ދެކުނު އެމެރިކާ ބައްރުގެ ގައުމުތަކުގެ މެދުގައި ބާއްވާ އެންމެ ޝަރަފްވެރި އެއް ފުޓުބޯޅަ މުބާރާތް ކަމަށްވާ "ކޮޕަ އެމެރިކާ" ގައި މުބާރާތް ބާއްވާ ބްރެޒިލް އާއި ކޮލަމްބިއާ ކުޅުނު ފުރަތަމަ މެޗުން މޮޅުވެއްޖެ އެވެ.

އެންމެފަހުން ޗެމްޕިއަން ބްރެޒިލް ކުޅުނު މެޗުން މޮޅުވީ ވެނެޒުއޭލާ އާއި ވާދަކޮށް 3-0 ގެ ނަތީޖާއަކުންނެވެ. މި މެޗުގައި ބްރެޒިލްގެ ތަރި ނޭމާ އާއި ގެބްރިއަލް ޖީސަސްގެ ފަރާތުން ފެނުނު ކުޅުން ފާހަގަކޮށްލެވެއެވެ.

އަނެއްކޮޅުން ވެނެޒުއޭލާގެ މުހިއްމު ގިނަ ކުޅުންތެރިންތަކަކަށް މި މެޗުގައި ނުކުޅެވެއެވެ. އެއީ މެޗުގެ ކުރިން ހެދި ކޮވިޑު ޕީސީއާރު ޓެސްޓުތަކުން އެ ޓީމުގެ އަށް ކުޅުންތެރިއަކަށް ކޮވިޑް ޖެހުމުންނެވެ. މީގެއިތުރުން ޓީމު އޮފިޝަލުންގެ ހަތަރު މީހަކަށްވެސް ކޮވިޑު ޖެހިފައިވެއެވެ.

މި މެޗުގައި ބްރެޒިލްގެ ފުރަތަމަ ލަނޑު ފެނިގެންދިޔައީ މެޗުގެ 23 ވަނަ މިނެޓުގަައެވެ. އޭރިއާ ތެރެއިން ލިބުނު ބޯޅަ ވަރަށް ހަމަޖެހިލައިގެން ގޯލުގެ ތިރީ ކަނަށް މަޑުމަޑުން ފޮނުވާލައިގެން މި ލަނޑު ކާމިޔާބުކުރީ ޑިފެންޑަރ މާކީނިއޯސް އެވެ.

ލަނޑު ޖެހުމަށްފަހު މާކީނިއޯސް އުފާފާޅުކުރަނީ

މި ލަނޑަށް ފަހު ލީޑު ފުޅާކޮށްލަން ބްރެޒިލްއަށް ރަނުގެ ފުރުސަތެއް ލިބިގެންދިޔަ އެވެ. ނަމަވެސް ރިޗާލިސަން ބޯޅަ ފޮނުވާލިއިރު ހުރީ އޮފްސައިޑު މަގާމެއްގައި ކަމަށް ވުމުން އެ ލަނޑު ރެފްރީ ބަލައެއްނުގަތެވެ. އޭގެފަހުން ނޭމާގެ ހުނަރުވެރިކަމުގެ ބޭނުން ހިފައި އިތުރަށް ވެނެޒުއޭލާ ޕްރެޝަރަށް ވައްޓާލަން މަސައްކަތްކުރި ތަން ފެނިގެންދިޔަ އެވެ. ނަމަވެސް ފުރަތަމަ ހާފު ނިމުނީ އެއް ގޯލުގެ ލީޑަކާއެކު އެވެ.

ދެވަނަ ހާފުގައި ބްރެޒިލްގެ ދެވަނަ ލަނޑަކީ ލިބުނު ޕެނަލްޓީއަކުން ކާމިޔާބުުކުރި ލަނޑެކެވެ. މިއީ މެޗުގެ 63 ވަނަ މިނެޓުގައި ވެނެޒުއޭލާގެ އޭރިއާ ތެރެއިން ބްރެޒިލްގެ ޑެނީލޯ އަށް ވެނެޒުއޭލާ ކުމާނޯ ކުރި ފައުލަކާއި ގުޅިގެން ރެފްރީ ދިން ޕެނަލްޓީއެކެވެ.

