ރާއްޖޭގެ ޤައުމީ ފުޓުބޯޅަ ޓީމާއި އެކު ނެދަލޭންޑްސްގެ މާޓިން ކޫޕްމަން ހަދާފައިވާ ހެޑް ކޯޗުކަމުގެ އެއްބަސްވުން އާކޮށްފިއެވެ.

ޤައުމީ ޓީމާއެކު ކޫޕްމަން ހަދާފައިވާ އެއްބަސްވުން އާކުރީ އިތުރު ތިން އަހަރަށެވެ. މިކަން އޭނާ އިއުލާން ކޮށްފައިވަނީ އަމިއްލަ އިންސްޓަރާމް އެކައުންޓުންނެވެ. އެ އެކައުންޓުން ކޮށްފައިވާ ޕޯސްޓުގައި ކޫޕްމަން ވަނީ އޭނާއަށް ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން އޭނާއަށް ކުރާ އިތުބާރަށް ޝުކުރުއަދާކޮށްފައެވެ.

އުމުރުން 64 އަހަރުގެ ކޫޕްމަން ގައުމީ ޓީމާ ހަވާލުވެފައިވަނީ މިދިޔަ އަހަރުގެ ޖެނުއަރީ މަހުގެ 26 ވަނަ ދުވަހު އެވެ. އެއީ ދެ އަހަރުދުވަހުގެ އެއްބަސްވުމެއްގެ ދަށުންނެވެ. ނަމަވެސް އޭނާ ހަވާލުވި ފަހުން ކޮވިޑުގެ ހާލަތާއި ގުޅިގެން އަދި މިހާތަނަށް ޓީމާއެކު ބޮޑު މެޗެއްގައި ކޯޗުކަންކުރުމުގެ ފުރުސަތެއް އޭނާއަށް ނުލިބެއެވެ. ނަމަވެސް ބައެއް ފަރިތަކުރުންތައް ބޭއްވިއެވެ.

ކޮވިޑް-19 ގެ ސަބަބުން މިދިޔަ އަހަރު ކުޅެން އޮތް 2022 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕާއި 2023 ވަނަ އަހަރުގެ އޭއެފްސީ އޭޝިއަން ކަޕުގެ ޖޮއިންޓް ކޮލިފިކޭޝަން މެޗުތަކާއި ސާފް ސުޒުކީ ކަޕް މި އަހަރަށް ވަނީ ފަސްކޮށްފައެވެ. އެހެންކަމުން މިއަހަރަކީ ކޫޕްމަން އަށް ބިޒީ އަހަރަކަށް ވާނެއެވެ.

ވޯލްޑްކަޕް ކޮލިފައިންގ މެޗުތައް މި އަހަރުގެ މާޗު މަހު ފަށާގޮތަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން ރާއްޖެއިން ރަށުންބޭރުގައި ޗައިނާއާ ދެކޮޅަށް ކުޅޭ މެޗާއި، މާލޭގައި ސީރިއާއާ ދެކޮޅަށް ކުޅޭ މެޗު ވަނީ މާޗު މަހަށް ތާވަލުކޮށްފައެވެ. އަދި ރަށުން ބޭރުގައި ފިލިޕީންސާ ދެކޮޅަށް ކުޅެން އޮތް މެޗު ވަނީ ޖޫން މަހަށް ތާވަލުކޮށްފައެވެ. ކޮލިފައިންގައި ރާއްޖެއަށް ބާކީ ތިން މެޗު އޮތްއިރު، ރާއްޖެ އޮތީ ކުޅުނު ހަތަރު މެޗުން ލިބުނު ހަ ޕޮއިންޓާއެކު ގްރޫޕުގެ ހަތަރުވަނައިގައެވެ.

މި ގްރޫޕުގެ އެއްވަނައިގައި އޮތީ ފަސް މެޗުން 15 ޕޮއިންޓާއެކު ސީރިއާއެވެ. ހަތަރު މެޗުން ހަތް ޕޮއިންޓާއެކު ޗައިނާ ދެވަނައިގައި އޮތްއިރު، ތިންވަނައިގައި އޮތީ ފަސް މެޗުން ހަތް ޕޮއިންޓް ހޯދާފައިވާ ފިލިޕީންސެވެ. އަދި ރާއްޖޭގެ ފަހަތުން ފަސްވަނައިގައި އޮތީ ފަސް މެޗު ކުޅެ ޕޮއިންޓެއް ލިބިފައިނުވާ ގުއާމެވެ.

ސާފް ޗެމްޕިއަންޝިޕް ބޭއްވުމަށް ހަމަޖެހިފައިވަނީ މިއަހަރުގެ ސެޕްޓެމްބަރ 19 އިން 30 ގެ ނިޔަލަށް ބަންގާޅުގައެވެ.