ވޯލްޑް ކަޕްގައި ކުޅުނު ފުރަަތަމަ މެޗުގައި ރަޝިއާ އަތުން 5-0ގެ ތަފާތު ބޮޑު ސައުދީ އަރަބިއްޔާ ބަލިވުމާއެކު، މުބާރާތުގެ ދެވަނަ ބުރަށް ދިއުމުގެ ފުރުސަތެއް އެ ޓީމަށް އޮތީ މިރޭ އުރުގުއޭ އަތުން މޮޅުވެގެނެވެ. އެކަމަކު ފުރަތަމަ މެޗުގައި ސައުދީ އަރަބިއްޔާގެ ފަރާތުން ފެނުނު ކުޅުމާމެދު، ސައުދީ އަރަބިއްޔާ އަށް ރަނގަޅު ނަތީޖާއެއް ނެރެވިދާނެ ކަމަށް ގިނަ ބަޔަކު އުންމީދެއް ނުކުރެ އެވެ.

މި މެޗަށް ނުކުންނައިރު، އެންމެ ބޮޑު ޕްރެޝަރެއް ކުރިމަތިވެފައި އޮޮތީ ސައުދީގެ ކޯޗު ހުއާން އެންޓޯނިއޯ ޕިޒީއަށެވެ. މިރޭގެ މެޗުގައި ސައުދީ އަށް ރަނގަޅު ނަތީޖާއެއް ނުލިބިއްޖެ ނަމަ، ޕިޒީ އަށް މަގާމު ގެއްލުމުގެ ފުރުސަތު ބޮޑެވެ. ފުރަތަމަ މެޗުގެ ނަތީޖާއާއެކު، ސައުދީގެ ޓީމަށް ޕިޒީ ގިނަ ބަދަލުތަކެއް ގެންނާނެ ކަމަށް ބެލެވެ އެވެ.

މުބާރާތުގައި ކުޅުނު ފުރަތަމަ މެޗުގައި މިސްރު އަތުން އުރުގުއޭ ވަނީ މޮޅުވެފަ އެވެ. އަދި މިރޭ ސައުދީ އަތުން އުރުގުއޭ މޮޅުވެއްޖެ ނަމަ، އެ ޓީމަށް ދެވަނަ ބުރުގެ ޖާގައެއް ކަށަވަރުވާނެ އެވެ. މި މެޗަށް ނުުކުންނައިރު، އުރުގުއޭ އަށް އަނިޔާގެ މައްސަލައެއް ނެތެވެ. އެކަމަކު އުރުގުއޭގެ ކޯޗު އޮސްކާ ޓަބާރޭޒް މިރޭގެ މެޗަށް ޓީމަށް ބައެއް ބަދަލުތަކެއް ގެންނާނެ ކަަމަށް ބެލެވެ އެވެ.

އުރުގުއޭ:

ވޯލްޑް ކަޕެއްގައި ކުޅުނު ފުރަތަމަ ދެ މެޗުން އުރުގުއޭ އެންމެ ފަހުން މޮޅުވީ 1954 ވަނަ އަަހަރު.

ވޯލްޑް ކަޕްގެ ގުރޫޕް ސްޓޭޖުގައި އުރުގުއޭ އެންމެ ފަހުން ކުޅުުނު ނުވަ މެޗުގެ ތެރެއިން ބަލިވީ އެންމެ މެޗަކުން.

އޭޝިއާގެ ޤައުމުތަކާ ދެކޮޅަށް ވޯލްޑް ކަޕްގައި އުރުގުއޭ މީގެ ކުރިން ކުޅުނު ތިން މެޗުން ވެސް އެ ޓީމު ވަނީ މޮޅުވެފަ.

ސައުދީ އަރަބިއްޔާ:

މިއީ ވޯލްޑް ކަޕްގައި ދެކުނު އެމެރިކާގެ ޓީމަކާ ދެކޮޅަށް ސައުދީ ކުޅޭ ފުރަތަމަ މެޗު.

ސައުދީ އަރަބިއްޔާ ވޯލްޑް ކަޕްގައި އެންމެ ފަހުން ކުޅުނު 11 މެޗުން ވެސް މޮޅެއް ނުލިބޭ. ސައުދީ އެންމެ ފަހުން ވޯލްޑް ކަޕްގައި މޮޅުވީ 1994 ވަަނަ އަހަރު.

އެންމެ ފަހުން ވޯލްޑް ކަޕްގައި ކުޅުނު 14 މެޗުގެ ތެރެއިން، ކޮޅަށް ލަނޑެއް ނުވަދެ ސައުދީ އަރަބިއްޔާ އަށް ނިންމާލެވުނީ އެންމެ މެޗެއް.

އެނގޭތަ؟

މިރޭގެ މެޗަކީ އުރުގުއޭ ފޯވަޑް ލުއިސް ސުއަރޭޒް ޤައުމީ ޓީމަށް ކުޅޭ 100 ވަނަ މެޗެވެ. ސުއަރޭޒް ވަނީ ޤައުމީ ޓީމަށް މިހާތަނަށް 51 ލަނޑު ޖަހައި، އުރުގުއޭގެ ޓީމަށް މިހާތަނަށް އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާގެ މަގާމު ހޯދައިފަ އެވެ.