2030 ވަނަ އަހަރުގެ ފީފާ ވޯލްޑްކަޕް މުބާރާތް، ދެކުނު އެމެރިކާގެ ގައުމުތައް ކަމަށްވާ އާޖެންޓީނާ، ޕެރަގުއާއީ، އުރުގުއާއީ، އަދި ޗިލީ ގައި ބޭއްވުމަށް، ހަތަރު ގައުމު ގުޅިގެން ބިޑަށް ހުށައަޅައިފިއެވެ.

2030 ގެ މުބާރާތް ވާނީ، އުރުގުއާއީގެ މޮންޓެވީޑިއޯ ގައި މުބާރާތް ފުރަތަމަ ބޭއްވިތާ 100 އަހަރު ފަހުން ބޭއްވޭ މުބާރާތަށެވެ.

މި ހަތަރު ގައުމުގެ އޮފިޝަލުން ވަނީ އިއްޔެ ދެކުނު އެމެރިކާގެ ފުޓްބޯޅަ ފެޑެރޭޝަންގެ ރައީސް، އަލެހާންޑްރޯ ޑޮމިންގޭޒް އާއި އެކު، "ހުރިހާ ކަމެއް ފެށުނު ތަނަށް"، މުބާރާތް އަނބުރާ ގެނައުމުގެ މަސައްކަތް އިއުލާން ކޮށްފައެވެ.

"2030 ގެ ވޯލްޑްކަޕަކީ ހަމަ އާދައިގެ ވޯލްޑްކަޕެއް ނޫން، 100 އަހަރު ފުރޭތީ އެ ވޯލްޑުކަޕް ހާއްސަކޮށް ފާހަގަކުރަން ޖެހޭ." އާޖެންޓީނާގެ ފުޓްބޯޅަ އެސޯސިއޭޝަންގެ މައި އޮފީހުގައި އޮތް ހަފްލާގައި ވާހަކަ ދައްކަމުން ޑޮމިންގޭޒް ބުނެފައިވެއެވެ.

"އަހަރެމެން ގަބޫލުކުރަނީ އަހަރެމެންނަށް ވުރެ ކުރިން އައިސް، ފުރަތަމަ ވޯލްޑް ކަޕް ކުރިއަށް ގެންދިޔަ މީހުންގެ ހަނދާންތައް ޝަރަފުވެރިކަމާއި އެކު ދަމަހައްޓަން ފީފާ އިން މަސައްކަތް ކުރާނެ ކަމަށް."

2030 ވަނަ އަހަރު ވޯލްޑްކަޕް ބާއްވާނެ ގައުމެއް އިއުލާނު ކުރުން ފީފާއިން އަންނަ އަހަރަށް ޝެޑިއުލް ކޮށްފައިވާ އިރު، ދުނިޔޭގެ އެންމެ މަގުބޫލު ކުޅިވަރުގެ މުބާރާތް އިންތިޒާމު ކުރުމުގެ އުންމީދުގައި ގައުމުތަކުގެ މެދުގައި ވާދަވެރިކަން ވަނީ ބޮޑުވެގެން ގޮސްފައެވެ.

ޔޫރަޕުގެ ފުޓްބޯޅައިގެ މައި އިދާރާ، ޔޫއޭއެފްއޭ ގެ ވާގިވެރިކަމާއި އެކު، ސްޕެއިން، ޕޯޗުގަލް އަދި ޔުކްރޭނުން ގުޅިގެން ބިޑަށް ކުރިމަތިލާން އެއްބަސްވެފައިވާ އިރު، ސައުދީ އަރަބިއްޔާ، މޮރޮކޯ، ގްރީސް، އަދި މިސްރު ގުޅިގެން ބިޑަށް ކުރިމަތިލާން ވިސްނަމުންދާ ކަމަށްވެސް ރިޕޯޓްތައް ބުނެއެވެ.

ވޯލްޑްކަޕަކީ ކޮންމެ ހަތަރު އަހަރަކުން ބޭއްވޭ މުބާރާތެކެވެ. އެންމެ ފަހުގެ ވޯލްޑްކަޕް، މިދިޔަ އަހަރު ޤަތަރުގައި ބާއްވާފައިވާއިރު، ޤަތަރަކީ ވޯލްޑް ކަޕް ބޭއްވުނު މެދު އިރުމަތީގެ ފުރަތަމަ ގައުމެވެ.

ދެން އޮތް 2026 ގެ ވޯލްޑްކަޕް އިންތިޒާމު ކުރާނީ އެމެރިކާ، މެކްސިކޯ، އަދި ކެނެޑާއިން ގުޅިގެންނެވެ. މިއީ ތިން ގައުމެއް ގުޅިގެން މުބާރާތް ހޯސްޓު ކުރާނެ ފުރަތަމަ ފަހަރެވެ.

ފުރަތަމަ ވޯލްޑްކަޕް ބޭއްވުނީ 1930 ވަނަ އަހަރު އުރުގުއާއީ ގައެވެ. އަދި އެފަހަރު އުރުގުއާއީ ވަނީ ފައިނަލްގައި އާޖެންޓީނާ ބަލިކޮށް، މުބާރާތުގެ ތަށި އުފުލާލައި، ދުނިޔޭގެ ފުރަތަމަ ޗެމްޕިއަނުންނަށް ވެފައެވެ.