ދިރާގު ދިވެހި ޕްރިމިއާ ލީގު އަލުން ފެށުމަށް ކުރެވޭ މަސައްކަތްތަކުގެ ދަށުން މާޒިޔާއިން ހަދިޔާކުރި ޑިސްއިންފެކްޓް ގޭޓެއް ގަލޮޅު ފުޓުބޯޅަ ދަނޑުގައި ހަރުކޮށްފިއެވެ.

މި ގޭޓު ހަރުކުރުމުގެ މަސައްކަތް ނިމިފައިވާއިރު، މިއީ މާޒިޔާ ސްޕޯޓްސް ކުލަބުގެ ފަރާތުން ހަދިޔާކުރި ގޭޓެކެވެ. މި ގޭޓު އެ ކުލަބަށް ސްޕޮންސާކޮށްދިނީ މެޑިކުއިޕް މޯލްޑިވްސްއެވެ. އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް ކުރެއްވި ޓްވީޓެއްގައި ވަނީ މި ހަދިޔާކޮށްދެއްވި ކަމަށްޓަކައި ދެ ފަރާތަށްވެސް ޝުކުރުއަދާކޮށްފައެވެ.

ކޮވިޑުގެ ހާލަތާއި ގުޅިގެން ކުޅުން މެދުކަނޑާލާފައިވާ ދިވެހި ޕްރިމިއަރ ލީގުގެ މެޗުތައް މިމަހުގެ 21 އަލުން ފެށުމަށް މަސައްކަތްކުރަމުން އަންނަ ކަމަށާއި އަމާޒަކީ އެ ތާރީހުގައި މެޗުތައް ފެށުން ކަމަށް އެފްއޭއެމުން ވަނީ މީގެކުރިން ބުނެފައެެވެ.

މާލޭ ސަރަހައްދުގައި ކޮވިޑުގެ ހާލަތު ގޯސްވުމާއި ގުޅިގެން ލީގުގެ ކުޅުން މެދުކަނޑާލީ މިދިޔަ ފެބްރުއަރީ މަހުގެ 3 ވަނަ ދުވަހުއެވެ. އޭގެފަހުން ގާތްގަނޑަކަށް ތިން ހަފުތާ ފަހުން ކުލަބުތަކަށް ފަރިތަކުރުންތައް ފެށުމުގެ ހުއްދަ އެޗްޕީއޭއިން ދިނެވެ.

ލީގުގެ ކުޅުން އަވަހަށް ފަށަން މަސައްކަތްކުރަނީ ކުރިޔަށް އޭއެފްސީ ކަޕުގެ މެޗުތައް އޮތުމާއެކު އެވެ. މި މުބާރާތުގައި ވާދަކުރާ ރާއްޖޭގެ ޓީމުތަކަށް ތައްޔާޜުވާނެ ވަގުތު ދިނުމުގެ ގޮތުން އަވަހަށް ކުޅުން ފެށުމަށް މަސައްކަތް ކުރަނީވެސް އެ ސަބަބާހުރެ އެވެ.

އޭއެފްސީ ކަޕުގެ ދެކުނު އޭޝިއާގެ ގްރޫޕުގެ މެޗުތައް ރާއްޖޭގައި ބޭއްވުމުގެ ފުރުސަތު ވަނީ ލިބިފައެވެ. މުބާރާތުގެ ގްރޫޕް ސްޓޭޖުގައި ރާއްޖެއިން ވާދަކުރަނީ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނެވެ. އަދި ޕްލޭއޮފް މެޗު ކާމިޔާބުކޮށް މި ގްރޫޕުން ޖާގައެއް ހޯދުމުގެ ފުރުސަތު ކުލަބް އީގަލްސްއަށް ވެސް އެބައޮތެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ވަތަނަބޭ

    މީގެ އެއްޗެއް އިސްލާމީ މަރުކަޒުގަވެސް ދޯ؟

  2. ސަޓޯ

    ތީގެގޭޓު އެއ އްމިސްކި ތުގަ އިހަރުކޮ ދީބަލަ