ނާޒީ ކޭމްޕެއްގައި ގާޑަކަށް އުޅުނު 98 އަހަރުގެ މީހެއްގެ މައްޗަށް ޖަރުމަންވިލާތުގެ ޕްރޮސެކިއުޓަރުން ދައުވާ އުފުލައިފިއެވެ. އޭނާގެ މައްޗަށް ދައުވާ އުފުލީ ނާޒީން، ޔަހޫދީންގެ 3300 މީހުން މަރާލި ގަތުލް އާއްމު ހިންގުމުގައި އޭނާ އެހީތެރިވި ކަމަށް ބުނެއެވެ.

ދައުވާ އުފުލި މީހާގެ ނަމެއް ޕްރޮސެކިއުޓަރުން ހާމައެއް ނުކުރެއެވެ. އެއީ ޖަރުމަންވިލާތުގެ ޒާތީ މައުލޫމާތުތައް ހިމާޔަތް ކުރުމުގެ ގާނޫނުގެ ދަށުން އޭނާގެ ނަން ހާމަކުރުން ކަމާބެހޭ އިދާރާތަކަށް މަނާވާތީއެވެ.

ޕްރޮސެކިއުޓަރުން ބުނާ ގޮތުގައި ދައުވާ އުފުލާފައިވާ މީހަކީ 1943 ވަނަ އަހަރާއި 1945 ވަނަ އަހަރާއި ދެމެދު ސަޝްސެންހައުސެން ކޭމްޕްގައި ގާޑެއްގެ ގޮތުގައި މަސައްކަތް ކުރި މީހެކެވެ. އޭނާގެ މައްޗަށް އުފުލާފައި ވަނީ މީހުން މެރުމުގައި ބައިވެރިވުމާއި، މީހުން މެރުމަށް އެހީތެރިވުމުގެ ކުށުގެ ދައުވާއެވެ.

ނަމަވެސް އޭރު އޭނާގެ އުމުރުން 18 އަހަރު ފުރިފައި ނުވާތީ އޭނާގެ މައްޗަށް ދައުވާ އުފުލީ ވެސް ޖުވެނައިލް ކޯޓެއްގައެވެ. އެއީ ކުޑައިރު މީހަކު ކޮށްފައިވާ ކުށަކަށް އަދަބު ދެވޭނީ ކުޑަކުދިންގެ ކޯޓަކުން މައްސަލަ ބެލުމަށްފަހު ކަމަށް ޖަރުމަންވިލާތުގެ ގާނޫނުގައި އޮންނާތީއެވެ.

ދައުވާ އުފުލިފައިވާ މީހަކީ އުމުރުން ދުވަސްވީ މީހެއް ނަމަވެސް އޭނާ އަކީ ޝަރީއަތާއި ކުރިމަތިލެވޭ ވަރުގެ ގާބިލްކަން ހުރި މީހެއް ކަމަށް 2022 ވަނަ އަހަރު އޮކްޓޯބަރ މަހު ހެދި ސައިކޭޓްރިކް އެސެސްމަންޓަކަށްފަހު ވަނީ ނިންމާފައެވެ.

މިދިޔަ އަހަރު ވެސް ޖަރުމަންވިލާތުން ވަނީ ސަޝްސެންހައުސެން ކޭމްޕްގައި މަސައްކަތް ކުރި ގާޑަކު ފަސް އަހަރު ދުވަހަށް ޖަލަށް ލާން ހުކުމް ކޮށްފައެވެ. އެހުކުމް އިއްވީ އުމުރުން 101 އަހަރުގެ މީހެއްގެ މައްޗަށެވެ.

ސަޝްސެންހައުސެން ޖަލެއްގެ ގޮތުގައި ހަދައި އެތަން ހުޅުވީ 1936 ވަނަ އަހަރު އެވެ. ދެލައްކަ މީހުންނަށް އެތަނުގައި ވަރަށް އަނިޔާވެރި އަދަބުތައް ދިނެވެ. ބުނެވޭ ގޮތުގައި އެތަނުގައި ލައްކައެއްހައި މީހުން މަރާލިއެވެ. ނާޒީންގެ އެކި ކޭމްޕްތަކުގައި ހަމިލިއަން ޔަހޫދީން ނާޒީން ވަނީ މަރާފައި ކަމަށް ބުނެވެއެވެ.