ޔޫރޯ ފުޓުބޯޅަ މުބާރާތުގައި ވާާާދަކުރާ ޔޫކްރެއިންގެ ގައުމީ ޓީމުން ބޭނުންކުރަން ފަރުމާކޮށްފައިވާ ޖާރޒީގައި ދާހިލީ ބޮޑު މައްސަލައެއް ކުރިމަތިވެފައިވާ ކްރައިމިއާ ފެންނަން ހުރުމުން ރަޝިޔާއިން ރުޅިގަދަވެއްޖެ އެވެ.

ޔޫރަޕުގެ ފުުޓުބޯޅައިގެ މައި އިދާރާ ޔުއެފާއިން ވަނީ މި ޖާރޒީ އެޕްރޫވްކޮށްފައެވެ. ރީންދޫ އަދި ނޫކުލައިގެ މި ޖާރޒީގެ މޭމަތީގައިވާ ޔޫކްރެއިން ފުޓުބޯޅަ މައި އިދާރާގެ ލޯގޯ ކައިރީގައި މަޑު ރީނދޫ ތިކިތަކަކުން ވަނީ ޔޫކްރެއިންގެ މެޕް ރަމްޒުވާގޮތަށް ކުރަހާފައެވެ.

މައްސަލަ ހޫނުވީ މި މެޕްގައި ކްރައިމިއާ ހިމަނާފައިވުމުންނެވެ. ކްރައިމިއާ ސަރަހައްދަކީ ޔޫކްރެއިން އަށް ނިސްބަަތްވާ ސަރަހައްދެކެވެ. ގުދުރަތީ މުއްސަނދިކަން ލިބިފައިވާ މި ސަރަހައްދު ހޯދުމަށް 2014 ވަނަ އަހަރު ރަޝިޔާ ސިފައިންނާއި ޔޫކްރެއިން ސިފައިންނާއި ކުރިމަތިލުންތަކެއް ދިޔައެވެ.

ރަޝިޔާއިން ވަނީ އެ އަހަރު އެ ސަރަހައްދުގެ ކޮންޓްރޯލް ނަގާ އެ ސަރަހައްދު ފޭރިގެންފައެވެ. އެއީ ރަޝިޔާގެ ބައެއްގެ ގޮތުގައި އެ ގައުމުން ވަނީ އަމިއްލައަށް ކަނޑައަޅާފައެވެ. ނަމަވެސް ބައިނަލްއަޤްވާމީ މުޖުތަމައު އިން އެކަން އަދިވެސް ބަލައެއްނުގަނެ އެވެ. ޔޫކްރެއިން އިން ދެކޭގޮތުގައި ކްރައިމިއާ އެއީ އަދިވެސް އެ ގައުމުގެ ބައެކެވެ.

މިކަން ފެންމަތިވި ނަމަވެސް ޔޫކްރެއިންގެ ފުޓުބޯޅައިގެ މައި އިދާރާގެ ރައީސް އަންދްރޭ ޕަވެލްކޯ މިއީ މާބޮޑު ކަމެއްގެ ގޮތުގައި ނުދެކެއެވެ. އޭނާ ދެކޭގޮތުގައި މިއީ ޔޫކްރެއިން އެއްބައިވެގެންް ގައުމު ތަމްސީލުކުރަން ތައްޔާރުވާ ޓީމެއްް ކަމަށާއި ސިޔާސީ ވިސްނުންތަކަށް ވަގުތު ނެތް ކަމަށެވެ.

ކްރައިމިއާ އެއީ ރަޝިޔާގެ ބައެއް ގޮތުގައި ބަލައިގަންނަނީ ނިސްބަތުން މަދު ގައުމުތަކެކެވެ. އެކުވެރި ދައުލަތް (ޔޫއެން) ގެ އިތުރުން މެޖޯރިޓީ ގިނަ ގައުމުތަކުން ގަަބޫލުކުރަނީ އެއީ ޔޫކްރެއިންގެ ބައެއްގެ ގޮތުގައެވެ.

މިފަހަރުގެ ޔޫރޯގައި ޔޫކްރެއިން ހިމެނެނީ ގްރޫޕް ސީގައެވެ. މި ގްރޫޕުގައި ހިމެނޭ ގައުމުތަކަކީ ނެދަލޭންޑްސް އާއި ޔޫކްރެއިންގެ އިތުރުން އޮސްޓްރިއާ އާއި ނޯތް މެސެޑޯނިއާ އެވެ. މުބާރާތުގައި ޔޫކްރެއިން ކުޅޭ ފުރަތަމަ މެޗުގައި މިމަހުގެ 13 ވަނަ ދުވަހު ބައްދަލުކުރާނީ ނެދަލޭންޑްސް އާއެވެ.