ޤަތަރުގައި މިހާރު ކުރިއަށް ދާ ފީފާ ވޯލްޑް ކަޕުގައި ގްރޫޕް އެޗްގެ ފުރަތަމަ މެޗުގައި ބައްދަލުކުރާނީ އުރުގާއާއީ އާއި ދެކުނު ކޮރެއާއެވެ. މި ދެ ޓީމު ހިމެނެނީ މިފަހަރުގެ އުނދަގޫ ގުރޫޕެއްގައި ކަމުން ގަދަ 16 ގެ ދަތުރުގެ ފެށުން ރަނގަޅު ކުރުމަށް މި މެޗުން މޮޅުވުން ދެ ޓީމަށް ވެސް ވަރަށް މުހިންމުވާނެއެވެ.

މިއީ މި ދެ ޓީމުން ވޯލްޑްކަޕެއްގައި ބައްދަލުކުރާ ތިންވަނަ މެޗެވެ. މީގެ ކުރިން 1990 ވަނަ އަހަރު އަދި 2010 ވަނަ އަހަރު މި ދެ ޓީމު ވޯލްޑުކަޕުގެ ދަނޑުމަތިން ބައްދަލުކުރި ދެފަހަރުވެސް އުރުގުއާއީ ވަނީ ދެކުނު ކޮރެއާގެ މައްޗަށް ކުރި ހޯދާފައެވެ. މި ދެ ޓީމު ޖުމްލަކޮށް މީގެކުރިން އަށް ފަހަރު ވަނީ ބައްދަލުކޮށްފައެވެ. އޭގެ ތެރޭން ހަ ފަހަރު އުރުގުއާއީ މޮޅުވެފައިވާއިރު އެއް މެޗުން ވަނީ އެއްވަރުވެފައެވެ. ނަމަވެސް މި ދެ ގައުމު އެންމެ ފަހުން 2018 ގައި ބައްދަލުކުރި އެކުވެރިކަމުގެ މެޗުން ކުރި ހޯދާފައިވަނީ ސައުތް ކޮރެއާއެވެ.

މިއީ އުރުގުއާއީ ވޯލްޑްކަޕަށް ކޮލިފައިވި 14 ވަނަ ފަހަރެވެ. މީގެ ތެރެއިން އުރުގުއާއީ ގުރޫޕް ސްޓޭޖުން ކަޓާފައިވަނީ އެންމެ ތިން ފަހަރުއެވެ. އަދި އެގައުމުން ސެމީ ފައިނަލްގައި ވަނީ ފަސް ފަހަރު ކުޅެފައެވެ. އުރްގުއާއީއަކީ ދެ ފަހަރު ވޯލްޑުކަޕް ކާމިޔާބުވެސް ކޮށްފައިވާ ގައުމެކެވެ. ނަމަވެސް އެންމެ ފަހުން އެގައުމަށް ތަށި އުފުލާލެވިފައިވަނީ މީގެ ހަތްދިހަ ވަރަކަށް އަހަރު ކުރިންނެވެ.

މިއީ އުރުގުއާއީން ޖެހިޖެހިގެން މި މުބާރާތަށް ކޮލިފައިވި ހަތަރުވަނަ ފަހަރެވެ. 2010 ވަނަ އަހަރު ސެމީ ފައިނަލްގައި ކުޅެފައިވާ އިރު އެންމެ ފަހުގެ ވޯލްޑުކަޕުގައި އުރުގުއާއީ ވަނީ ކުއާޓަރ ފައިނަލަށް ދަތުރުކޮށްފައެވެ.

އުރުގުއާއީގެ ގައުމީ ޓީމް

މިއީ ދެކުނު ކޮރެއާ ވޯލްޑަކަޕަށް ކޮލިފައިވި 11 ވަނަ ފަހަރެވެ. އަދި ޖެހިޖެހިގެން މި މުބާރާތުން ފެންނަ 10 ވަނަ ފަހަރެވެ. އޭޝިއާއިން އެންމެ ގިނަ ފަހަރު ވޯލްޑްކަޕަށް ކޮލިފައިވެފައިވަނީ ދެކުނު ކޮރެއާއެވެ. މީގެ ތެރެއިން އެގައުމަށް ގުރޫޕު ސްޓޭޖަށް ވުރެ ކުރިއަށް ދެވިފައިވަނީ އެންމެ ދެ ފަހަރުއެވެ. 2002 ވަނަ އަހަރު އެގައުމުން ވަނީ ދުނިޔެ ހައިރާން ކޮށްލާ ސެމީ ފައިނަލްގައި ކުޅެ މުބާރާތުގެ ހަތަރުވަނަ ހޯދާފައެވެ. މި ފަހުން ދެކުނު ކޮރެއާއަށް ވޯލްޑުކަޕުގައި މާ ރަނގަޅު ކުޅުމެއް ދެއްކިފައެއް ނުވެއެވެ.

