ސްޕެނިޝް ލީގުގައި ރެލިގޭޝަން ޒޯނުގައި އޮތް އެލްޗޭ ބަލިކޮށް ބާސެލޯނާއިން ތާވަލުގެ ތިންވަނައަށް ޖެހިލައިފިއެވެ.
ބާސާގެ ދަނޑުގައި ކުޅުނު މި މެޗުން ބާސާ މޮޅުވެފައިވަނީ 3-0 ގެ ނަތީޖާއަކުންނެވެ. މި މެޗުގައި ގިނަވަގުތު ބޯޅަ ގެންގުޅެ، ގިނަ ހަމަލާ އުފައްދާފައިވަނީ ބާސާއެވެ. މެޗުގައި ޖެހި ތިން ލަނޑުގެ ތެރެއިން ބާސާގެ ދެ ލަނޑު ޖެހީ މެސީ އެވެ.
މެޗުގެ ފުރަތަމަ ހާފު ނިމުނީ ދެޓީމުން ކުރެ ޓީމަކަށް ލަނޑެއް ނުޖެހިއެވެ. ބާސާގެ ތިން ލަނޑުވެސް ފެނިގެންދިޔައީ ދެވަނަ ހާފުގައެވެ. ދެވަނަ ހާފު ފަށައިގެން ތިންވަނަ މިނެޓުގައި ބާސާގެ ފުރަތަމަ ލަނޑު ޖެހިއެވެ. މާޓިން ބްރެތުވެއިޓުގެ އެހީއާއެކު މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ކެޕްޓަން ލިއޮނެލް މެސީއެވެ.
މެޗުގެ 69 ވަނަ މިނެޓުގައި ފްރެންކީ ޑި ޔޮން ދިން ބޯޅައަކުން މެސީ ވަނީ އިތުރު ލަނޑެއް ޖަހައި، ބާސާއަށް ލީޑު ފުޅާކޮށްދީފައެވެ. ދެން މި މެޗުގައި ބާސާއިން ކާމިޔާބުކުރި އަނެއް ލަނޑު، 73 ވަނަ މިނެޓުގައި ބްރެތުވެއިޓުގެ އެހީއާއެކު ކާމިޔާބުކޮށްދިނީ ޖޯޑީ އަލްބާއެވެ.
މެސީގެ ދެ ގޯލާއެކު މި ސީޒަނުގެ ސްޕެނިޝް ލީގުގައި މެސީ ޖެހި ލަނޑުގެ އަދަދު ވަނީ 18 އަށް އަރާފައެވެ. އަދި ސްޕެނިޝް ލީގުގެ ލަނޑު ލިސްޓުގެ އެއްވަނައަށް ވެސް ޖެހިލާފައެވެ. ލިސްޓުގެ ދެވަނައިގައި 16 ލަނޑާއެކު އޮތީ ލުއިޒް ސުއަރޭޒް އެވެ.
މި މޮޅާއެކު ތާވަލުގެ ތިންވަނައިގައި ބާސާ އޮތީ ކުޅުނު 24 މެޗުން ލިބުނު 50 ޕޮއިންޓާއެކުއެވެ. އެއްވަނައިގައި އޮތް އެތުލެޓިކޯ މެޑްރިޑަށް ލިބިފައިވަނީ 23 މެޗުން 55 ޕޮއިންޓެވެ. ދެވަނައިގައި އޮތީ އެންމެ ފަހުގެ ޗެމްޕިއަން ރެއާލް މެޑްރިޑެވެ. އެ ޓީމު ދެވަނައިގައި އޮތީ 24 މެޗުން 52 ޕޮއިންޓާއެކު އެވެ.
އެންމެ 3 ލަނޑު. ކަޑައޭ. 10 ވަރަކަށް ލަނޑު ޖަހާނެކަމަށް ހީކުރީ.