މާލޭގައި ކޮވިޑް-19 ގެ ހާލަތު އަނެއްކާ ވެސް ގޯސްވާން ފެށުމާ ގުޅިގެން ރާއްޖޭގެ އެންމެ ބޮޑު ފުޓުބޯޅަ ލީގުގެ ކުޅުން ހުއްޓާލުމުގެ ސަބަބުން ކުލަބުތަކާއި ކުޅުންތެރިންނަށް ގެއްލުން ލިބޭތީ އެ ކަމުގެ ކަންބޮޑުވުން އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް ފާޅުކުރައްވައިފިއެވެ.

ބައްސާމް ކުރެއްވި ޓްވީޓެއްގައި ވަނީ އެޗްޕީއޭގެ ކުއްލި އެންގުމާއި ގުޅިގެން ކަންބޮޑުވުން ފާޅުކުރައްވާފައެވެ. އެގޮތުން ފުޓްބޯޅަ އަކީ ހަމައެކަނި ކުޅިވަރެއް ނޫން ކަމަށާއި މިއީ އެތައް ބައެއްގެ ދިރިއުޅުމާ ގުޅިފައިވާ ސިނާއަތެއް ކަމަށް ބައްސާމް ވިދާޅުވިއެވެ. އަދި މިދިޔަ އަހަރު ފުޓުބޯޅައަށް ލިބުނު ގެއްލުން އަލުން ތަކުރާރުވާން ނޭދޭ ކަމަށްވެސް ބައްސާމް ވިދާޅުވިއެވެ.

ރާއްޖޭގައި ކޮވިޑުގެ ތިންވަނަ ރާޅެއް އުފެދުމާއެކު އެޗްޕީއޭއިން ވަނީ ކުއްލިގޮތަކަށް ކުޅިވަރު ހަރަކާތްތައް ކުރިޔަށް ނުގެންދެވޭ ގޮތަށް އުސޫލު ހަރުކަށިކޮށްފައެވެ. އުސޫލު ހަރުކަށި ކުރިއިރު އެފްއޭއެމުން ދިޔައީ އެޗްޕީއޭއިން މީގެ ހަ މަސްކުރިން އެކުލަވާލި އުސޫލުތަކާއި އެއްގޮތަށް ލީގުގެ ކަންކަން ކުރިޔަަށް ގެންދަމުންނެވެ. ދުނިޔޭގެ އެހެން ގައުމުތަކުގައި ވެސް ހާލަތު ގޯސްވިކަމުގައި ވީ ނަމަވެސް އެ ގައުމެއްގެ ލީގު އުސޫލުތަކެއްގެ ދަށުން ކުރިޔަށް ގެންދެއެވެ. ރާއްޖޭގެ މި ނިންމުމާއި ގުޅިގެން ކުލަބުތަކުން ވެސް ވަނީ ކަންބޮޑުވުން ފާޅުކޮށް ބަޔާން ނެރެފައެވެ.

އެޗްޕީއޭގެ އެންގުމުގައި ވަނީ އެކަނި ކުރާ ކަސްރަތު ފިޔަވައި، ކުޅިވަރު ހަރަކާތްތަކާއި ކަސްރަތު ހަރަކާތްތައް ހުއްޓާލުމަށެވެ. މިއީ ދެ ހަފުތާގެ މުއްދަތަށް ނެރުނު އެންގުމެކެވެ. ނަމަވެސް ހާލަތު ގޯސްވާ ނަމަ މި ނިންމުން ދިގުދަންމާލުމުގެ ފުރުސަތު ބޮޑެވެ. އެފްއޭއެމުން އެކުލަވާލި އުސޫލުތަކަކީ ފީފާއާއި އޭއެފްސީގެ ލަފާއާއި މަޗްވަރަގެ މަތިން އެކުލަވާލާފައިވާ އުސޫލުތަކެކެވެ. މި އުސޫލުތަކާއެކު ލީގު ފެށުމުގެ ހުއްދަ ދިނީވެސް އެޗްޕީއޭއިންނެވެ.

ރާއްޖޭގެ ފުރަތަމަ ޑިވިޝަނުގެ ކުލަބުތަކުން ނެރުނު ބަޔާނުގައި މައިގަނޑު ނުކުތާއަކީ ކުޅުން ހުއްޓާލުމުން ކުޅުންތެރިންނާއި ކުލަބުތަކަށް ލިބޭ ގެއްލުމުގެ ވާހަކައެވެ. އަދި ކުޑަމިނުން ފަރިތަކުރުންތައް ބާއްވާނެ އިންތިޒާމެއް ހަމަޖައްސައި ދިނުމަށްވެސް އެ ކުލަބުތަކުން ވަނީ އެދިފައެވެ. މި މައްސަލައިގައި ކުލަބުތަށް ގުޅިގެން މާދަމާ ނޫސްވެރިންގެ ބައްދަލުވުމެއް ވެސް ބޭއްވުމަށް ހަމަޖެހިފައިވެއެވެ.