ފްރާންސްގެ ގަދަބާރު ޕީއެސްޖީގައި އަބަދު ފުޓުބޯޅައަށް ވިސްނުން ބަހައްޓައިގެން ސިކުނޑި ސުމަކަށް ގޮސްދާނެ ކަމަށާއި އަމިއްލަ ވަގުތުގައި ކުރާ ކަންކަމަކީ ޕީއެސްޖީއާ ބެހޭކަމެއް ނޫންކަމަށް ނޭމާ ބުނެފިއެވެ.

ދާދިފަހުން ނޭމާ ވަނީ ކޮވިޑުގެ އުސޫލުތަކާއި ހިލާފަށް ފުޓުބޯޅަ ތަރިންނާއެކު އެއްވުމެއް ބާއްވާފައެވެ. މި މައްސަލަ ބޮޑުވުމާއި ގުޅިގެން އެ ކުލަބުގެ ވެރިން ވަނީ ނޭމާއަށް އިންޒާރުދީފައެވެ. ނޭމާގެ " ގޮތްދޫނުކުރާ" ކުޑަކުދިންގެ ވިސްނުމާއި ގުޅިގެން އެ ކުލަބުން އޭނާއަށް ވިސްނުވައިދޭން ކިތަންމެހާވެސް މަސައްކަތްތަކެއް ކޮށްފައިވެއެވެ.

މި މައްސަލައިގައި ނޭމާ މީޑިއާއާއި ވާހަކަ ދައްކާފައިވަނީ ދާދިފަހުންނެވެ. ނޭމާ ބުނީ ކަންކަން ކުރަންވީ ގޮތް އެނގޭނީ އޭނާއަށް ކަމަށާއި ޕީއެސްޖީއަށް ނޫންކަމަށެވެ. އަދި އެއީ އޭނާއަށް ލިބިދޭ ހައްގެއް ކަމަށްވެސް ނޭމާ ބުނެފައިވެއެވެ.

"އަހަންނަށް އެނގޭނީ އަހަރެން ދާން ބޭނުންވީމަ، އަހަންނަށް އެނގޭނީ އެކަން ކުރަންވީމަ، އަދި އަހަންނަށް އެނގޭނީ އެކަން ނުކުރަންވީމަ ވެސް" ރުޅި މޫނުގައި ހުރެ މީޑިއާތަކާ ވާހަކަދައްކަމުން ނޭމާ ބުންޏެވެ.

ނޭމާ ބުނީ ފުޓުބޯޅައަކީ ސިކުނޑި ބަހައްޓައިގެން ކުޅެންޖެހޭ ކުޅިވަރެއް ކަމަށާއި 100 އިންސައްތަ އެކަމަށް ދީގެން އުޅެފި ނަމަ ސިކުނޑި ގޮވާނެކަމަށެވެ. އަދި އޭނާއަކީވެސް ފުޓުބޯޅައިގައި ގިނަ އަހަރުތަކެއް ކުޅެފައިވާ ކުޅުންތެރިއެއް ކަމަށާއި މިއީ ހަމަޖެހިލަން ބޭނުންވާ ވަގުތު ކަމަށް ބުންޏެވެ. އަދި ދުވަހަކުވެސް އެކަން ހުއްޓާނުލާނެ ކަމަށް ނޭމާ ބުނެފައިވެއެވެ.

ނޭމާ ޕީއެސްޖީއަށް ބަދަލުވެފައިވަނީ 2017 ވަނަ އަހަރު ދުނިޔޭގެ ރެކޯޑު ފީއެއް ކަމަށްވާ 220 މިލިއަން ޕައުންޑަށެވެ. އޭނާ ވަނީ މިހާތަނަށް ޕީއެސްޖީއަށް ކުޅެދިން 100 މެޗުގައި 83 ގޯލު ޖަހައިފައެވެ. އަދި ޕީއެސްޖީއާއެކު ޖުމްލަ 11 ޓްރޮފީއެއް އޭނާ އުފުލާލާފައި ވެއެވެ. އޭނާ ޕީއެސްޖީއާއެކު ހަދާފައިވާ އެއްބަސްވުން ހަމަވާނީ 2022 ގައެވެ. ރިޕޯޓުތައް ބުނާ ގޮތުން ނޭމާ ވަނީ އިތުރު އަހަރުތަކެއް ވަންދެން އެ ކުލަބަށް ކުޅެދޭން އެއްބަސްވެފައެވެ.

 

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ނާހަމަތެދެއް؟

    މި ވެސް ވެސާނެ މި ކަލޭގެ ސެންސިޓިވް ކަމުން އުޅޭ ގޮތެއްކަމަށްވެސް... އެއެއްނޫން ވާ ގޮތަކީ.. މީ ހާޔަށް ސައިޒު އޮޅިފަ ހުންނަ މީހެއްތިއީ.. އެހެން އެއްނނުން ވާނީ؛
    "ގުއިނުދެކޭ ކާޅަށް ގުއިފެނުނީމަ".. (މާނަ: އެމީހަކާ އެކަށީގެން ނުވާ ކަމެއް ލިބުމުން، ނުވަތަ ކުއްލިއަކަށް މުއްސަނދި ކަމެއް ލިބުމުން، ބޮޑާވެގެން އުޅޭ މީހުންނާމެދު ބުނެ އުޅޭ މިސާލު ބަހެއް)..

  2. މަ މޭން

    ޔެސް!!!🤭😑