ކޭކު ކާ ހިތް ނުވާ މީހަކު މަދުވާނެއެވެ. އުފާ ފާޅުކުރާ މޫޑެއްގައި ހުއްޓަސް، އަދި ނެތަސް، ފޮނި އަދި އަނގަޔަށް މީރު އެއްޗަކަށް ކޭކަކީ ހަމަ އެއްވަނައެވެ.

ރަނގަޅަށް ބަލާލައިފި ނަމަ، އެކި ވައްތަރުގެ، އާދަޔާ ހިލާފު ގޮތް ގޮތަށް ހަދާފައި ހުންނަ ކޭކުތައް ވެސް ފެނިގެން ދާނެއެވެ. އެކި އެއްޗެހީގެ ސިފައިން ފެށިގެން ގޮސް، އިންސާނުންގެ މޫނެއްހެން ހަދާފައި ހުންނަ ކޭކުވެސް ހުރެއެވެ. މިހާ ހިސާބުން އަދި ތަހުލީލް ކުރުން ނިމުނީކީ ނޫނެވެ.

ސްވިޒަލެންޑުގެ ކޭކު އަޅާ މީހެއް ކަމަށްވާ ނަތާޝާ ކޯލިން ކިމް މި ވަނީ ލެވޭ ކަހަލަ ކައިވެނީ ހެދުމެއްގެ ގޮތަށް ކޭކެއް ހަދައިފައެވެ. މި ކޭކަކީ ލެވޭ ގޮތަށް ހެދިފައިވާ ދުނިޔޭގެ އެންމެ ބޮޑު ކޭކެވެ. މި ކޭކުގެ ބަރުދަނުގައި 131.15 ކިލޯ ހުރެއެވެ.

މި ކޭކު ދައްކާލާފައި ވަނީ ޖެނުއަރީ މަހު އޮތް ސްވިސް ވޯލްޑް ވެޑިންގް ފެއާގައެވެ. ހަމަ އެކަނި ދައްކާލީކީ ނޫނެވެ. ފެއާ އަށް ޒިޔާރަތް ކުރި މީހުންނަށް ވަނީ މި ކޭކުގެ އެތިކޮޅު ކޮޅު ބަހައިފައެވެ.

އެެކަމަކު މިކަހަލަ ކޭކެއް ހެދުމުގެ ފަހަތުގައި އޮތީ ކޮން ކަހަލަ މަގުސަދެއްތޯވެސް ސުވާލު އުފެދެއެވެ. ނަތާޝާއަކީ ކަސްޓަމް ކޭކު ހެދުމަށް ހާއްސަ ކޮށްގެން ބޭކަރީ އެއް ހިންގާ މީހެކެވެ. އޭނާ މި މާ ސިންގާ ކޭކު ހަދާފައިވަނީ، ގަޔަ ލެވޭ ކަހަލަ އެންމެ ބޮޑު ކޭކެއް ހަދައިގެން ދުނިޔޭގެ ރެކޯޑެއް ހެދުމުގެ ބޭނުމުގައެވެ.

ގިނިސް ވޯލްޑް ރިކޯޑްސްގެ ރަސްމީ އިންސްޓަގްރާމް ޕޭޖުން ހިއްސާ ކޮށްފައިވާ ވީޑިއޯ އެއްގައި ފެންނަނީ، އަންހެނަކު މި ހުދު ކުލައިގެ ކޭކު ހެދުން ލައިގެން ހުންނަ ތަނެވެ. އަދި ވަރަށް ގިނަ މީހުން އެ ހެދުމުން ތަންތަންކޮޅު ފޮތި ފޮތި ކުރާ ތަންވެސް ފެނިގެން ދެއެވެ. މިވީޑިއޯ އަށް މިލިއަނަކަށް ވުރެ ވިއުސް ލިބިފައިވާއިރު، އެކި ކަހަލަ ހިޔާލުތައްވެސް މީހުން ފާޅުކޮށްފައިވެއެވެ.

"އަހަރެން މޮޅުވާނަން. އަހަރެންގެ ބޮލުގައި އަޅާ ފޮތިކޮޅާއި ހެދުމުގެ ފަސްބައި ދިގު ކުރާނަން. އެކަމަކު ހަދާނީ ކޭކެއް ގޮތަށް." އެކަކު ބުނެފައިވެއެވެ. "ހާދަ ފައްކާ ހިޔާލެކޭ." އެހެން މީހަކު ކޮމެންޓު ކޮށްފައިވެއެވެ. އެހެން މީހަކު ސުވާލުކުރީ އެ ހެދުން ލައިގެން ހިނގޭ ތޯއެވެ.

ގިނިސް ވޯލްޑް ރިކޯޑްސް އިން ބުނި ގޮތުގައި ކޭކު އަޅާ މީހާގެ ހުނަރު ދައްކާލީ މޮޑެލްއެކެވެ. ހެދުމުގެ ބަރު ހުރިހާ ފަރާތަކަށް އެއްވަރު ކުރުމަށާއި، އެ ލައިިގެން ހަރަކާތް ކުރަން ފަސޭހައަކަށް ހެދުމުގެ ތިރީގައި ފުރޮޅު ހަރުކޮށްފައިވެއެވެ.

މި ހެދުން ދުނިޔޭގެ ރިކޯޑަކަށް ވާން މަދުވެގެން 68 ކިލޯ ހުންނަން ޖެހެއެވެ. އަދި މޮޑެލް އަށް އެ ހެދުން ލައިގެން މަދުވެގެން ފަސް މީޓަރަށް ހިނގެން ޖެހޭނެއެވެ.