މުބާރާތުގެ އެންމެ ފަހުގެ ޗެމްޕިއަން ޖަރުމަން، މި އަހަރުގެ މުބާރާތުގއަި ކުޅޭ ފުރަތަމަ މެޗުގައި ނުކުންނާނީ މެކްސިކޯއާ ދެކޮޅަށެވެ. ބްރެޒިލްގައި 2014 ވަނަ އަހަރު އޮތް ވޯލްޑް ކަޕް ކާމިޔާބުކުރި ޖަރުމަން ޓީމަށް، މިހާރު ވަނީ ބޮޑެތި ބަދަލުތަކެއް އައިސްފަ އެވެ. އެ ފަހަރުގެ ކާމިޔާބީގައި މުހިންމު ރޯލެއް އަދާކުރި ބައެއް ކުޅުންތެރިން މިހާރު ވަނީ ޤައުމީ ޓީމާ ދުރަށް ގޮސްފަ އެެވެ.

ބަދަލުތަކާއެކު ވެސް، ވޯލްޑް ކަޕަށް ފަހު މިހާތަނަށް ޖަރުމަން ވަނީ ވާދަވެރި މެޗުތަކުގައި ރަނގަޅު ނަތީޖާތަކެއް ހޯދައިފަ އެވެ. ވޯލްޑް ކަޕަށް ޖަރުމަން ކޮލިފައިވީ ކުޅުނު 10 މެޗުން ވެސް މޮޅުވެގެނެވެ. އަދި މިދިޔަ އަހަރު އޮތް ފީފާ ކޮންފެޑަރޭޝަން ކަޕް ޖަރުމަނުން ކާމިޔާބުކުރީ ޒުވާން ޓީމަކާއެކު އެވެ.

އެކަމަކު ޖަރުމަނުން އެންމެ ފަހުން ކުޅުނު އެކުވެރިކަމުގެ ހަ މެޗުގެ ތެރެއިން، މޮޅުވެފައިވަނީ އެންމެ މެޗަކުންނެވެ. އެކަމަކު އެކުވެރިކަމުގެ މެޗުތަކުގެ ނަތީޖާ އަކީ ޖަރުމަންގެ ކޯޗު ޔަކިމް ލޯވް މާ ފިކުރުބޮޑުކުރާ ކަމެއް ނޫނެެވެ.

މި މެޗަށް ނުކުންނައިރު، ޖަރުމަންގެ މުހިންމު ޕްލޭމޭކަރ މެސުތު އޮޒިލް ވަނީ އޭނާ އަށް ކުރިމަތިވި އަނިޔާ އިން ރިކަވާވެފަ އެވެ.

އެންމެ ފަހުގެ ޗެމްޕިއަނުންނާ ދެކޮޅަށް ނުކުންނައިރު، މެކްސިކޯ އަށް ދިމާވެފައިވާ އެންމެ ބޮޑު މައްސަލަ އަކީ މުހިންމު ދެ ޑިފެންޑަރުން ކަމަށްވާ ނެސްޓޯ އަރައުޔޯ އާއި ޑިއޭގޯ ރެޔެސް އަށް އަނިޔާވުމެވެ. މި ދެ ކުޅުންތެރިންނަށް ވެސް ވޯލްޑް ކަޕްގައި ނުކުޅެވޭނެ އެވެ.

މިއީ ވޯލްޑް ކަޕްގައި ޖަރުމަނާއި މެކްސިކޯ ވާދަކުރާ ހަތަރު ވަނަ ފަހަރެވެ. މީގެ ކުރިން ވޯލްޑް ކަޕްގައި މި ދެ ޤައުމު ވާދަކުރި ތިން ފަހަރު ވެސް ކުރި ހޯދާފައިވަނީ ޖަރުމަނެވެ. ބައިނަލްއަގުވަމީ މެޗުތަކުގައި މި ދެ ޤައުމު މިހާތަނަށް 11 ފަހަރު ބައްދަލުކޮށްފައިވާއިރު، މެކްސިކޯ މޮޅުުވީ އެންމެ ފަހަރަކު އެވެ.

ޖަރުމަން:

1990 ވަނަ އަހަރުގެ ފަހުން ޖަރުމަން ވަނީ ވޯލްޑް ކަޕްގައި ވާދަކުރި ކޮންމެ ފަހަރަކު ވެސް ގުރޫޕްގެ އެއްވަނަ ހޯދައިފަ.

ވޯލްޑް ކަޕްގައި ކުޅުނު ފުރަތަމަ މެޗުގައި ޖަރުމަން ލަނޑެއް ނުޖަހައި އެންމެ ފަހުން ނިންމާލީ 1978 ވަނަ އަހަރު.

ވޯލްޑް ކަޕަށް ކޮލިފައިވި ފަހުން ޖަރުމަން ކުޅުނު އެކުވެރިކަމުގެ މެޗުތަކުގެ ތެރެއިން، މޮޅުވީ އެންމެ މެޗަކުން.

މެކްސިކޯ

މިއީ މެކްސިކޯ ވޯލްޑް ކަޕްގައި ވާދަކުރާ 16 ވަނަ ފަހަރު.

1994 ވަނަ އަހަރުގެ ފަހުން، ވޯލްްޑް ކަޕްގައި ކުޅުނު ފުރަތަމަ މެޗުން މެކްސިކޯ ބައްޔެއްނުވޭ.

ވޯލްޑް ކަޕްގެ ގުރޫޕް ސްޓޭޖުގައި އެންމެ ފަހުން ކުޅުނު 17 މެޗުގެ ތެރެއިން މެކްސިކ ބަލިވީ އެންމެ ދެ ފަހަރު.

އެނގޭތަ؟

1982 ވަނަ އަހަރުގެ ފަހުން ވޯލްްޑް ކަޕްގައި ކުޅުނު ފުރަތަމަ މެޗުގައި ޖަރުމަނުން ވަނީ އެވަރޭޖްކޮށް މެޗަކަށް 3.5 ލަނޑު ޖަހައިފަ އެވެ. މެކްސިކޯ އަށް ވޯލްޑް ކަޕްގައި ކުޅުނު ފުރަތަމަ މެޗެއް ފުރަތަމަ ފަހަރަށް ކާމިޔާބުކުރެވުނީ 1986 ވަނަ އަަހަރެވެ.