ވޯލްޑް ކަޕު ގުރޫޕް ސްޓޭޖުގެ ދެވަނަ މެޗުގައި މިރޭ މޮރޮކޯ އަދި ޕޯޗުގަލް ބައްދަލު ކުރާއިރު ކްރިސްޓިއާނޯ ރޮނާލްޑޯ ހިފަހެއްޓާނެ ގޮތެއް ހޯދަން އުނދަގޫ ކަމަށް މޮރޮކޯގެ ކޯޗު ހާވް ރޭނާރޑް ބުނެފިއެވެ.

ފުރަތަމަ މެޗުގައި 0-1ގެ ނަތީޖާ އަކުން އިރާން އަތުން ބަލިވިއިރު ދެވަނަ ބުރުގައި ކުޅުމަށް މިރޭގެ މެޗުން މޮޅުވާން މޮރޮކޯ އަށް މަޖުބޫރެވެ. ނަމަވެސް ޕޯޗުގަލްގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ ހިފަހައްޓާނެ ގޮތެއް ހޯދުމުގައި ރޭނާރޑް އަށް ވަނީ ދަތި ތަކާއި ކުރިމަތި ލާން ޖެހިފައެވެ.

ޕޯޗުގަލް ގުރޫޕް ސްޓެޖުގައި ކުޅުނު ފުރަތަމަ މެޗުގައި ކްރިސްޓިއާނޯ ރޮނާލްޑޯ ކާމިޔާބު ކުރި ހެޓް ޓްރިކާއި އެކު އާނާ އަކީ މިމުބާރާތުގައި ހެޓް ޓްރިކެއް ހެދި އެންމެ އުމުރުން ދުވަސްވީ ކުޅުންތެރިޔާގެ ރެކޯޑާއި ހަމަކޮށްފައެވެ. ފެރެންކް ޕުސްކަސއގެ ރެކޯޑާއި ހަމަ ކުރިއިރު އޭނާ ވަނީ ގައުމީ ޓީމަށް 84 ލަނޑު ކާމިޔާބު ކޮށްދީފައެވެ.

" ރޮނާލްޑޯ ހިފަހައްޓަން ކިތަންމެ މޮޅު ގޮތެއް ހޯދިއަސް އޭނާ ކޮންމެވެސް ތަނަކުން ނިކުންނާނެ، އޭނާގެ ޓީމު ހަމަ އަކަށް އަޅުވައި މޮޅު ކޮށް ދިނުމަށް އޭނާ އަބަދުވެސް ގޮތެއް ހޯދާނެ" ރެނާރޑް ބުންޏެވެ.

މީގެ އިތުރުން ރެނާރޑް ބުނެފައިވަނީ 3 ކުޅުންތެރިން ރޮނާލްޑޯ އަށް ކައިރި ކުރިއަސް އޭނާ ގޮތެއް ހޯދާނެ ކަމަށާއި ރޮނާލްޑޯ އާއި ދެކޮޅަށް ކުޅުމަކީ ގިނަ ބަޔަކަށް ލިބޭނެ ފަހުރެއް ނޫން ކަމަށެވެ. އަދި މިފުރުސަތުގެ ބޭނުން ރަނގަޅު ގޮތުގައި ހިފަން ޖެހޭ ކަމަށްވެސް އޭނާ ބުންޏެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ހުނަރު އަދުރޭ

    ގޯލުއޭރިޔާކައިރިން ޖަހާ ހިލޭޖެހުންތައް ފާރުމަތިން ގޯލަށް އަމަޒުކޮށް ފޮނުވައިލުމުގައި ރޮނާލްޑޯވަރެއް ހަމަ ނެތެވެ. އަޞްލުގަ ރޮނާލްޑޯ ހިލޭޖެހުންތައް ޖަހަނީ ވަކި ހިސާބަކުން ބޯޅާގައި ރިފްލެކްޝަންއުފެދޭ ގޮތަށެވެ. ތެދަށް ފޮނުވާލާބޯޅަ ވަކިހިސާބަކުން ޕްރެޝަރާއެކު ބެންޑްވެ ގޯލަށް އަމާޒުވެއެވެ. ކީޕަރު ހީކޮށްގެން ހުންނަނީ ބޯޅަ ހުރަސް ދަނޑިމަތިން ބޭރުވާކަމަށެވެ.