ޔުއެފާ ޗެމްޕިއަންސް ލީގުގެ ދެވަނަ ބުރުގެ ފުރަތަމަ ލެގުގައި ކުޅުނު މެޗު ކާމިޔާބުކޮށް އިނގިރޭސި ކުލަބް މެންޗެސްޓަރ ސިޓީއާއި ސްޕެއިންގެ ރެއާލް މެޑްރިޑް ކުއާޓާފައިނަލުގެ އުއްމީދު ބޮޑުކޮށްފިއެވެ.

ދެވަނަ ބުރުގެ ފުރަތަމަ ލެގުގައި ކުޅުނު މެޗު ސިޓީ ކާމިޔާބުކޮށްފައިވަނީ ޖަރުމަނުގެ ބޮރޫޝިއާ މޮންޗެންގްލަޑްބެކްގެ މައްޗަށް 2-0 އިން ކުރިހޯދައިގެންނެވެ. އަދި ރެއާލް ކުއާޓާގެ އުއްމީދު ބޮޑުކުރީ ރަށުންބޭރުގައި އެޓަލަންޓާ އާއި ވާދަކޮށް 1-0 ގެ ހަނިތަފާތަކުން މޮޅުވެގެންނެވެ.

މެންޗެސްޓާ ސިޓީން ހޯދި މި މޮޅާއެކު ޖެހިޖެހިގެން އެ ޓީމު ބަލިނުވެ ދަމަހައްޓަމުން އައި ރެކޯޑު ވަނީ 19 އަށް އަރާފައެވެ. އިނގިރޭސި ކުޅުންތެރިން ޖަރުމަނަށް އެތެރެ ނުވެވޭތީ މި މެޗު ކުޅެފައިވަނީ ހަންގޭރީގައެވެ.

މި މެޗުގައި ސިޓީގެ ފުރަތަމަ ލަނޑު 29 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ޔާއޯ ކަންސޭލޯ ދިން ބޯޅައަކުން ބެނާޑޯ ސިލްވާ އެވެ. ސިޓީގެ ދެވަނަ ލަނޑު ފެނިގެންދިޔައީ މެޗުގެ ދެވަނަ ހާފުގައެވެ. ސިލްވާ ތަނަވަސްކޮށްދިން ފުރުސަތަކުން މި ލަނޑު ކާމިޔާބުކޮށްދިނީ ގަބްރިއެލް ޖީސަސް އެވެ. މީގެއިތުރުން މި މެޗުގައި ސިޓީއަށް ގިނަ ލަނޑުތަކެއް ޖެހުމަށް ފުރުސަތު ތަނަވަސްވިއެވެ.

ލަނޑު ޖެހުމަށްފަހު ރެއާލުން އުފާފާޅުުކުރަނީ

ރެއާލް ކުޅުނު މެޗު އެ ޓީމު ކާމިޔާބުކުރި އިރު މި މެޗުގެ ބޮޑުބައި އެޓަލަންޓާ ކުޅުނީ އެއް ކުޅުންތެރިއަކު މަދުކޮށެވެ. އެއީ މެޗުގެ 17 ވަނަ މިނެޓުގައި އެޓަލަންޓާގެ ރެމޯ ފްރެއޮލާ އަށް ރަތް ކާޑެއް ދެއްކުމާއި ގުޅިގެންނެވެ. މި މެޗުގައި ރެއާލް މޮޅުވި ލަނޑު ޖަހާފައިވަނީ މެޗު ނިމެން ކުޑަތަންވެފައި ވަނިކޮށެވެ. ގޯލުގެ ކަނަށް އަމާޒުކޮށް ފޮނުވާލި ބޯޅައިން ރެއާލްއަށް މި ލަނޑު ކާމިޔާބުކޮށްދިނީ މެންޑީ އެވެ.

ކުއާޓާފައިނަލުގެ ޖާގައެއް ކަށަވަރުކުރުމަށް މި ދެ ޓީމުންވެސް ދެވަނަ ލެގު ކުޅުމަށް ހަމަޖެހިފައިވަނީ އަންނަ މަހުގެ 16 ގައެވެ.