ސްވިޓްޒަލޭންޑް (ގުރޫޕް އީ)

ފީފާ ރޭންކިން: 6
ފުރަތަމަ ވޯލްޑް ކަޕް ކުޅުނީ: 1934
އެންމެ ފަހުން ވޯލްޑް ކަޕް ކުޅުނީ: 2014
ވޯލްޑް ކަޕްގެ އެންމެ ރަނގަޅު ނަތީޖާ: ކުއާޓާ ފައިނަލް (1934،1938،1954)

ވޯލްޑް ކަޕްގެ ތާރީޙް:

ސްވިޓްޒަލޭންޑަކީ ވޯލްޑް ކަޕަށް އާ ގައުމެއް ނޫނެވެ. އަށް ފަހަރު މިހާތަނަށް ސްވިޓްޒަލޭންޑް ވަނީ ވޯލްޑް ކަޕްގައި ވާދަކޮށްފައެވެ.

ސްވިޓްޒަލޭންޑް އެންމެ ފުރަތަމަ ވޯލްޑް ކަޕް ކުޅުނީ 1934 ވަނަ އަހަރުއެވެ. އެ އަހަރާއި 1938 ވަނަ އަހަރު އަދި 1954 ވަނަ އަހަރު ސްވިޓްޒަލޭންޑް ވަނީ ވޯލްޑް ކަޕްގެ ކުއާޓާ ފައިނަލްގައި ކުޅެފަ އެވެ. މީގެއިތުރުން ސްވިޓްޒަލޭންޑް ވަނީ 1962 އަދި 1966 ވަނަ އަހަރުގެ ވޯލްޑް ކަޕްގައި ވެސް ވާދަކޮށްފައެވެ. އެ ދެ މުބާރާތުން ވެސް އެޓީމު ކެޓީ ގްރޫޕް ސްޓޭޖާ ހިސާބުންނެވެ.

އޭގެފަހުން ގިނަ އަހަރުތަކެއް ވަންދެން ވޯލްޑް ކަޕަށް ކޮލިފައިނުވެ އޮތުމަށްފަހު ސްވިޓްޒަލޭންޑް ދެން ކޮލިފައިވީ 1994 ވަނަ އަހަރުގެ ވޯލްޑް ކަޕަށެވެ. އެމެރިކާގައި އޮތް އެ މުބާރާތަށް ސްވިޓްޒަލޭންޑް ނިކުތީ ފޮނި އުންމީދުތަކަކާއެކު އެވެ. އެކަމަކު އެ މުބާރާތުގެ ދެވަނަ ބުރުން ސްވިޓްޒަލޭންޑް ވަނީ ކަޓާފައެވެ.

އޭގެފަހުން ސްވިޓްޒަލޭންޑް ދެން ކޮލިފައިވީ 2006 ވަނަ އަހަރުގެ ވޯލްޑް ކަޕަށެވެ. އެ މުބާރާތުގެ ދެވަނަ ބުރުން އެޓީމު ކެޓިއިރު 2010 ވަނަ އަހަރުގެ މުބާރާތުން އެޓީމު ކެޓީ ގްރޫޕް ސްޓޭޖުންނެވެ. އަދި އެންމެފަހުން ބްރެޒިލްގައި ބޭއްވި މުބާރާތުން ސްވިޓްޒަލޭންޑް ކެޓީ ދެވަނަ ބުރުންނެވެ.

