ކޯކު ފުޅިތައް ދުރުކުރުމަށް ވުރެ ރޮނާލްޑޯއަކީ އެހެން ގޮތްގޮތުން ބަލާއިރުވެސް ފެންވަރު ހުރި ކުޅުންތެރިއެެއް ކަމަށާއި އޭނާއަށް ސަމާލުވާނެ ކަމަށް ޖަރުމަނުގެ ކޯޗު ޔޯހައިމް ލޯ ބުނެފިއެވެ.
ޔޫރޯ ފުޓުބޯޅަ މުބާރާތުގައި މިރޭ ރާއްޖެގަޑިން 21:00 ގައި ޕޯޗުގަލް އާއި ޖަރުމަނު ކުޅޭ މެޗުގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޖަރުމަނު ކޯޗު ވަނީ ރޮނާލްޑޯއަށް ހާއްސަ ސަމާލުކަމެއް ދޭނެކަމަށް ބުނެފައެވެ. ރޮނާލްޑޯ ވަނީ އޭނާގެ ފުރަތަމަ މެޗުގައި ހަންގޭރީ ކޮޅަށް ދެ ލަނޑު ޖަހާފައެވެ.
މަރުގެ ގްރޫޕުގެ ގޮތުގައި ފާހަގަކޮށްލެވޭ ގްރޫޕް އެފްގައި މި ދެ ޓީމު ކުރިމަތިލާއިރު މިއީ މި ދެ ޓީމުގެވެސް ދެވަނަ މެޗެވެ. ޕޯޗުގަލް ކުޅުނު ފުރަތަމަ މެޗުގައި ވަނީ ހަންގޭރީ 3-0 އިން ބަލިކޮށްފައެވެ. އަދި ފްރާންސް ވަނީ 1-0 އިން ޖަރުމަނު ބަލިކޮށްފައެވެ. އެހެންކަމުން މި މެޗަކީ ޖަރުމަނަށް މުހިއްމު މެޗެކެވެ. މި މެޗުން ބަލިވެއްޖެ ނަމަ އެ ޓީމަށް ދެވަނަބުރަށް ދިއުމުގެ އަމިއްލަ ބާރު ގެއްލޭނެއެެވެ
ޕޯޗުގަލް މެޗުގެކުރިން ނޫސްވެރިންނާއި ވާހަކަދައްކަމުން ޖަރުމަނު ކޯޗު ބުނީ ޕޯޗުގަލްއަކީ ހަމައެކަނި ރޮނާލްޑޯގެ މައްޗަށް ބިނާވެފައިވާ ޓީމެއްނޫން ކަމަށާއި އެއީ ކޮންމެ ޓީމަކުންވެސް އެންމެ ވިސްނާނެ އެއް ކުޅުންތެރިޔާ ކަމަށް ބުނެފައެވެ.
"ރޮނާލްޑޯގެ އިތުރަށް އެ ޓީމުގައި އެބަތިބި ސަމާލުކަން ދޭންޖެހޭ އިތުރު ކުޅުންތެރިން، އަހަރެމެން އެއް ކުޅުންތެރިއަކަށް ވިސްނަން ހަދަންޏާ ލަނޑެއް ލިބޭނީ، އެހެންވީމަ ހަމައެކަނި ރޮނާލްޑޯއަށް ނޫން ވިސްނާނީ، އެހެން ކުޅުންތެރިންނަށް ވެސް އެ ސަމާލުކަން ދޭނަން، މެޗުން މޮޅުވެވެން ކުރެވެން އޮތްހާ ކަމެއް ކުރާނަން" މެޗުގެ ކުރިން ޔޯހައިމް ލޯ ބުންޏެެވެ.
ލޯ ވަނީ ފުރަތަމަ މެޗަށްފަހު ރަނގަޅުކުރަން ޖެހޭ ގިނަ ކަންކަން ފާހަގަވި ކަމަށާއި ދެވަނަ މެޗާއި ކުރިމަތިލާއިރު އެ ކަންކަން ރަނގަޅުވެގެންދާނެ ކަމަށް އުއްމީދުކުރާ ކަމަށެވެ. އަދި ޖަރުމަނު ކުޅޭ ވައްޓަފާޅިއާއި ޕޯޗުގަލްގެ ވައްޓަފާޅި ތަފާތު ކަމަށާއި މި މެޗުގައި ޖަރުމަނުން ކުޅޭނީ ކުރީގައި އެ ޓީމުގެ ފަރާތުން ފެނުނު ރީތި ފުޓުބޯޅަ ކަމަށް ކޯޗު ފާހަގަކުރި އެވެ.
ރޮނާލްޑޯ އެހާ ފޮނިދައްކާ ތުއި ދައްކަންވެސް މޮޅުވާނެ. ފައިގަ ބޯޅަ ޖެހުމާ އެއްކޮށް ބަލާލާނެ ކެމެރާއަށް