ލިވަޕޫލްގައި މައްސަލަތަކެއް އުޅޭ ކަމަށާއި ޕްރިމިއަރ ލީގުގައި ދަށް ނަތީޖާތަކެއް ފެނުނު ނަމަވެސް މިއީ ޓީމު އަލުން އާރާސްތުކުރަން ޖެހޭ ދަނޑިވަޅު ނޫންކަމަށް އެ ޓީމުގެ ކޯޗު ޔާގެން ކްލޮޕް ބުނެފިއެވެ.

މިއީ އެ ޓީމުގެ ކޯޗަކަށް ކްލޮޕް ހަވާލުވިފަހުން ލިވަޕޫލްގެ އެންމެ ދަށް ކުޅުން ފެންނަ ފަހަރެވެ. ލީގު ތަށި ދިފާއުކުރަން މިފަހަރު ނުކުތް ލިވަޕޫލް އޮތީ ނާޒުކު ފައްތަރެއްގައެވެ. އަނިޔާގެ މައްސަލަތަކާއި ގުޅިގެން ޓީމުގެ މުހިއްމު ކުޅުންތެރިންތަކެއް ކުޅުމާއި ދުރުގަ ހުރިއިރު، މުހިއްމު މެޗުތަކުން ބަލިވެ ޓީމު އޮތީ ތާވަލުގެ ހަވަނައިގައެވެ.

ޕްރިމިއަރ ލީގުގެ ގަދަ ހަތަރަކަށް އެރުމަށް ލިވަޕޫލަށް އަދި ފަސް ޕޮއިންޓު ބޭނުންވެއެވެ. އެންމެފަހުން ލިވަޕޫލް ކުޅުނު ހަތަރު މެޗުންވެސް ވަނީ ބަލިވެފައެވެ. މީގެތެރެއިން ތިން މެޗަކީ ލިވަޕޫލްގެ އަމިއްލަ ދަނޑުގައި ކުޅުނު މެޗުކަން ފާހަގަކޮށްލެވެއެވެ. އެއާއެކު ގިނަ ބައެއްގެ ފާޑުކިޔުން އެ ކުލަބަށް އަމާޒުވިއިރު ގިނަބަޔަކު ބުނާގޮތުން ލިވަޕޫލަށް ބަދަލުތަކެއް ބޭނުންވެއެވެ.

ނަމަވެސް ކްލޮޕް ބުނީ ލިވަޕޫލްގެ މިހާރު އޮތް ސްކޮޑަށް ކުދިކުދި ބަދަލުތަކެއް އަންނާނެ ކަމަށާއި ނަމަވެސް ބޮޑު ބަދަލެއް ގެނައުމުގެ ވިސްނުމެއް ނެތް ކަމަށެވެ. އަދި މިހާރު ދިމާވެފައިވާ މައްސަލަތައް ހައްލުކުރުމަށް ދުވަސް ނަގާނެ ކަމަށާއި މިއީ ކޮންމެ ޓީމަކަށްވެސް ދިމާވެދާނެ ހާލަތެއް ކަމަށް ކްލޮޕް ބުންޏެވެ.

ލީގު ތާވަލުގެ ފުލުގައި އޮތް ޝެފީލްޑް ޔުނައިޓެޑާއި ދެކޮޅަށް އަންނަ ހޯމަދުވަހު ނުކުންނައިރު، މެޗުގެ ކުރިން ވާހަކަދައްކަމުން ކްލޮޕް ބުނީ ޓީމު މިހާރު އޮތް ހާލަތުން ކުރިޔަށްހުރި މެޗުތައް ކާމިޔާބުކުރަން އިތުރު މަސައްކަތްކުރަން ޖެހޭ ކަމަށާއި ޝެފީލްޑް މެޗު ފަސޭހަކޮށް ނުނަގާނެ ކަމަށެވެ.

އިނގިރޭސި ޕްރިމިއަރ ލީގުގެ ތާވަލުގެ ހަވަނައިގައި ލިވަޕޫލް އޮތީ ކުޅުނު 25 މެޗުން ލިބުނު 40 ޕޮއިންޓާއެކު އެވެ. އެ ޓީމާ އެންމެ ކައިރިން ފަސްވަނައިގައި ޗެލްސީ އޮތީ 43 ޕޮއިންޓާއެކު އެވެ .