ޔޫނިއަން އޮފް ޔޫރަޕިއަން ފުޓްބޯލް އެސޯސިއޭޝަން (ޔުއެފާ) އިން ރަޝިއާގެ ކްލަބްތަކާއި، ގައުމީ ޓީމުތަކަށް އިތުރު ފިޔަވަޅުތައް އަޅައިފިއެވެ.

ޔުއެފާއިން ރަޝިއާއަށް އެޅި އާ ފިޔަވަޅުތަކުގެ ސަބަބުން ރަޝިއާ އަންހެން ޓީމަށް މިއަހަރުގެ ޔޫރޯ މުބާރާތުގައި ވާދަކުރުމުގެ ފުރުސަތުގެ ވަނީ ގެއްލިފައެވެ.

އަދި ރަޝިއާގެ އަންހެން ގައުމީ ޓީމަށް 2023 ވަނަ އަހަރު ބާއްވާ ވޯލްޑްގެ ކޮލިފައިންގައި ވާދަ ކުރުމުގެ ފުރުސަތުގެ އިތުރުން 23-2022 ގެ ނޭޝަންސް ލީގުގައި ރަޝިއާގެ ފިރިހެން ގައުމީ ޓީމަށް ވާދަ ކުރުމުގެ ފުރުސަތު ވަނީ ޔުއެފާގެ އާ ފިޔަވަޅުތަކާއެކު ގެއްލިފައެވެ.

ރަޝިއާގެ ކްލަބްތަކަށް ކުރިޔަށް އޮތް ސީޒަނުގައި ޔުއެފާގެ އެއްވެސް މުބާރާތްތަކުގައި ވާދަނުކަން އާ ފިޔަވަޅުތަކުގެ ތެރޭގައި ހިމަނާފައިވުމާއެކު، ރަޝިއާގެ ކްލަބްތަކަށް 23-2022 ވަނަ ސީޒަނުގެ ފިރިހެން އަދި އަންހެން ޗެމްޕިއަންސް ލީގު، ޔޫރޮޕާ ލީގު، ޔުއެފާ ކޮންފަރެންސް ލީގުގައި ވާދަ ނުކުރެވޭނެއެވެ.

މީގެއިތުރުން، 2028 އަދި 2032 ވަނަ އަހަރު ބާއްވާ ޔުއެފާ މެންސް މުބާރާތް ބިޑު ކުރުމަށް ރަޝިއާއިން ހުށަހެޅި ހުށަހެޅުންވެސް ބާތިލު ކޮށްފައިވާ ކަމަށް ޔުއެފާއިން ވަނީ ބުނެފައެވެ. އަދި 23-2021 ގެ ޔޫރަޕިއަން 21 އަހަރުން ދަށުގެ މުބާރާތާއި، ޔޫތު އެންޑް ފުޓްސަލް މުބާރާތްތަކުގައިވެސް ރަޝިއާއަށް ބައިވެރިނުވެވޭނެ ކަމަށް އެ ޖަމިއްޔާއިން ވަނީ ބުނެފައވެެ.

މި އަހަރުގެ ފެބްރުއަރީ މަހު ޔުއެފާ އަދި ދުނިޔޭގެ ފުޓުބޯޅައިގެ މައި ޖަމިއްޔާ ފީފާ އިން ވަނީ ރަޝިއާގެ ގައުމީ ޓީމުތަކުގެ އިތުރުން ކްލަބްތައް މުއްދަތެއް ނެތް ގޮތަށް ފުޓުބޯޅައިގެ ހުރިހާ ހަރަކާތަކުން ސަސްޕެންޑުކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ރެފްރީ

    ޔޫއެފާއަށް 2 ރީނދޫކާޑާއެކު ރަތްކާޑެއް

    11
  2. ޑިމްކޮރަޓިކްޕާތީޖަގަހައިން

    ޔޫއެފާ ސިޔާސީ ވެފައި. ޢިރާގާ ސީރިޔާ، ލީބިޔާ އަފުގާނިސްތާން ސޫދާނަށް ޔޫރަޕާއެމެރިކާއިން އެތައްބަޔަކު މަރާލިއިރު، އެއްވެސް ފިޔަވަޅެއް ނޭޅުނު.

    12
  3. އަލްޖިބްރާ

    އެމެރިކާގެ ދަށުވެފާއިވާ ޤައުމުތަކުން ރަޝިއާ އަށް ކިތަންމެ ގިނަ ދަތިކުރުމުގެ ފިޔަވަޅުތަކެއް އެޅިއަސް ރަޝިއާ ދަނީ އެމީހުން ކުރާ ހަގުރާމަ ކުރަމުން ! ބަޔަކު ކަމެއް ކުރާހެންވެސް އެމީހުނަށް ހިއެއްނުވޭ ! އެމެރިކާމީހުންގެ ކަމަކީ ދޮގު ޚަބަރު ފެތުރުމާއި ބިރުދެއްކުމުގެ އިންޒާރުތަށް ފެތުރުން !