އިނގިރޭސިވިލާތުގެ ލީގު 1 ގެ ޓީމު ވިގަން އެތްލެޓިކްއާޢި ޕްރެމިއަރ ލީގު ތާވަލުގެ އެއްވަނައިގައި ބޮޑު ލީޑަކާއިއެކު މިވަގުތު އޮތް މެންޗެސްޓާރ ސިޓީ އެފް އޭ ކަޕުގެ ފަސް ވަނަ ބުރުގައި ބައްދަލުކުރި މެޗު ގިނަ ބަޔަކު ހީކުރި ގޮތާއި ޙިލާފަށް 1-0 ން ވިގަންއިން ކާމިޔާބުކޮށްފިއެވެ. މި މެޗުން ވިގަން މޮޅުވުމާއި އެކު މެންޗެސްޓާރ ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާއަށް މި ސީޒަނުގައި ކާމިޔާބުކުރެވެން ހުރި ތަށިތަކުގެ އަދަދު މަދުވެގެންދިޔައީ އެވެ. މި މެޗުގެ ހަމައެކަނި ލަނޑު ކާމިޔާބުކޮށްދީފައިވަނީ ވިގަންގެ ވިލް ގްރިގްއެވެ.

މި މެޗުގެ ފުރަތަމަ ހާފުގައި މެންޗެސްޓާ ސިޓީގެ ފަބިއަން ޑެލްފްއަށް ރަތް ކާޑެއް ދެއްކިގެންދިޔައިރު މިއީ މި މެޗު ހޫނުވެގެންދިޔަ ހަމައެކަނި ފަހަރެއް ނޫނެވެ. ސިޓީގެ ފޯވަޑް ސާރޖިއޯ އަގުއެރޯއާއި ހުއްދައާއިނުލައި ދަނޑަށް އެރި ބައެއް ސަޕޯޓަރުންތަކަކާއި ދެމެދު ހަމަނުޖެހުންތަކެއް ހިނގައިދިޔައިރު ދެ ޓީމުގެ ދެ ކޯޗުންގެ ދެމެދުގައިވެސް ހާފް ޓައިމްގައި ވަރުގަދަ ޒުވާބެއް ކުރިތަން ވަނީ ފެނިގެންގޮސްފައެވެ.

މި މެޗުގައި ގިނަ ވަގުތު މެންޗެސްޓާރ ސިޓީއިން ބޯޅަ ހިފަހައްޓައިގެން ކުޅުނު ނަމަވެސް މި މެޗުގައި ވިގަންގެ ފަރާތުން ވަނީ ވަރުގަދަ ޑިފެންސިވް ކުޅުމެއް ފެނިގެންގޮސްފައެވެ. ވިގަންއިން ވަނީ މެންޗެސްޓަރ ސިޓީގެ ނުރައްކާތެރި އެތައް ހަމަލާއެއް ހުއްޓުވާލައިފައެވެ.

މިއާއިއެކު ވިގަންއިން ވަނީ އެފް އޭ ކަޕުގައި ފާއިތުވެދިޔަ 6 ސީޒަނުގެ ތެރެއިން ތިން ސީޒަނުގައި މެންޗެސްޓާރ ސިޓީގެ މައްޗަށް ކުރިހޯދައި، ސިޓީ އެ މުބާރާތުން ކަޓުވާލައިފައެވެ. މި މޮޅާއިއެކު ފުޓުބޯޅަ ދިރާސާކުރާ ބައެއް ފަރާތްތަކުން ވަނީ ވިގަންގެ ރަން ޒަމާންތައް ނިމުމަކަށް އައިސްފައިވީނަމަވެސް އެކުލަބަކީ އަދިވެސް އިނގިރޭސި ފުޓުބޯޅައިގެ އެންމެ ވަރުގަދަ އެއް ބާރުކަމުގައިވާ މެންޗެސްޓާރ ސިޓީއަށް އޮތް ބޮޑު ބިރެއްގެ ގޮތުގައި ސިފަކުރަން ފަށައިފައެވެ.