ވޯލްޑްކަޕުގެ ކުރިން އެކި ޤައުމޖުތަކުގެ ގައުމީ ޓީމުތަކުން އެކުވެރި ކަމުގެ މެޗުތައް ކުޅެމުން އަންނަ އިރު އާދިއްތަ ދުވަހުގެ ރޭ ބްރެޒިލް އަދި ކްރޮއޭޝިއާ ކުޅުނު މެޗު، 0-2 ގެ ނަތީޖާ އަކުން ބްރެޒިލް ކާމިޔާބުކޮށްފިއެވެ.

ތިން މަސް ވަންދެން ކުޅުމާއި ދުރުގައި ހުރުމަށް ފަހު ޓީމުގެ މުޙިންމު ކުޅުންތެރިޔާ، ނޭމާ އެނބުރި އައި މި މެޗުގެ ފުރަތަމަ ގޯލު ކާމިޔާބުކޮށްދީފައި ވަނީ އޭނާއެވެ. އެންފީލްޑުގައި ކުޅުނު މި މެޗުގެ ފުރަތަމަ ގޯލު ނޭމާ ކާމިޔާބު ކުރިއިރު އޭނާ ވަނީ ފެބްރުއަރީ 25 ގައި މާސައިލް އާއި ދެކޮޅަށް ކުޅުނު މެޗުގައި ކުޑަ ހުޅަށް ލިބުނު އަނިޔާ އާއި ގުޅިގެން ކުޅުމާއި ދުރުގައި ދުވަސްތަކެއް ހޭދަކޮށްފައެވެ.

ފުރަތަމަ މެޗުގައި އެއްވެސް ޓީމަކަށް ލަނޑެއް ޖެހިފައި ނުވާއިރު، ދެވަނަ ހާފުގައި ކުޅެން އެރުމަށްފަހު މެޗުގެ 69 ވަނަ މިނެޓުގައި ނޭމާ ކާމިޔާބު ކުރި ގޯލުގެ ސަބަބުން ބްރެޒިލް މެޗުން މޮޅު ވުމުގެ އުއްމީދު ވަނީ ބޮޑު ވެފައެވެ. ވިލިއަން ދިން ބޯޅައެއް ކްރޮއޭޝިއާގެ ދެ ޑިފެންޑަރުން ގައިން ނެއްޓުމަށް ފަހު ޖެހި ބޯޅަ ގޯލުގެ ތެރެއަށް ވަދެގެން ދިޔައިރު ބްރެޒިލްގެ ދެވަނަ ލަނޑުވެސް ކާމިޔާބު ކޮށްފައިވަނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި ރޮބާޓޯ ފަމީނިއޯ އެވެ.

އާދިއްތަ ދުވަހުގެ މެޗުގައި ނޭމާ ކާމިޔާބު ކުރި ލަނޑަކީ އޭނާ ބްރެޒިލްގެ ގައުމީ ޓީމަށް ކާމިޔާބު ކޮށްދިން 54 ވަނަ ލަނޑެވެ. ބްރެޒިލްގެ އެންމެ ގިނަ ލަނޑު ކާމިޔާބު ކުރި ކުޅުންތެރިންގެ ލިސްޓުގެ ހަތަރު ވަނައިގައި ނޭމާ އޮތްއިރު، ރޮމާރިއޯ އާއި ހަމަ ކުރަން އޭނާ ދެން ކާމިޔާބު ކުރަން ޖެހެނީ އެންމެ ލަނޑެކެވެ.

ޥޯލްޑް ކަޕުގެ ކުރިން ކުޅޭ ފަހު އެކުވެރި ކަމުގެ މެޗު ބްރެޒިލް ކުޅޭނީ އޮސްޓްރިއާ އާއި ދެކޮޅަށް ޖޫން ދިހަވަނަ ދުވަހު ވިއޭނާ ގައެވެ.