ނޭޓޯގެ މެމްބަރުކަން ޔުކްރޭނަށް ދެވެން މިވަގުތު ނެތް ކަމަށް ޖަރުމަނުން ބުނެފި އެވެ.

ރަޝިއާއިން ޔުކްރޭންއަށް އަރައިގަތް ފަހުން ޔުކްރޭނުން ކެނޑިނޭޅި ދަނީ ނޭޓޯގެ މެމްބަރަކަށް ހަދައި ދިނުމަށް އެދެމުން ނެވެ.

ޔުކްރޭނަށް މެމްބަރުކަން ދޭނެކަމުގެ ގެރެންޓީ ނެތް ނަމަ އަންނަ މަހު ބާއްވާ ވިިލިނަސް ސަމިޓުގައި ޔުކްރޭނުން ބައިވެރިނުވާނެކަން ޔުކްރޭންގެ ރައީސް ވޮލޮޑޮމީރު ޒެލެންސްކީ ނޭޓޯ ލީޑަރުންނަށް އަންގަވާފައިވާ ކަމަށް ފައިނޭންޝިއަލް ޓައިމްސްއިން މިދިޔަ ބުދަ ދުވަހު ވަނީ ރިޕޯޓްކޮށްފަ އެވެ.

ނޭޓޯގެ ގައުމުތަކުގެ ފޮރިން މިނިސްޓަރުން ބައިވެރިވެލެއްވި ބައްދަލުވުމުގައި ޖަރުމަނުގެ ފޮރިން މިނިސްޓަރު އަނެލީނާ ބެއާބޮކް ވިދާޅުވީ ސްވިޑަންއަށް ވެސް ނޭޓޯގެ މެމްބަރު ގައުމަކަށް ވުމުގެ ފުރުސަތު އެބައޮތް ކަމަށެވެ.

އެކަމަކު ހަނގުރާމައިގެ މެދު ތެރޭ ނޭޓޯގެ މެމްބާޝިޕްގެ ވާހަކަ ދެއްކެން ނެތް ކަމަށާއި އެހެން ކަމުން ޔުކްރޭންއަށް މެމްބަރުކަން ދިނުން އަވަސް މުސްތަގުބަލެއްގައި އެޖެންޑާ ކުރެވެން ނެތް ކަމަށެވެ.

ނެޓޯގެ މެމްބަރަކަށް ވުމަށް ރަސްމީކޮށް ޔުކްރެއިނުން ހުށަހެޅީ މިދިޔަ ސެޕްޓެމްބަރު މަހު އެވެ. ނަމަވެސް އެކަމުގައި ކުރިއެރުމެއް ނުލިބެ އެވެ.

އެކަމަކު ނެޓޯގެ މެމްބަރުކަން ފިންލޭންޑްއަށް ވަނީ ދީފަ އެވެ. އަދި ސްވިޑަންވެސް އުޅެނީ މެމްބަރަކަށް ވާށެވެ. ނަމަވެސް ތުރުކީން ދެކޮޅު ހަދާތީ ސްވިޑަންއަށް މެމްބަރުކަން އަދި ލިބޭ ގޮތެއް ނުވެއެވެ.

ރަޝިއާއިން ޔުކްރޭނަށް އަރިގަތީ މިދިޔަ ފެބްރުއަރީ މަހު އެވެ. އަދި އޭގެ ފަހުން ވަނި އިރުމަތީ ޔުކްރޭންގެ ބޮޑުބައެއް ހިފައިފަ އެވެ. ރަޝިއާ އިން ޔޫކްރޭނަށް އަރައިގަތުމަށް ދެއްކި އެއް އުޒުރަކީ ވެސް ޔޫކްރޭނުން ނޭޓޯގެ މެންބަރަކަށް ވުމަށް މަސައްކަތް ކުރުމެވެ. ޔޫކްރޭނުން ނޭޓޯގެ މެންބަރަކަށް ވެއްޖެނަމަ ރަޝިއާގެ ގައުމީ ސަލާމަތައް ނުރައްކާ ވާނެ ކަމަށް ރަޝިއާ އިން ބުނެއެވެ.