ވޯލްޑްކަޕް އަދި އޭޝިއަން ކަޕުގެ ޖޮއިންޓް ކޮލިފިކޭޝަނުގައި ހުކުރުދުވަހުގެ ރޭ ޗައިނާއާއި ދެކޮޅަށް ރާއްޖެ ކުޅޭ މެޗުގެ ވިސްނުމަކީ މިއީ ރާއްޖޭގެ ފުޓުބޯޅައިގެ މުސްތަގްބަލަށް އެޅޭ ބިންގަލެއްގެ ގޮތުގައި ނެގުމަށް ކަމަށް ގައުމީ ކޯޗު މާޓިން ކޫޕްމަން ބުނެފިއެވެ

ރާއްޖެ ހިމެނޭ ގްރޫޕުގެ މެޗުތައް ދުބާއިގައި ކުރިޔަށްދާއިރު މިހާތަނަށް ރާއްޖެ ވަނީ މި ގްރޫޕުގެ އެއްވަނައިގައި އޮތް ސީރިއާ އަތުން 4-0 އިން ބަލިވެފައެވެ.

ޗައިނާ މެޗުގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްްދަލުވުމުގައި ވާހަކަދައްކަމުން ގައުމީ ކޯޗު ބުނީ ވަނީ ރާއްޖެއަށް ކުރިމަތިލާން ޖެހިފައިވާ އުނދަގޫ ހާލަތުގެ ވާހަކަ ތަކުރާރުކޮށްފައެވެ. އަދި މި ހާލަތުގައި ގައުމީ ޓީމުން މެޗު ކުޅުމަކީ އެންމެ އިންސާފުވެރި ގޮތް ކަމުގައި ނުދެކޭ ކަމަށްވެސް ގައުމީ ކޯޗު ބުންޏެވެ.

ޗައިނާ މެޗު ބޮޑަށް މި ވިސްނަނީ މުސްތަގްބަލަށް އަޅާ ފައުންޑޭޝަނެއްގެ ގޮތުގައި ކަމަށާއި ނަމަވެސް މިއީ ފަސޭހަކޮށްލައިގެން ދޫކޮށްލާނެ މެޗެއް ނޫން ކަމަށް ކޯޗު ބުންޏެވެ.

މެޗުގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ގައުމީ ކޯޗު އަދި ކެޕްޓަން-- ފޮޓޯ: އެފްއޭއެމް

"މި ޓީމުގައި ތިބީ ޕްރޮފެޝަނަލުން. މި ޓީމުން މާދަމާ މެޗުން މޮޅެއް ބޭނުން، ބަލިވުމަށް ވުރެ އެއްވަރެއް ކުރަން ބޭނުން، އެކަމަކު މިކަންކަމަށް ވިސްނާއިރު ރާއްޖެ އޮތް ހާލަތާމެދު ހަގީގަތާ ކުރިމަތިލާން ޖެހޭ، ނަތީޖާއަށްވުރެ ބޮޑަށް މި މެޗުގައި ވިސްނަންޖެހޭ އެހެން ކަންކަން އެބަހުރި" ގައުމީ ކޯޗު ބުންޏެވެ.

ކޯޗު ބުނީ ރާއްޖެއިން ބޭނުންވާ މިސްރާބަށް ވާސިލުވާން މި ވޭތުވެދިޔަ ހަ ދުވަހުގެ ތެރޭގައި ކުރިޔަށް ފިޔަވަޅުތަކެއް އަޅާފައިވާ ކަމަށާއި އަދިވެސް ކުރަންޖެހޭ މަސައްކަތް ގިނަ ކަމަށެވެ. އަދި ޗައިނާގައި ހޭދަކުރި ދެ އަހަރުގެ ތަޖުރިބާ އަށް ބަލާއިރު މިއީ ފަސޭހަ ކަމެއް ނޫން ކަމަށާއި އެކަމަކު ފުޓްބޯޅައިގައި ވާ ގޮތެއް ބުނަން ނޭނގޭނެ ކަމަށް ކުރިން ޗައިނާ ލީގުގައި ކޯޗުކަންކުރި ކޫޕްމަން ބުންޏެވެ.

މި މެޗާއި ކުރިމަތިލާއިރު ރާއްޖެ ހިމެނޭ ގްރޫޕް އޭގެ އެއްވަނައިގައި ސީރިއާ އޮތީ ކުޅުނު ހަތް މެޗުން ލިބުުނު 21 ޕޮއިންޓާއެކު އެވެ. ދެވަނައިގައި ޗައިނާ އޮތީ ކުޅުނު ހަ މެޗުން ލިބުނު 13 ޕޮއިންޓާއެކު އެވެ. ތިންވަނައިގައި ފިލިޕީންސް އޮތީ ކުޅުނު ހަ މެޗުން ލިބުނު ހަތް ޕޮއިންޓާއެކު އެވެ. އަދި ހަތަރުވަނައިގައި ރާއްޖެ އޮތީ ހަ މެޗުން ހަ ޕޮއިންޓާއެކު އެވެ. ފުލުގައި ގުއާމް އަށް އެއްވެސް ޕޮއިންޓެއް ނުލިބެއެވެ.

ރާއްޖެއާއި ޗައިނާ ބައްދަލުކުރާ މެޗު ފަށާނީ ރާއްޖެގަޑިން މާދަމާރޭ 22:00 ގައެވެ.