ބްރެޒިލުގައި 2014 ވަނަ އަހަރު ބޭއްވި ފީފާ ވޯލްޑް ކަޕުގައި އީރާނުގެ ޤައުމީ ފުޓްބޯޅަ ޓީމަށް ކުޅުނު ޑިފެންޑަރެއް ކަމަށްވާ މެހެރްދާދް ޕޫލާދީ ރާއްޖޭގެ ކުލަބު ވެލެންސިއާ އާއި ގުޅިއްޖެއެވެ.

މި ސީޒަނުގެ ނިޔަލަށް އުމުރުން 34 އަހަރުގެ ކުޅުންތެރިޔާ ވެލެންސިއާ އާއި ގުޅުނުއިރު، އޭނާ މިވަގުތު ހުރީ ކަރަންޓީނުގައެވެ. އޭނާ ކުޅުމާއި ގުޅޭނީ އަންނަ ބުދަދުވަހު ކަމަށް އެ ކުލަބުން މައުލޫމާތުދެއެވެ. މިއާއެކު ވެެލެންސިއާގެ ފަހަތަށް އިތުރު ވަރުގަދަކަމެއް އަންނާނެކަމަށް ގަބޫލުކުރެވެއެވެ. ރާއްޖޭގެ ކެޕްޓަން އަކްރަމް އަބްދުލް ޢަނީވެސް ކުޅެނީީ ވެލެންސިއާ އަށެވެ.

މީގެއިތުރުން ރާއްޖޭގެ އެންމެ ކާމިޔާބު އެއް ކުޅުންތެރިޔާ އަލީ އަޝްފާގު (ދަގަނޑޭ) ވެސް ކުޅެމުން އަންނަނީ އޭނާގެ ކެރިއަރު އެންމެ ފުރަތަމަ ފެށި ކުލަބް ވެލެންސިއާގައެވެ.

ޕޫލާދީގެ ކެރިއަރުގައި 2014 ވަނަ އަހަރުގެ ވޯލްޑް ކަޕުގައި އޭނާ ވަނީ އާޖެންޓީނާ އާއި، ބޮސްނިއާ އަދި ނައިޖީރިއާއާ ދެކޮޅަށް ގްރޫޕް ސްޓޭޖުގައި ވަރުގދަ މެޗުތަކެއް ކުޅެފައެވެ. އެފަހަރުގެ ވޯލްޑް ކަޕުގެ ފުރަތަމަ ހަފުތާގައި ރޭންކިންގެ ދެވަނައިގައި ޕޫލާދީ އޮތީ ޖަރުމަނުގެ ތޯމަސް މުލާގެ ފަހަތުންނެވެ.

ކާލޯސް ކުއެރޯޒްގެ ކޯޗުކަމުގެ ދަށުން އީރާނުގެ ސީނިއާ ޓީމަށް އޭނާ އެންމެ ފުރަތަމަ ކުޅުނީ 2011 ވަނަ އަހަރުގައެވެ. އޭގެފަހުން އޭނާ ސީނިއާ ޓީމަށް 28 މެޗު ވަނީ ކުޅެދީފައެވެ. އޭގެފަހުން 2015 ގެ އޭޝިއަން ކަޕުގައިވެސް އޭނާ ކުޅެފައިވެއެވެ.

ޕޫލާދީގެ ކެރިއަރުގައި އޭނާ މިހާތަނަށް ގިނަ ކުލަބުތަކަކަށް ވަނީ ކުޅެފައެވެ. ވެލެންސިއާ އަކީ އޭނާގެ ކުލަބް ކެރިއަރުގައި ކުޅޭ 10 ވަނަ ޓީމެވެ 2006 ގައި ކެރިއަރު ފެށި ކުޅުންތެރިޔާ ވަނީ އަށް އަހަރު އީރާނު ލީގުގައި ކުޅެފައެވެ. އޭގެފަހުން އޭނާ ދެން ފެނުނީ ގަތަރު ލީގުންނެވެ.