ކޯޗު:

ނަން: ވްލަޑިމިއާ ޕެޓްކޮވިޗް
ގައުމު: ސްވިޓްޒަލޭންޑް
(54 އަހަރު) 15 އޯގަސްޓް 1963 އުފަން ތާރީހު:
ޓީމާ ހަވާލުވީ: 2014 ވަނަ އަހަރު

ކުރީގެ ޔޫގޮސްލާވިއާ އަށް އުފަން ޕެޓްކޮވިޗަކީ ކޯޗިން ކެރިއަރުގައި ގިނަ ތަޖުރިބާތަކެއް ހޯދާފައިވާ ކޯޗެކެވެ. ސްވިޓްޒަލޭންޑްގެ މަޝްހޫރު ގިނަ ކްލަބުތަކަކަށް އޭނާ ވަނީ ކޯޗުކޮށްދީފަ އެވެ. އޭގެ ތެރޭގައި ޔަންގް ބޯއީސް އާއި ސިއޯން ހިމެނެ އެވެ.

ޕެޓްކޮވިޗް ވަނީ 2012 ވަނަ އަހަރު އިޓަލީގެ ލާޒިއޯއާ ހަވާލުވެފަ އެވެ. އަދި އެ ކްލަބުގައި އޭނާ ދެ ސީޒަން ހޭދަކުރި އެވެ. ލާޒިއޯއާއެކު އޭނާ ވަނީ 2013 ވަނަ އަހަރު އިޓާލިއަން ކަޕް ކާމިޔާބުކޮށްފަ އެވެ.

ޕެޓްކޮވިޗް ސްވިޓްޒަލޭންޑްގެ ޓީމާ ހަވާލުވީ 2014 ވަނަ އަހަރު އޮޓްމާ ހިޓްޒްފެލްޑް އެ މަގާމުން ދުރަށް ޖެހިލުމުންނެވެ. ޕެޓްކޮވިޗްގެ އިރުޝާދުގެ ދަށުން ސްވިޓްޒަލޭންޑް މިހާތަނަށް ކުޅުނު 36 މެޗުގެ ތެރެއިން 22 މެޗުން ވަނީ މޮޅުވެފަ އެވެ.
މުހިންމު ކުޅުންތެރިން:

ޒެރްދާން ޝަކީރީ

ސްޓޯކް ސިޓީ އަށް ކުޅެމުންދާ ޝަކީރީ އަކީ ސްވިޓްޒަލޭންޑްގައި މި ވަގުތު ހުރި އެންމެ މޮޅު އެއް ކުޅުންތެރިޔާ އެވެ. ސްވިޓްޒަލޭންޑްގެ ބާސެލް އިން ޝަކީރީ ވިދާޅުމުން، އޭނާ ވަނީ ބަޔާން މިއުނިކް އަށް ގެންގޮސްފަ އެވެ.

އޭގެ ފަހުން އޭނާ އިންޓަ މިލާނަށް ވެސް ކުޅުނެވެ. އަދި ސްޓޯކް ސިޓީ އަށް ވަނީ 2014 ވަނަ އަހަރު ބަދަލުވެފަ އެވެ. ޝަކީރީ ވަނީ ޤައުމީ ޓީމަށް ކުޅުނު 68 މެޗުގައި 20 ލަނޑު ޖަހައިފަ އެވެ.

ގްރަނިޓް ޝަކާ

ސްވިޓްޒަލޭންޑް ޓީމުގައި މިވަގުތު ހުރި އެންމެ ތަޖުރިބާކާރު އެއް މިޑްފީލްޑަރަކީ އާސެނަލް އަށް ކުޅެމުން އަންނަ ޝާކާއެވެ. އޭނާ ވަނީ ސްވިޓްޒަލޭންޑްގެ ގައުމީ ޓީމަށް މިހާތަނަށް 77 މެޗު ކުޅެ 19 ލަނޑު ޖަހާފައެވެ.

ޝާކާ ފުރަތަމަ ވިދާލީ ޖަރުމަން ލީގުގަ އެވެ. ޔޫރަޕްގެ ގިނަ ކްލަބުތަކަކުން އޭނާ އަށް ޝައުގުވެރިކަން ފާޅުކޮށްފައި ވަނިކޮށް، އާސެނަލް އިން އޭނާ ގެންދިޔައީ 2016 ވަނަ އަހަރެވެ.