ދެކުނު ކޮރެއާގެ ގައުމީ ޓީމް

އުރުގުއާއީ މިފަހަރުވެސް މުބާރާތަށް ނުކުންނަނީ ވަރުގަދަ ސްކޮޑަކާ އެކީގައެވެ. 2010 ގެ ވޯލްޑުކަޕުގައި އުރުގުއާއީ ސެމީ ފައިނަލާ ހަމައަށް ގެންގޮސްދިން ސްކޮޑުގެ ހަތަރު ކުޅުންތެރިން މިފަހަރުވެސް ޓީމުން ފެނިގެންދާނެއެވެ. އަދި ފެޑެރިކޯ ވެލެވާޑެ، ޑާވިން ނުނޭޒް އަދި މިހާރު އިންޖުރީގައި ހުރި ރޮނަލްޑް އަރައުޖޯ ފަދަ ވޯލްޑް ކަޕަށް އާ ނަމަވެސް ކުލަބު ލެވެލްގައި އަރަމުން އަންނަ ޒުވާން ކުޅުންތެރިންވެސް އުރުގުއާއީގެ ސްކޮޑުގައި ހިމެނެއެވެ. އަދި ޓީމުގެ ކެޕްޓަން ޑިއޭގޯ ގޮޑިން އަކީވެސް ފާހަގަކޮށްލެވޭ ކުޅުންތެރިއެކެވެ.

އުރުގުއާއީގެ ގޯލާ ރައްޓެހި ތަޖުރިބާކާރު ކުޅުންތެރިޔާ ލުއިޒް ސުއަރޭޒް މިފަހަރުވެސް ނުކުންނާނީ ގައުމީ ޓީމް މުބާރާތުގެ ފައިނަލަށް ގެންދިއުމަށެވެ. ނަމަވެސް މިދިޔަ މުބާރާތުގެ ގުރޫޕް ސްޓޭޖުގައި ޖަރުމަނު ބަލިކޮށްފައިވާ ދެކުނު ކޮރެއާ ހިފަހައްޓާ ރަނގަޅަށް މުބާރާތް ފެށުން ސުއަރޭޒަށް މުހިންމުވާނެއެވެ.

މި ވޯލްޑުކަޕަކީ ބެލެވޭ ގޮތުގައި ސުއަރޭޒްގެ އެންމެ ފަހު ވޯލްކަޕެވެ. ބާސެލޯނާގެ ކުރީގެ ތަރި ސުއަރޭޒް ފާހަގަކޮށްލެވިފައިވަނީ ފުޓްބޯޅައިގެ ދުނިޔޭގައި އުފެދުނު އެންމެ މޮޅު އެއް ސްޓްރައިކަރ ގެ ގޮތުގައެވެ. ބައިނަލްއަގުވާމީ ފެންވަރުގައި އޭނާއަކީ މިހާތަނަށް އުރުގުއާއީގެ ގައުމީ ޓިމަށް އެންމެ ގިނަ ގޯލު ކާމިޔާބު ކޮށްދިން ކުޅުންތެރިޔާއެވެ. ބައިނަލް އަގުވާމީ އެތައް މުބާރާތެއްގެ ރަންބޫޓުވެސް ސުއަރޭޒް ވަނީ ހޯދާފައެވެ.

ވޯލްޑުކަޕުގައި އޭނާ ވަނީ އުރުގުއާއީއަށް ހަތް ގޯލު ކާމިޔާބުކޮށްދީފައެވެ.

އުުރުގުއާއީގެ ތަޖުރިބާކާރު ކުޅުންތެރިޔާ ލުއިޒް ސުއަރޭޒް

ގަތަރުގެ ވޯލްޑްކަޕަށް އުރުގުއާއީ ކުރިމަތިލާނީ ކޯޗު ޑިއޭގޯ އަލޮންސޯ އާއިއެކުއެވެ. އުރުގުއާއީގެ ގައުމީ ޓީމަށް 15 އަހަރު ކޯޗުކަން ކޮށްދިން އޮސްކާ ތަބަރޭޒް ޓީމާއި ވަކިވުމަށްފަހު އަލޮންސޯ ޓީމާއި ހަވާލުވެފައިވަނީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުއެވެ.

