މިއަހަރު ޖޫން 13 ގައި ފެށުމަށް ހަމަޖެހިފައިވާ ދެކުނު އެމެރިކާގެ އެންމެ ޝަރަފުވެރި ފުޓްބޯޅަ މުބާރާތް ކަމަށްވާ ކޮޕާ އެމެރިކާ ހޯސްޓްކުރުމުގެ ފުރުސަތު ބްރެޒިލް އަށް ދީފިއެވެ.

ކޮޕާ އެމެރިކާ މުބާރާތަކީ މިދިޔަ އަހަރު ޖޫންމަހުގެ 12 ވަނަ ދުވަހު ކުޅުމަށް ހަމަޖެހިފައިއޮތް މުބާރާތެކެވެ. ނަމަވެސް ކޮވިޑް 19 ގުޅިގެން މުބާރާތް މިއަހަރުގެ ޖޫންމަހަށް ލަސްކުރެވިފައެވެ. މުބާރާތް ބާއްވަން އެންމެ ފުރަތަމަ ބާއްވަން ނިންމީ އާޖެންޓީނާ އަދި ކޮލަމްބިއާގައެވެ. ދެކުނު އެމެރިކާގެ ފުޓުބޯޅައިގެ މައި އިދާރާއިން މި ނިންމުން ނިންމީ މުބާރާތް ފެށެން 13 ދުވަހަށް ވެފައިވަނިކޮށެވެ.

ކޮޕާ އެމެރިކާ މުބާރާތް ކޮލަމްބިއާ އާއި އާޖެންޓީނާގައި ބާއްވަން ތާވަލުކޮށްފަައިވަނީ ޖޫން 13 އިން ޖުލައި 10 އަށެވެ.. ގްރޫޕް އޭގެ މެޗުތައް ކުޅެން ހަމަޖެއްސީ އާޖެންޓީނާގައެވެ. އަދި ގްރޫޕް ބީގެ މެޗުތައް ކުޅެން ހަމަޖެއްސީ ކޮލަމްބިއާގައެވެ. އަދި މުބާރާތުގެ ފައިނަލް މެޗު ކުޅުމަށް ހަމަޖެއްސީ ކޮލަމްބިއާގެ މެޓްރޯ ސްޓޭޑިއަމުގައެވެ.

ދެކުނު އެމެރިކާގެ ފުޓުބޯޅައިގެ މައި އިދާރާއިން އެންމެ ފުރަތަމަ ހޯސްޓުކުރުމުގެ ފުރުސަތު އަތުލީ ކޮލަމްބިއާ އިންނެވެ. އެއީ އެ ގައުމުގެ ސިޔާސީ މަޝްރަހު ހޫނުވެ ބޭއްވި މުޒާހަރާތަކުގެ ސަބަބުން އެ ގައުމުގެ ހާލަތު ގޯސްވުމުންނެވެ. ހޯސްޓުކުރުމުގެ ފުރުސަތު އޭގެފަހުން އާޖެންޓީނާއަށް ބަދަލުކުރި ނަމަވެސް ކޮލަމްބިއާ އިން ވަނީ މުބާރާތް ފަސްކޮށްދިނުމަށް ވެސް އެދިފައެވެ. ނަމަވެސް ކޮންމެބޯލް އިން ވަނީ އެގޮތަށް ނުވާނެކަމަށް ބުނެފައެވެ.

އޭގެފަހުން ހޯސްޓުކުރުމުގެ ފުރުސަތު އާޖެންޓީނާއަށް ދިން ނަމަވެސް މިއަދު އެ ފުރުސަތު އާޖެންޓީނާ އަތުން ނެގި ސަބަބެއް ހާމައެއް ނުކުރެއެވެ. ނަމަވެސް ބެލެވޭގޮތުގައި މިއީ އެ ގައުމުގައި ކޮވިޑުގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެފައިވުމާއި ގުޅިގެން ނިންމި ނިންމުމެއް ކަމަށް ބެލެވެއެވެ.

އާޖެންޓީނާގެ ފުޓްބޯޅައިގެ ރަސްމީ ހުރިހާ ހަރަކާތްތައް ސަސްޕެންޑްކުރަން އާޖެންޓީނާ ފުޓްބޯލް އެސޯސިއޭޝަން (އޭއެފްއޭ) މި މަހުގެ 21 ވަނަ ދުވަހު ވަނީ ނިންމާފައެވެ. މިގޮތަށް ނިންމީ އާޖެންޓީނާގެ ސަރުކާރުން މި މަހުގެ ނިޔަލަށް ލޮކްޑައުން ކުރަން ނިންމުމާ ގުޅިގެން އެއަށް ބޯލެބުމުގެ ގޮތުންނެވެ. އޭއެފްއޭއިން ހާއްސަ ހުއްދައިގެ ދަށުން ކޮޕާ އެމެރިކާ ބޭއްވުމަށް ނިންމި ނަމަވެސް މިހާރު އެ ހުއްދަ ނެތުމުން މުބާރާތް ބޭއްވުމުގެ ފުރުސަތު އާޖެންޓީނާއަށްވެސް ވަނީ ގެއްލިފައެވެ

މުބާރާތުގައި ބައިވެރިވާ ޓީމުތައް ވަނީ ސްކޮޑް އެކުލަވާލައި ފަރިތަކުރުންތައް ވެސް ފަށާފައެވެ. ރިޕޯޓުތައް ބުނާގޮތުން މިއަހަރުގެ ބްރެޒިލްގައި ނުބޭއްވިއްޖެ ނަމަ މި މުބާރާތް މިއަހަރުވެސް ކެންސަލްކުރާނެ އެެވެ.