ޔޫރޯ 2020 ގެ ގްރޫޕް އޭގައި ރާއްޖެގަޑިން މިރޭ 00:00 ގައި ބައްދަލުކުރާ ދެ ޓީމަކީ ސްވިޒަލޭންޑާއި އިޓަލީއެވެ. މުބާރާތުގައި އިޓަލީ ކޫޅުނު ފުރަތަމަ މެޗުގައި ތުރުކީ އަތުން މޮޅުވެފައިވުމާއި އެކު މި މެޗުން މޮޅުވެއްޖެ ނަމަ އެ ޓީމަށް ދެވަނަބުރުން ޖާގައެއް ލިބިގެންދާނެއެވެ. އަނެއްކޮޅުން މި ގްރޫޕުގައި ތުރުކީ ދެވަނަ މެޗުން ބަލިވުމާއި އެކު އެ ޓީމަށް ދެވަނަބުރުގެ ބާރު މިއޮތީ ގާތްގަނޑަކަށް ގެއްލިފައެވެ.

ސްވިޒަލޭންޑް ވަނީ މުބާރާތުގައި އެ ޓީމު ކުޅުނު ފުރަތަމަ މެޗުގައި ވޭލްސް އަތުން 1-1 އިން ވަނީ އެއްވަރުވެފައެވެ. އެހެންކަމުން މި މެޗުގައި އެ ޓީމަށް މޮޅެއް ހޯދުމަކީ ކުރަންޖެހޭ ކަމެކެވެ.

މިއީ ގިނަ މެޗުތަކެއް ކުޅެފައިވާ ތާރީހީ ދެ ޓީމެވެ. ރެކޯޑުތައް ދައްކާގޮތުން ޖުމްލަ 50 ފަހަރު އެކި މުބާރާތްތަކުގައާއި އެކުވެރިކަމުގެ މެޗުތަކުގައި ކުޅެފައިވެއެވެ. މި މެޗުތަކުގެ ތެރެއިން އެންމެ ގިނަ މެޗުތަކުން މޮޅުވުމުގެ ރެކޯޑު އޮތީ އިޓަލީ އަތުގައެވެ. އެއީ ޖުމްލަ 24 މެޗުން އެ ޓީމު މޮޅުވެފައިވެއެވެ. އަދި ސްވިޒަލޭންޑަށް މޮޅުވެފައިވަނީ ހަ މެޗުންނެވެ. މި މެޗުތަކުގެ ތެރެއިން އެއްވަރުވެފައިވަނީ 18 މެޗުންނެވެ.

އިޓަލީ

ކޯޗު: ރޮބާޓޯ މަންޗިނީ

ކެޕްޓަން: ޖޯޖިއޯ ޗިއެލީނީ

ފުރަތަމަ އެގާރަ:

އިޓަލީ: ޑޮނަރުމާ، ޑި ލޮރެންޒޯ، ޗިއެލީނީ، ސްޕިނަޒޮލާ، ލޮކަޓެލީ، ޖޯޖީނިއޯ، އިންސިންޔޭ، ބެރާޑީ، އިމޯބިލް، ބަރެއްލާ، ބޮނުއްޗީ

 

ސްވިޒަލޭންޑް

ކޯޗު: ވްލަޑިމިއަރ ޕެޓްކޮވިޗް

ކެޕްޓަން: ގްރަނިޓް ޒަކާ

ފުރަތަމަ އެގާރަ: ސޮމާ، އެމްބާބޫ، އެލްވެޑީ، އަކަންޖީ، އެމްބޯލޯ ފްރޯލާ، ސެފެރޮވިޗް، ޒަކާ، ރޮޑްރިގޭޒް، ޝާ، ޝަގީރީ

 

ދެ ކޯޗުންގެ ބަސް

ރޮބާޓޯ މަންޗިނީ (އިޓަލީ)

މޮޅަކާއެކު މުބާރާތް ފެށުމުން އިޓަލީގެ ކޯޗު މަންޗިނީއަށް ބޮޑު ހިތްހަމަޖެހުމެއް ލިބުނެވެ. އެއާއެކު އެ އިތުބާރު ބޮޑުކުރަން މި މެޗު ކާމިޔާބުކުރުމަކީ މުހިއްމު ކަމެއްގެ ގޮތުގައި ކޯޗު ދެކެއެވެ ފުރަތަމަ މެޗުގެ އެ މޮޅާއެކު ޓީމަށް ލިބުނު ހިތްވަރަކީ މުބާރާތުގައި ކުރިޔަށްދިއުމަށް ލިބުނު އެންމެ ބޮޑު ބާރުކަމަށް ކޯޗު ބުންޏެވެ.

މިހާތަނަށް އަދި މެޗަކުން ބަލިވެފައި ނެތަސް ސްވިޒަލޭންޑަކީ ބަލިކުރަން އުނދަގޫ ޓީމެއްކަމަށް ކޯޗުގެ ވާހަކަތަކުން އެނގެއެވެ. އަދި އެންމެ ބޮޑު ޓާގެޓަކީ މެޗުގެ ކުރީކޮޅު ލަނޑެއް ކާމިޔާބުކުރުން ކަމަށްވެސް ކޯޗު ބުންޏެވެ.

ވްލެޑިމިއާ ޕަޓްކޮވިޗް (ސްވިޒަލޭންޑް)

ކޯޗުގެ ވާހަކަތަކުން މި މެޗުން ތިން ޕޮއިންޓް ހޯދުން ކޮންމެހެންވެސް މަޖުބޫރެވެ. މިހާތަނަށް އަމިއްލަ ބާރާއެކު ދެވަނަބުރަށް ދިއުމުގެ ފުރުސަތު އެޓީމަށް އޮތްއިރު އެންމެ ބޮޑު ހިތްހަމަޖެހުމަކީ އަނިޔާގެ އެއްވެސް މައްސަލައެއް ނެތުމެވެ. އަދި މެޗުން މޮޅުވާން ކުރެވެން ހުރި މަސައްކަތެއް ކުރާނެކަމަށް ވެސް ބުންޏެވެ.