މެޗުގެ ފުރިހަމަ ވަގުތު ހަމަވާން މިނެޓަކަށް ވެފައިވަނިކޮށް ބްރެޒިލްގެ ތިންވަނަ ލަނޑު ޖެހީ ގެބްރިއަލް ބާބޯސާ އެވެ. މި ލަނޑު ޖެހީ ނޭމާ ތަނަވަސްކޮށްދިން ހިތްގައިމު ފުރުސަތަކުންނެވެ.

މި މުބާރާތުގައި ރޭ ފަތިހު 05:00 ގައި ކުޅުނު ދެވަނަ މެޗުގައި ބައްދަލުކުރީ ކޮލަމްބިއާ އާއި އެކުއެޑޯ އެވެ. މިއީ ވެސް ގްރޫޕް އޭގެ މެޗެކެވެ. މި މެޗު ކޮލަމްބިއާ ކާމިޔާބުކޮށްފައިވަނީ 1-0 ގެ ނަތީޖާއަކުންނެވެ.

ލަނޑު ޖެހުމަށްފަހު ކޮލަމްބިއާ ކުޅުންތެރިން އުފާފާޅުކުރަނީ-- ފޮޓޯ: ގެޓީ އިމޭޖަސް

މި މެޗުގައި ކޮލަމްބިއާގެ ހަމައެކަނި ލަނޑު މެޗުގެ ފުރަތަމަ ހާފުގެ ފުރިހަމަ ވަގުތު ހަމަވާން ތިން މިނެޓަށްވެފައި ވަނިކޮށް ކާމިޔާބުކުރީ އެޑްވިން ކާޑޯނާ އެވެ. އޭނާ މި ލަނޑު ޖެހީ މިގުއެލް ބޯޖާ ތަނަވަސްކުރި ފުރުސަތަކުންނެވެ.

މިއީ އެންމެ މައްސަލަ ބޮޑުކޮށް ބާއްވަން މަސައްކަތްކުރާ މުބާރާތެވެ. އެންމެ ފުރަތަމަ މި މުބާރާތް ބާއްވަން ނިންމީ އުރުގުއޭ އަދި އާޖެންޓީނާގައެވެ. އެންމެ ފުރަތަމަ އުރުގުއޭ އަތުން މުބާރާތް އަތުލީ އެ ގައުމުގެ މަސްލަހަތު ގޯސްވުމުންނެވެ. ފަހުން އާޖެންޓީނާ އަތުން ހޯސްޓިން ރައިޓްސް އަތުލީ އެ ގައުމުގެ ކޮވިޑު ހާލަތު ގޯސްވުމުންނެވެ.

ފަހުން މުބާރާތް ބާއްވާނެކަން އިއުލާނުކުރީ އެންމެ ފަހުން މި މުބާރާތް ބޭއްވި ގައުމު ކަމަށްވާ ބްރެޒިލްގައެވެ. އެ ގައުމުގައި ވެސް ކޮވިޑުގެ ހާލަތު ގޯސްވެފައިވާ އިރު އެ ގައުމުގައި ބޭއްވުމުގެ ހުއްދަ ލިބުނީ ބްރެޒިލްގެ ރައީސް ހުއްދަ ދިނުމުންނެވެ. ނަމަވެސް މިކަމާއި ބްރެޒިލްގެ ކުޅުންތެރިން ތިބީ ހިތްހަމަނުޖެހިފައެވެ. މުބާރާތް ބްރެޒިލްގައި ބާއްވަން އެ ކުޅުންތެރިން ދެކޮޅު ހެދި ނަމަވެސް މުބާރާތް ބޮއިކޮޓު ނުކުރާނެ ކަމަށް އެ ކުޅުންތެރިން ބުނެއެވެ.

މިފަހަރުގެ މުބާރާތް ކުރިޔަށްދާނީ ދެ ގްރޫޕަކަށް ބަހާލައިގެންނެވެ. ގްރޫޕް އޭގައި ހިމެނެނީ ބްރެޒިލް އާއި ކޮލަމްބިއާ އާއި އެކުއެޑޯ އަދި ވެނެޒުއޭލާގެ އިތުރުން ޕެރޫ އެވެ.

ގްރޫޕް ބީގައި ހިމެނެނީ އާޖެންޓީނާ އާއި ބޮލީވިއާގެ އިތުރުން ޗިލީ އާއި ޕެރަގުއޭ އަދި އުރުގުއޭ އެވެ. މި މުބާރާތް ކުރިޔަށްދާނީ އަންނަ ޖުލައި މަހުގެ 10 ވަނަ ދުވަހުގެ ނިޔަލަށެވެ.