ފުރަތަމަ ޑިވިޝަނުގައި މިފަހަރު އަލަށް ވާދަކުރާ ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) އަށް ސްވިޑަން ފޯވާޑަކާއި މޮރޮކޯގެ މިޑްފީލްޑަރެއް ސޮއިކޮށްފިއެވެ.

މިދިޔަ ހޯމަދުވަހު ބަންދުވި ޓްރާންސްފަރ މާކެޓާއެކު ސަސްއަށް ސޮއިިކުރި ސްވިޑެންގެ ފޯވާޑަކީ ޝްކޮޑްރަން މަހޯލީއެވެ. އަދި މޮރޮކޯގެ މިޑްފީލްޑަރަކަށް ގެނައީ މުޙައްމަދު އަޖްނާނީއެވެ.

މި ސީޒަން އެ ޓީމުން ފަށާފައިވަނީ ބިދޭސީ ހަތަރު ކުޅުންތެރިންނާއެކުއެވެ. ނަމަވެސް އޭގެތެރެއިން ދެ ކުޅުންތެރިއަކު ވަނީ ދޫކޮށްލާފައެވެ. ދޫކޮށްލާފައިވަނީ ޖަޕާނުގެ މިޑްފީލްޑަރު އަޓްސުޝީ ޔޮނެޒާވާ އާއި ސްޕެއިނުގެ ފޯވާޑް ވިކްޓަ ރޮޑްރިގޭޒްއެވެ.

މިހާރު ސަސްގައި ތިބި ކުޅުންތެރިންނަކީ އުޒްބެކިސްތާން ލީގުގެ ޓީމުތަކަށް ކުޅެފައިވާ ގޯލްކީޕަރު މިރްޒޮހިދު މަމަކްތޯނޯފާއި، ލާއޯސް އާއި އާރްމީނިއާގެ އިތުރުން ރާއްޖޭގެ ޖޭޖޭ ސްޕޯޓްސްއަށް ކުޅެފައިވާ ޖަޕާނުގެ މިޑްފީލްޑަރު އެއިސޫކޭ މޯރީ ގެ އިތުރުން އަލަށް ސޮއިކުރި ދެ ކުޅުންތެރިންނެވެ.

އުމުރުން 27 އަހަރުގެ ސްވިޑަން ފޯވާޑަކީ މަހޯލީ މީގެކުރިން ވަނީ ސްވިޑެންގެ 19 އަހަރުން ދަށުގެ ޤައުމީ ފުޓްބޯޅަ ޓީމަށް ކުޅެފައެވެ. އަދި ކުލަބު ކެރިއަރުގައި އޭނާ ވަނީ ސްވިޑެންގެ ފުރަތަމަ ޑިވިޝަނުގެ ހަލްމްސްޓަޑާއި ހޭކަން އާއި ސިރީއާސްގެ އިތުރުން އެ ޤައުމުގެ ދެވަނަ ޑިވިޝަނުގެ ކުލަބުތަކަށް ކުޅެފައެވެ.

ސަސްއާ ގުޅުނު މޮރޮކޯގެ މިޑްފީލްޑަރު އަޖްނާނީ މީގެ ކުރިން ވަނީ މޮރޮކޯގެ 20 އަހަރުން ދަށުގެ ޤައުމީ ފުޓްބޯޅަ ޓީމަށް ކުޅެފައެވެ. އަދި ކުލަބު ކެރިއަރުގައި އޭނާ ވަނީ ނެދަލެންޑްސްގެ ދެވަނަ ޑިވިޝަނުގެ ޓީމުތަކަށް ކުޅެފައެވެ.

މި ޓްރާންސްފާތަކާއެކު ސަސް އިން ވަނީ ލޯނު އެއްބަސްވުމެއްގެ ދަށުން މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނުގެ ޑިފެންޑަރު މުޖުތާޒް މުޙައްމަދު (މުޖޭ) އާއި މިޑްފީލްޑަރު އަބްދުﷲ ޖުނައިދު (ޖެންނޭ) ގެ ސޮއި ހޯދާފައެވެ.

މި އަހަރުގެ ޖެނުއަރީ މަހު ސަސްއިން ވަނީ ނާދުގެ އެއްބަސްވުން ދެ ފަރާތް އެއްބަސްވެގެން އުވާލައި، އެ ޓީމުގެ ކޯޗަކަށް އީގަލްސްގެ ކުރީގެ ކޯޗު މުޙައްމަދު ޝިޔާޒް (މޯހަން) ހަމަޖައްސާފައެވެ.

ކޮވިޑް-19 ގެ ހާލަތާއި ގުޅިގެން ލީގުގެ ކުޅުން މެދުކަނޑާލާފައި އޮތްއިރު ސަސް އޮތީ ތާވަލުގެ ހަވަނައިގައި ކުޅުނު އަށް މެޗުން ލިބުނު އަށް ޕޮއިންޓާއެކުއެވެ.