ޕައުލޯ ބެންތޯގެ ކޯޗުކަމުގެ ދަށުގައި ދެކުނު ކޮރެއާއިންވެސް ނުކުންނާނީ އުނދަގޫ މެޗަކަށެވެ. ދެކުނު ކޮރެއާގެ ސްކޮޑުގައި އެންމެ ފާހަގަ ކޮށްލެވޭ ކުޅުންތެރިޔަކީ ޓޮޓެންހަމް ހޮޓްސްޕާގެ ތަރި ސޮން ހިއުން މިންއެވެ. ނަމަވެސް މި މަހުގެ ކުރީކޮޅު ޗެމްޕިއަންސް ލީގުގައި މާސޭ އާ ދެކޮޅަށް ކުޅުނު މެޗުގައި ސޮން އަށް އަނިޔާވެފައިވުމަކީ ދެކުނު ކޮރެއާގެ ޓީމަށް އޮތް ކަންބޮޑުވުމެކެވެ. ލޮލުގެ ކަށިގަނޑަށް އަނިޔާވެގެން ސޮން ވަނީ ސާޖަރީއެއްވެސް ހަދާފައެވެ. ނަމަވެސް ވޯލްޑުކަޕުގައި ސޮން ފެންނާނެކަމަށް ދެކުނުކޮރެއާއިން ބުނެއެވެ. ލޮލުގައި މާސްކެއް އަޅައިގެން ހުރި ސޮން ވަނީ އެ ޓީމްގެ ތަމްރީންތަކުންވެސް ފެނިގެން ގޮސްފައެވެ.

ސޮން އަކީ އޭޝިއާގެ އެންމެ މޮޅު އެއް ފުޓްބޯޅަ ކުޅުންތެރިޔާއެވެ. ފީފާއިން ހޮވާ ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިންގެ މިއަހަރުގެ ލިސްޓުގައި 11 ވަނަ އަށް އޮތީ ސޮން ގެ ނަމެވެ. ސޮން އަކީ ގޯލާއި ރައްޓެހި ކުޅުންތެރިއެކެވެ. އަދި ބެންތޯގެ ކޯޗުކަމުގެ ދަށުގައި ދެކުނު ކޮރެއާގެ ގައުމީ ޓީމުގައި ސޮން އަކީ އެންމެ ބޭނުންތެރި ފޯވާޑެވެ.

ދެކުނު ކޮރެއާގެ ތަރި ސޮން ހިއުން މިން

ސޮން ގެ އިތުރުން ދެކުނު ކޮރެއާގެ ޓީމުގައި ފާހަގަ ކޮށްލެވޭ އަނެއް ކުޅުންތެރިޔަކީ ނަޕޯލީގެ ހުނަރުވެރި ޑިފެންޑަރު ކިމް މިން ޖޭ އެވެ. ކިމް މިން ޖޭ ވަނީ މި ސީޒަންގައި މޮޅު ކުޅުމެއް ދައްކާފައެވެ. އަދި ލީ ކަންގް އިން ވެސް ވަނީ މަޔޯކާ އާއި އެކު ލަލީގާ ގައި މޮޅު ކުޅުމެއް ދައްކާފައެވެ.

އަރާނެ ކަމަށް ބެލެވޭ ފުރަތަމަ 11:

އުރުގުއާއީ:

ސާޖިއޯ ރޮޗެޓް، ގިޔާމޯ ވާރެލާ، ޑިއޭގޯ ގޮޑިން، ގިމެނޭޒް އޮލިވޭރާ، ރޮޑްރިގޯ ބެންޓަންކޫރް، މަޓިއަސް ވެސިނޯ، ފެޑެރިކޯ ވެލެވާޑޭ، ޖޯޖިއަން ޑެ އަރަސްކައިޓާ، ޑާވިން ނޫނޭޒް، ލުއިޒް ސުއަރޭޒް

ދެކުނު ކޮރެއާ:

ކިމް ސަންގް ގްޔޫ، ކިމް މޫން ހުވަން، ކިމް ޔޮންގް ގުވަން، ކިމް މިން ޖޭ، ކިމް ޖިން ސޫ، ޖުންގް ވޫ ޔޮންގް، ހުވަން އިން ބޮމް، ލީ ސަންގް ހުވަން ހީ ޗަން، ސޮން ހިއުން މިން، ހުވަން އުއި ޖޯ

ދެކުނު ކޮރެއާ އާއި އުރުގުއާއީ އާއިއެކު ގުރޫޕް އެޗްގައި ދެން އޮތީ ޕޯޗުގަލް އާއި ގާނާއެވެ.

ދެކުނު ކޮރެއާއާއި އުރުގުއާއީ ބައްދަލުކުރާ މެޗު ފެށޭނީ ރާއްޖެ ގަޑިން މިއަދު އިރުއޮއްސި ހައެއްޖަހާއިރުއެވެ.