ތ.މަޑިފުށީގައި ބެޑްމިންޓަންގެ ހަރަކާތްތައް ތައާރަފްކުރުމުގެ ގޮތުން އެ ރަށުގައި އަހަރު ދުވަހަށް ދަންމާލައިގެން ކުރިޔަށްގެންދާ ހާއްސަ ޕްރޮގްރާމްތަކުގެ ދަށުން ބޭއްވި ޝަޓަލް ޓައިމް ޕްރޮގްރާމް ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ.

އެންމެ ފުރަތަމަ ފެށި ޝަޓަލް ޓައިމް ޕްރޮގްރާމަކީ އެ ރަށުގެ ސްކޫލްގައި ތައުލީމު ހާސިލުކުރާ ދަރިވަރުންގެ ތެރެއިން 13-15 އަހަރާއި ދެމެދުގެ ދަރިވަރުންނަށް ހާއްސަކޮށް ބޭއްވި ޕްރޮގްރާމެކެވެ. މި ޕްރޮގްރާމްގައި ބައިވެރިވި 57 ދަރިވަރުންގެ ތެރެއިން ފާސްވެފައިވަނީ 44 ދަރިވަރެކެވެ.

ޝަޓަލް ޓައިމް ޕްރޮގްރާމުގެ ތެރެއިން

މި ދަރިވަރުންގެ ތެރެއިން ކޮންމެ ޖިންސަކުން އެންމެ މޮޅު ފަސް ކުދިން ވަނީ ހޮވާފައެވެ. ފިރިހެން ބައިން އެއްވަނަ ހޯދީ މާހިލް އިސްމާއީލް އެވެ. އަންހެންބައިގެ އެއްވަނަ މަޤާމުގެ އިތުރުން މުޅި މި ޕްރޮގްރާމްގެ އެއްވަނަ ދަރިވަރަކަށް ހޮވުނީ މައީޝާ އަހުމަދެވެ. މި ޕްރޮގްރާމުގައި ޕްރެކްޓިކަލް ސެޝަންތައް ކިޔަވައިދިނީ ބެޑްމިންޓަން ކުޅުމުގެ ހުނަރު ލިބިފައިވާ 4 ފަރާތެކެވެ.

ނިންމުމުގެ ގޮތުން ބޭއްވި ރަސްމިއްޔާތުގެ ތެރެއިން

މި ޕްރޮގްރާމަށް ބެލެނިވެރިންގެ ފަރާތުން ފުރިހަމަ އެއްބާރުލުމެެއް ލިބިގެންދިޔަ ކަން ފާހަގަކޮށް އިންތިޒާމުކުރި ފަރާތްތަކުން ބުނީ މުޅި އަހަރަށް ބަހާލައިގެން އަންހެން އަދި ފިރިހެން ޓީމެއް އެކުލަވާލާ، ފަރިތަކުރުންތައް ކުރިޔަށްގެންދަން ނިންމާފައިވާ ކަމަށެވެ. މި ދެ ޓީމުގައި ޖުމްލަ 18 ދަރިވަރުން ހިމެނެއެވެ. މި ކާމިޔާބީއާއެކު 18 އަހަރުންމަތީގެ ދެ ޖިންސުގެ ބޭފުޅުންނަށް އަމާޒުކޮށްގެން ޕްރޮގްރާމްތަކެއް އޭޕްރީލްގައި ފެށުމަށް ވަނީ ނިންމާފައެވެ.

ޕްރޮގްރާމުގެ އެންމެ މޮޅު ދަރިވަރު

ކާމިޔާބު ޕްރޮގްރާމްތަކާއެކު ކުރިޔަށްއޮތް ތަނުގައި އިންޓަސްކޫލް މުބާރާތްތަކުގައި މަޑިފުށި ސްކޫލް ތަމްސީލުކުރުމަކީ އަމާޒެެއް ކަމަާއި މި ޕްރޮގްރާމަށް އެ ރަށު ސްކޫލުގެ ފަރާތުން ބޮޑު އެއްބާރުލުމެއް ލިބުނުކަން އިންތިޒާމުކުރި ފަރާތްތަކުން ފާހަގަކުރިއެވެ.

މިއީ މަޑިފުށީ ޒުވާނުންތަކެއްގެ އިސްނެގުމާއެކު ބެޑްމިންޓަން އެސޯސިއޭޝަން އޮފް މޯލްޑިވްސް އާއި މަޑިފުށީ ކައުންސިލްގެ އިތުރުން މަޑިފުށީ ޔޫތު ސެންޓަރާއި މަޑިފުށި ސްކޫލް ގުޅިގެން ބާއްވާ މި ޕްރޮގްރާމްތަކެކެވެ. މިއީ މަޑިފުށީގައި ބެޑްމިންޓަންގެ ޖީލެއް ބިނާކޮށް، އެކަކު އަނެކަކާ އޮންނަ ގުޅުން ބަދަހިކުރުމުގެ އިތުރުން ރަށުގައި ބެޑްމިންޓަންގެ ފޯރި އިތުރުކުރުމުގެ މަގުސަދުގައި ފެށި ޕްރޮގްރާމެކެވެ.