މާލޭގައި ކޮވިޑުގެ ހާލަތު ގޯސްވެފައިވާތީ ރާއްޖޭގެ ލީގު ފަށާނެ ދުވަހެއް ޔަގީންނުވާތީ ގިނަ ކަންބޮޑުވުންތަކެއް ހުރިކަން ރާއްޖޭގެ ފުރަތަމަ ޑިވިޝަނުގެ ތަޖުރިބާކާރު ކޯޗުން ބުނެފިއެވެ.

ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ކުއްލިގޮތަކަށް އެއްވެް މަޝްވަރާއެއް ނެތި ލީގު މެދުކަނޑާލަން ނިންމުމާއެކު އެ ކަންބޮޑުވުން ހުރިކަމަށް ބުނެ ރާއްޖޭގެ ފުރަތަމަ ޑިވިޝަނު ކުލަބުތަކުގެ ކޯޗުންނާއި ކުލަބުތަކުގެ އިސްވެރިން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.

ދިވެހި ޕްރިމިއާ ލީގު މެދުކަނޑާލަން ނިންމީ ކޮވިޑް-19 ގެ ކޭސްތައް މާލެ ސިޓީގައި އިތުރުވުމާއެކު އެޗްޕީއޭއިން ނެރުނު އައު އުސޫލުތަކާ ގުޅިގެން މި މަހުގެ ތިންވަނަ ދުވަހުއެވެ. ލީގު މެދުކަނޑާލާފައިވާތާ ހަފުތާއެއްހާ ދުވަސް ވެއްޖެއެވެ. ނަމަވެސް މިކަމަށް އަލިމަގެއް އަދި ފެނިފައެއް ނުވެއެވެ.

މި މައްސަލައިގައި ފުރަތަމަ ޑިވިޝަނުގެ ކޯޗުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކުލަބް އީގަލްސްގެ ކޯޗު މުހައްމަދު ޝާޒްލީ އާއި ޔުނައިޓެޑް ވިކްޓަރީ (ޔޫވީ) ގެ ކޯޗު އިހުސާން އަބްދުލް ޣަނީ (ސާންތި)، ދަ ގްރާންޑޭ ސްޕޯޓްސް ކުލަބުގެ ކޯޗު އިސްމާޢީލް މަހަފޫޒް (އިންމަ)، ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) ގެ ކޯޗު މުޙައްމަދު ޝިޔާޒް (މޯހަން) އާއި ކުލަބް ގްރީންސްޓްރީޓްސްގެ ކޯޗު އަލީ ނިޝްތާރު ބައިވެރިވިއެވެ.

އަންގާރަ ދުވަހު މަޒާޑާ ކެފޭގައި ފުރަތަމަ ޑިވިޝަނުގެ ހުރިހާ ކުލަބެއް ގުޅިގެން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޔުނައިޓެޑް ވިކްޓަރީ (ޔޫވީ) ގެ ކޯޗު އިހުސާން އަބްދުލް ޣަނީ (ސާންތި) ބުނީ ލީގު މެދުކަނޑާލިއިރު ކުލަބުތަކާއި އެފްއޭއެމް ގުޅިގެން އުސޫލުތަކާ އެއްގޮތަށް ވަރަށް ރަނގަޅަށް އަމަލުކުރި ކަމަށާއި، އުސޫލުތައް މުރާޖާކުރުމަށްފަހު ވިޔަސް ލީގު ހުއްޓާލުން ނޫން ގޮތެއް ނިންމަން ޖެހޭ ކަމަށްވެސް ބުންޏެވެ.

ކުލަބު އީގަލްސްގެ ކޯޗު މުޙައްމަދު ޝާޒްލީ (ޝާޒް) ބުނީ އެ މީގެ ކުރިން ލީގު ފަށަން ހުއްދަ ދިނުމުގައިވެސް ދަތިތައް ދިމާވި ކަމަށާއި، މިއީ ވަރަށް ބޮޑު ޚަރަދެއް ކޮށްގެން ކުރާކަމަކަށްވާއިރު، ލީގު މެދުކަނޑާލި ވަކި ސަބަބެއް ސާފުކޮށްދީފައިނުވާކަމީ ކަންބޮޑުވާ ކަމެއް ކަމަށްވެސް ބުންޏެވެ. އަދި ޝާޒްލީ ބުނީ އެންމެ ފުރަތަމަ މަރުހަލާގައި ޕްރޮފެޝަނަލްކޮށް ހިންގަމުން އައި ލީގެއް ހުއްޓާލުމަކީ ރަނގަޅު ނިންމުމެއް ނޫން ކަމަށެވެ.

ދަ ގްރާންޑޭ ސްޕޯޓްސް ކުލަބުގެ ކޯޗު އިސްމާޢީލް މަހަފޫޒް (އިންމަ) ބުނީ ފުޓްބޯޅަ ކޮމިއުނިޓީ ތެރޭގައި ކްލަސްޓާއެއް ނެތި ލީގު ކުއްލިއަކަށް ހުއްޓާލަން ޖެހުމަކީ ފުޓްބޯޅައަށް ލިބޭ ވަރަށް ބޮޑު ގެއްލުމެއް ކަމަށާއި ބޮޑު މެދުކެނޑުމަކަށްފަހު އެންމެ ފުރަތަމަ ސީޒަން ފަށަން ޕްރީ-ސީޒަން ހެދިއިރުވެސް ކޯޗުންނަށް ވަރަށް ބޮޑު ޗެލެންޖަކާ ކުރިމަތިލާން ޖެހުނު ކަމަށެވެ.

ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) ގެ ކޯޗު މުޙައްމަދު ޝިޔާޒް (މޯހަން) ބުނީ މިހާރު މި އޮތް ހާލަތުން އަންނަ މާޗު މަހު ކުޅެން އޮތް ކޮލިފައިންގ މެޗުތަކަށް ގައުމީ ޓީމު ކުޅުންތެރިން ފިޓް ނުވާނެ ކަމަށާއި، އެ މެޗުތަކުން ނަތީޖާ ނެރުމަކީ ގައުމީ ކޯޗަށާއި ކުޅުންތެރިންނަށްވެސް ވަރަށް އުނދަގޫވާނެ ކަމެއް ކަމަށެވެ. އަދި މި އަހަރު ކުޅެން އޮތް އޭއެފްސީ ކަޕަށް ތައްޔާރުވާ ދެ ޓީމަށްވެސް މިކަމުގެ އަސަރުކުރާނެ ކަމަށްވެސް މޯހަން ބުންޏެވެ.

ރާއްޖޭގެ ލީގު މެދުކަނޑާލިއިރު ދެވަނަ ބުރުގެ މެޗުތައް ދަނީ ކުރިޔަށެވެ. މި މައްސަލައިގައި މިހާތަނަށް ކަމާބެހޭއިދާރާތަކުގެ އިސްބަހެއް އަދި ލިބިައެއް ނުވެއެވެ. އެހެންކަމުން ކުލަބުތަކުން ދަނީ މި މައްސަލަ ރައިސުލްޖުމްހޫރިއްޔާ އާއި ހިސާޞަށް ގެންދިއުމަށް މަސައްކަތް ކުރަމުންނެވެ.