީއެއް އޮތް ސަރަހައްދެއް ނޫނެވެ.

ކަޑޫނާ ސްޓޭޓްގެ ކްރިސްޓިއަން އެސޯސިއޭޝަން އޮފް ނައިޖީރިއާ (ކޭން) ގައި އިސްކޮށް ހަރަކާތްތެރިވާ ޖޯސެފް ޖޯން ހަޔާން ބުނީ އެ ހާދިސާ ހިނގާފައިވަނީ މަދަލާ ވިލެޖްގެ ބެޖް ބެޕްޓިސްޓް ޗާޗުގެ ފައްޅިއެއްގައެވެ. އޭނާ ބުނާގޮތުން ވަގަށް ނެގި މީހުންގެ ތެރެއިން 15 މީހަކު މިދިޔަ އާދީއްތަ ދުވަހުގެ ރޭ ވަނީ ސަލާމަތްވެފައެވެ. އަދި ބާކީ ތިބި 25 މީހުންނާ ގުޅޭ އެއްވެސް މައުލޫމާތުއް ލިބިފައިނުވާ ކަމަށްވެސް ޖޯސެފް ވަނީ މީޑިޔާއަށް މައުލޫމާތު ދީފައެވެ.

މީގެ ކުރިންވެސް މީހުން އަޅުކަމުގައި ތިއްބާ ފައްޅީގެ ތެރެޔަށް ހަތިޔާރު އެޅި މީހުން ވަދެ މާރާމާރީ ހިންގާ ބައެއް މީހުން މަރާލާފައިވާކަމަށް ރިޕޯޓްތައް ބުނެއެވެ. އަދި ތަނަށް ގެއްލުންދީ މީހުން މަރައި ބައެއް މީހުން ވަގަށް ނަގައި ހަދައެވެ. ނައިޖީރިޔާގެ ދެ އަވަށެއްގައި ހުރި ފައްޅިއަކަށްވެސް ވަނީ ހަމަލާދީފައެވެ. ބެލެވޭ ގޮތުގައި މި ހަމަލާތަކަކީ ކްރިސްޓިއަން ދީނުގެ މީހުންނަށް އަމާޒުކޮށް ދެވޭ ހަމަލާތަކެކެވެ.