ރަޝިއާއިން ޔުކްރޭނަށް އެރިތާ އަހަރު ފުރުނުތާ އެއް ދުވަސް ފަހުން، ޔުކްރޭނުގެ ސުލްހައަށް ގޮވާލައި ޖަރުމަނުގެ ވެރިރަށް ރަށް ބާލިންގައި އިއްޔެ ހިނގާލުމެއް ބާއްވައިފިއެވެ.

ހަނގުރާމަ ނިންމާލުމަށް މަޝްވަރާގެ ވާހަކަތައް ފެށުމަށް ގޮވާލައި، އަދި ސަރުކާރުން ޔުކްރޭނަށް ހަތިޔާރު ފޯރުކޮށްދިނުން ކުށްވެރިކޮށް ބާލިންގެ މަގުތަކަށް އިއްޔެ އެތައް ހާސް ބަޔަކު ވަނީ އެއްވެފައެވެ.

ރަޝިއާގެ ހަމަލާތަކުން ޔުކްރޭނުގެ އަމިއްލަ ބިން ދިފާއު ކުރުމުގެ ހައްގުގެ ވާހަކަ ނުދައްކާތީ އާއި، ރަޝިއާ އަށް ތާއީދުކުރާ ފަރާތްތަކުގެ ހިޔާލާއި އެއްކޮޅަށް ވާހަކަ ދައްކާތީ މުޒާހަރާގެ ކުރިން، މުޒާހަރާ އިންތިޒާމު ކުރި ފަރާތްތަކަށް ބައެއް ފަރާތްތަކުން ވަނީ ފާޑުވެސް ކިޔާފައެވެ.

މުޒާހަރާ އިންތިޒާމު ކުރުމުގައި ހަރަކާތްތެރިވެލެއްވި އެއް ފަރާތަކީ އިދިކޮޅުގެ މަޖިލީސް މެމްބަރެއް ކަމަށްވާ ކުރީގެ ކޮމިއުނިސްޓް ވާތުފިޔައިގެ ޕާޓީގެ ސަހްރާ ވޭގެންކްނެޝްޓެވެ. އޭނާ ވިދާޅުވީ އެ ރެލީގައި ނާޒީ ހިޔާލުތަކަށް ތާއީދުކުރާ ފަރާތްތަކަށް ޖާގައެއް ނެތް ކަމަށާއި، ނަމަވެސް "ހެޔޮ ހިތަކާއި" އެކު ސުލްހައަށް އެދޭ ހުރިހާ އެންމެންނަށްވެސް މަރުހަބާ ކިޔާނެ ކަމުގައެވެ.

މުޒާހަރާގެ ބައެއް ބައިވެރިން ވަނީ "އެމެރިކާ މީހުން ގެއަށް ދޭ،" ލިޔެފައިވާ ބެނާތައްވެސް ގެންގުޅެފައެވެ. އަދި ބައެއް މީހުން ވަނީ މުޒާހަރާގައި ރަޝިއާގެ ދިދަވެސް ވިހުރުވާފައެވެ.

ރަޝިއާ "ސުންނާފަތިކޮށްލަން" ޖަރުމަނުގެ ސަރުކާރުން މަސައްކަތް ކުރަމުންދާ ކަމަށް ސަހްރާ ތުހުމަތު ކުރެއްވިއެވެ. އަދި ސުލްހައިގެ މަޝްވަރާތައް ފެށުމަށް ރަޝިއާއަށް "ހުށައެޅުމެއް" ހުށައަޅަން ޖެހޭނެ ކަމަށްވެސް ސަހްރާ ވިދާޅުވިއެވެ.

މުޒާހަރާ އިންތިޒާމު ކުރުމުގައި ހަރަކާތްތެރިވި މަޝްހޫރު ފެމިނިސްޓް ލިޔުންތެރިއެއް ކަމަށްވާ އެލިސް ޝްވަރްޒާ ބުނެފައިވަނީ، ކަނާތާއި ވާތަށް ވުރެ ދުރަށް ބަލަންވީ ވަގުތު ޖެހިއްޖެ ކަމަށެވެ.

މި ދެ އަންހެން ބޭފުޅުން ވަނީ ޕެޓިޝަނެއްވެސް ފަށާފައެވެ. އަދި ޕެޓިޝަނަށް 645000 ސޮއި ލިބިފައިވާ ކަމަށްވެސް އެ ބޭފުޅުން ވިދާޅުވެއެވެ.

މުޒާހަރަގެ ތެރެއިން ޖަރުމަނުގެ ހާރިޖީ ވަޒީރު އަނަލޭނާ ބާބޮކް ގެ ނަން ކިޔާ ކޮންމެ ފަހަރަކު، މުޒާހަރާގެ ބައިވެރިން ވަނީ ހަރުއަޑުން އެއްޗެހި ކިޔާފައެވެ. ޖަރުމަނުގެ ހާރިޖީ ވަޒީރަކީ ޔުކްރޭނަށް ހަތިޔާރު ފޯރުކޮށް ދިނުމަށް ވަރަށް ބޮޑަށް ތާއީދު ކުރައްވާ ބޭފުޅެކެވެ.

ބާލިންގެ ބްރޭންޑެންބާގް ގޭޓް ކައިރީގައި ކުރި މި މުޒާހަރާގައި 50000 މީހުން ބައިވެރި ކަމަށް އިންތިޒާމު ކުރި ފަރާތްތަކުން ބުނެފައިވާއިރު، ފުލުހުން ބުނެފައިވަނީ މުޒާހަރާގައި ބައިވެރިވެފައިވަނީ 13000 މީހުން ކަމަށެވެ.

މުޒާހަރާގައި ބައިވެރިވި ބާލިންގެ އެކަޑަމިކް އެއް ކަމަށްވާ ކޮންސްޓެންޓިން ޝްނައިޑަރ ބުނެފައިވަނީ އިރުމަތީ ޔޫރަޕުގެ ގައުމުތައް އޮތީ ރަޝިއާ ދެކެ ބިރުން ކަމަށެވެ.

"ޕޫޓިން (ރަޝިއާގެ ރައީސް ލަޑިމިއަރ ޕޫޓިން) އަކީ މޮޔައެއް ރަޝިއާއަށް ހަމަލާދޭން. އެކަމަކު އަހަރެމެން އެބަޖެހޭ ހަނގުރާމައަށް އާ ހައްލެއް ހޯދަން، މަޝްވަރާ ކުރާނެ އެއްޗެއް ނެތޭ ކިޔާފައި ތިބުމުގެ ބަދަލުގައި." އޭނާ ބުނެފައި ވެއެވެ.

ރަޝިއާއިން ޔުކްރޭނަށް އެރުމާއި ދެކޮޅަށް ޔޫރަޕުގެ އެކި ހިސާބުތަކުގައި މިދިޔަ ހުކުރު ދުވަހު ވަނީ އެއްވުންތައް ބާއްވާފައެވެ.